ހިސާބު ޢިލްމާއި، ދިވެހި ސަގާފަތާއި އަދި ތަޢުލީމީ ދާއިރާގެ ގުޅުންތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ނެރެވުނު ފުރަތަމަ ޢިލްމީ ފޮތް މިއަދު ނެރެފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު އާދަމް ލިޔުއްވި "މެތަމެޓިކަލް ތިންކިން އިން ދަ މޯލްޑިވްސް – އެތުނޯމެތަމެޓިކްސް، ކަލްޗުރަލް ހެރިޓޭޗް އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން" ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ފޮތަކީ، ދިވެހިރާއްޖޭގައި ހިސާބުގެ އިލްމާއި ފިކުރު ބައްޓަންވެފައިވާ ގޮތް: ސަގާފީ ހިސާބުއިލްމާއި، އާދަކާދައިގެ ތެރެއިން އައިސްފައިވާ ތަރިކަ އަދި ތައުލީމީ މަންހަޖުގައި ލާމެހިފައިވާ މިންވަރުގެ މައްޗަށް ކުރިއަށް ގެންދިޔަ ދިރާސާގެ އަލީގައި ލިޔެފައިވާ ފޮތެކެވެ.
މި ފޮތާ ބެހޭ ގޮތުން ޑރ،ޝެހެނާޒު ވިދާޅުވީ، އެއީ ފޮތެއް ލިޔުމުގެ ނިޔަތަށްވުރެ ބޮޑަށް، "އަޅުގަނޑުމެންގެ އަމިއްލަ ސަގާފަތުގެ ތެރެއިން ހިސާބު އިލްމު ފެންނަން އެބައޮތްތޯ؟" މި ސުވާލާއެކު ފެށުނު ދިގު ދަތުރެއްގެ ނިމުން ކަމަށެވެ.
ޑރ. ޝެހެނާޒު ވިދާޅުވީ، ހިސާބު އިލްމަށް އޭނާގެ ޝައުޤުވެރިކަން އުފެދުނީ އަޅުގަނޑަކީ ހިސާބު މުދައްރިސަކަށް ނުވަތަ ދިރާސާވެރިއަކަށް ވުމުގެ މާ ކުރިން، ޅަ ދުވަސްވަރުގައި ކަމަށެވެ.

"ފުރަތަމަ ހިސާބު މުދައްރިސަކީ އަޅުގަނޑުގެ މަރުޙޫމް ބައްޕަ ބައްޕަ އަބަދުވެސް އަޅުގަނޑަށް ހިސާބު ކިޔައިދެއްވީ ހަމައެކަނި ޖަވާބު ދަސްކުރުމުގެ ބަދަލުގައި، ވިސްނައިގެން ކަންކަން ހައްލުކުރުމަށް ބާރުއަޅުއްވައިގެން. އޭރު އަޅުގަނޑަށް ދަސްވީ ހަމައެކަނި ހިސާބެއް. އޭގެ ބަދަލުގައި ވިސްނުމުގެ އުފާވެރިކަމާއި، ކަންކަން ހޯދައި ބެލުމުގެ ޝައުޤުވެރިކަން އަޅުގަނޑުގެ ކިބައިގައި އަށަގެންނެވި." ހިސާބަށް ޝައުޤު އުފެދުނު ހިސާބު ޑރ. ޝެހެނާޒު ވިދާޅުވެދެއްވިއެވެ.
"ބައްޕަ އަޅުގަނޑަށް ދަސްކޮށްދެއްވީ ސުވާލު އުފެއްދުމަށާއި ކަންކަން އޮޅުންފިލުވުމަށް އިސްކަންދިނުމަށް. އެ ޝައުޤުވެރިކަމަކީ އަޅުގަނޑުގެ މުޅި ދިރިއުޅުމުގެ ބިންގަލަށްވެ، ހިސާބު މުދައްރިސަކަށް ވުމަށް މަގުފަހިވި ސަބަބު"
ޑރ. ޝެހެނާޒު ވިދާޅުވީ، ބެޗްލާސް ޑިގްރީގައި ކިޔަވަމުންދިޔަ ދުވަސްވަރު، ހިސާބު އިލްމުގެ ތާރީޚާ ގުޅޭ މާއްދާއެއް ކިޔެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށާއި އެކި ސަގާފަތްތަކާއި މުޖުތަމަޢުތަކުން ހިސާބު އިލްމު ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތަކާއި، އެކި ފޯމިއުލާތައް އުފެދިގެން އައި ގޮތްތައް ފެނިވަޑައިގެންނެވުމުން ހިސާބު އިލްމަކީ ވަކިވެފައިވާ އެއްޗެއް ނޫންކަމާއި، އެއީ އިންސާނީ ސަގާފަތާއި ގުޅިފައިވާ އެއްޗެއްކަން ފާހަގަކުރެއްވުނު ކަމަށެވެ. މާސްޓާސްއަށް ކިޔެވި ދުވަސްވަރު 'އެތްނޯމެތަމެޓިކްސް' (ސަގާފީ ހިސާބު އިލްމު) އާ ބެހޭގޮތުން ދަސްވުމުން މި ޝައުޤުވެރިކަން އިތުރަށް ވަރުގަދަވިމަށް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާސްޓާސް ދިރާސާގައި އަމާޒު ހިފީ ދިވެހި ސަގާފަތުގެ ތެރޭގައި ހިސާބު އިލްމު ބޭނުންކުރެވިފައިވާ މިންވަރު ހޯދުމަށް ކަމަށާއި އެއީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ ފައިދާހުރި އެއް ތަޖުރިބާކަމަށެވެ.

މި ދިރާސާއަށްޓަކައި ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށް، މަސްވެރިންނާއި، ވަޑާންކުރާ މީހުންނާއި، ރާނާ މީހުންނާއި، ކުނާ ވިޔާ މީހުންނާއި، ރޯނުވަށާ މީހުންނާއި ރާވެރިންނާއި އޮނޑިދޯނިފަހަރު ބަންނަ މީހުންނާ ބައްދަލުކޮށް އެމީހުންގެ ކޮންމެ ދުވަހެއްގެ މަސައްކަތުގައި ހިސާބުގެ އުސޫލުތައް ބޭނުންކުރާ ގޮތް ގާތުން ބަލައި ދިރާސާ ކުރއްވި ކަމަށް ޑރ. ޝެހެނާޒު ވިދާޅުވިއެވެ. އަދި ތާރީޚީ ލިޔުންތަކާއި، ލައިބްރަރީގައި ހުރި ލިޔެކިޔުންތަކާއި، ދުވަސްވީ ހިސާބު ފޮތްތައް ދިރާސާކުރިކަމަށް ވެސް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
"ތާރީޚީ ޢިލްމުވެރިންނާއި، ބަހުގެ މާހިރުންނާއި، ތަޢުލީމީ ދާއިރާގެ ބޭފުޅުންނާ ބައްދަލުކޮށް، ދިވެހި ހިސާބު އިލްމަށް ޢަރަބި-އިސްލާމީ އާދަކާދައާއި ދެކުނު އޭޝިއާ އަދި ޗައިނާ ފަދަ ޤައުމުތަކުގެ ނުފޫޒު ފޯރާފައިވާ ގޮތް ދެނެގަތުމަށް ކުރި މި ދިރާސާއިން އެނގުނީ ހިސާބު އިލްމަކީ އަބަދުވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއްކަން"
ޑރ. ޝެހެނާޒު ވިދާޅުވި ގޮތުގައި، ދޯނި ބަނުމުގައި، ކުރެހުމެއް ނެތި މިންތައް ސިކުނޑީގައި ކުރަހާލައިގެން ކުރާ މަސައްކަތްތަކަކީ ހައިރާންވާފަދަ ހިސާބުގެ އިލްމީ މަސައްކަތްތަކެކެވެ. މަސްވެރިން ދުރުމިން ބަލާ ގޮތާއި، އޮއިވަރާއި މިސްރާބު ދެނެގަންނަ ގޮތަކީ ވެސް ހަމަ މިފަދަ ހުނަރުވެރި މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
" ދޯނިވަޑާމުގެ މާހިރެއްގެ ގާތުގައި، އެއްވެސް ކުރެހުމެއް ނެތި ދޯނީގެ މިންތައް އެނގެނީ ކިހިނެއްތޯ ސުވާލުކުރުމުން އޭނާ ހިނިތުންވެލާފައި ބުންޏެވެ، "އަހަރެން މި އުޅެނީ ދޯނި ބޮލަށް ލައިގެންނެވެ." އޭނާ އެ ބޭނުންކުރީ ޖީލުތަކުން ވާރުތަވަމުން އައި ހިސާބުގެ ހުނަރެއް" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
ޑރ، ޝެހެނާޒު ވިދާޅުވި ގޮތުގައި، އޭނާއަށް ފާހަގަކުރެވުނު އަނެއް ކަމަކީ، 1960 ގެ އަހަރުތަކާ ހަމައަށް ރާއްޖޭގައި ބޭނުންކުރަމުން އައީ 'ބޭސް-ޓްވެލްވް' (ބާރައިގެ ބައިތަކަށް ބަހާލެވިފައިވާ) ނިޒާމެއް ކަމެވެ. މިއަދުވެސް "ފަސްދޮޅަސް" (ފަސް ބާރަ) ފަދަ ބަސްތަކުން މިކަމުގެ ހެކި ފެންނަން އެބަހުއްޓެވެ.
އެތްނޯމެތަމެޓިކްސް އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، ހިސާބަކީ މުޅި ދުނިޔެއަށް އޮތް އެއްޗަކަށް ވިޔަސް، ކޮންމެ ސަގާފަތެއްގައި ވެސް ކަންކަން މިނެކިރާނެ އަމިއްލަ ގޮތްތަކެއް ހުންނަ ކަމާއި މިސާލަކަށް "ފޫޓު" މި މިނަކީ ކުރީގައި މީހެއްގެ ފައިގެ ދިގުމިނަށް ބަލައިގެން އުފެދުނު މިނެއްކަން އޭނާ ބަޔާން ކުރެއްވިއެވެ.
މާސްޓާސް ދިރާސާ ނިންމެވިއިރު، ކުދިންގެ އަމިއްލަ ސަގާފަތުގައި ހިސާބު އެކުލެވިފައިވާއިރު، "ގިނަ ކުދިންނަށް ހިސާބު ކިޔަވަން އުނދަގޫވަނީ ކީއްވެގެންތޯ ގިނަ ކުދިން ސުވާލުކުރާ ކަމށާއި "އަޅުގަނޑުމެން އަލްޖެބްރާ ކިޔަވަނީ ކީއްވެގެންތޯ؟" ނުވަތަ "އަޅުގަނޑުމެންގެ އަމަލީ ދިރިއުޅުމުގައި 'x' އާއި 'y' ބޭނުންކުރާނީ ކޮންތާކުތޯ؟ ވެސް އެކުދިން ސުވާލުކުރާ ކަމަށް ޝެހެނާޒު ވިދާޅުވިއެވެ.
"ގިނަ ފަހަރަށް ކުދިންނަށް މިކަން އުނދަގޫވަނީ އެކުދިންގެ ކިބައިގައި ގާބިލިއްޔަތު ނެތުމަކުން ނޫން. އެކުދިންނަށް އުނދަގޫވަނީ ކިޔަވާ އެއްޗަކާއި އެކުދިންގެ އަމަލީ ދިރިއުޅުމާ ހުރި ގުޅުން ނުފެންނާތީ. މި ސުވާލަކީ އަޅުގަނޑުގެ ޕީ.އެޗް.ޑީ ދިރާސާގެ އަސްލު" ޑރ. ޝެހެނާޒު މިއަދު ވިދާޅުވިއެވެ.
ޑރ. ޝެހެނާޒު ވިދާޅުވި ގޮތުގައި، އޭނާ ބޭނުންވީ ދަރިވަރުންގެ ސަގާފަތާއި ކޮންމެ ދުވަހެއްގެ ތަޖުރިބާތަކާ ހިސާބު އިލްމު ގުޅުވާލުމުން، އުނގެނުމަށް އަންނަ ބަދަލުތައް ދެނެގަތުމެވެ. ނަތީޖާއަކީ ދިވެހި ސަގާފީ އިލްމާއި ރަސްމީ ހިސާބު އިލްމު އެކުލެވޭ "އެތްނޯމެތަމެޓިކަލް ކަރިކިއުލަމް" މޮޑެލްއެއް އުފެދިގެން ދިއުމެވެ.
މި މޮޑެލް ސްކޫލްތަކުގައި ތަޖުރިބާކުރި އިރު ފެނިގެންދިޔަ ނަތީޖާތަކަކީ ވަރަށް އުންމީދީ ނަތީޖާއެއް ކަމަށާއި ކުދިންގެ ޝައުޤުވެރިކަން އިތުރުވެ، ހިސާބު މާއްދާއަށް އޮތް ލޯބި ބޮޑުވެގެންދިޔަކަމަށް ޑރ. ޝެހެނާޒު ވިދާޅުވިއެވެ. އޭގެ ފަހުން އެލަސްކާގައި ކުރި ދިރާސާތަކުން ވެސް ޔަގީންވި އެއް ކަމަކީ ކުދިންނަށް އެންމެ ރަނގަޅަށް ދަސްވަނީ، އެކުދިންނަކީ ކޮންބައެއްކަމާއި، އެކުދިން އައީ ކޮންތަނަކުންކަން ދެނެގަނެ، އެކުދިންނަށް އެނގޭ އެއްޗެއްގެ މައްޗަށް ބިނާކޮށް އުނގަންނައިދިނުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.
އެނާގެ ދިރާސާގެ އަލީގައި ޑރ، ޝެހެނާޒު ވިދާޅުވީ، ތަރިކައަކީ ހަމައެކަނި ބިނާތަކާއި އާސާރީ ތަންތަނެއް ނޫން ކަމަށާއި ތަރިކައަކީ އިލްމެއް ކަމަށެވެ.
"ތަރިކައަކީ އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދޭ ހިކުމަތެއް. އަޅުގަނޑުމެންގެ ކާބަފައިން ހިސާބުކޮށް، މިނެކިރައި، ދޯނިފަހަރު ބަނދެ، ކަނޑު ދަތުރުފަތުރުކޮށް، ކަންކަން ހައްލުކުރި ގޮތްތައް." ތަފުޞީލުކޮށް ދެމުން ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
ޑރ، ޝެހެނާޒު ވިދާޅުވީ، އޭނާގެ ފޮތަކީ ގިނަ އަހަރުތަކެއްގެ ދިރާސާގެ ނަތީޖާ ކަމަށާއި އުންމީދަކީ އެ ފޮތުގެ ސަބަބުން މުދައްރިސުންނާއި، މުޤައްރަރު އެކުލަވާލާ ފަރާތްތަކާއި، ދަރިވަރުންނަށް އައު ހޯދުންތަކެއް ލިބިގެންދިއުން ކަމަށެވެ.
މި ފޮތުން ދޭން ބޭނުންވާ އެންމެ މުހިންމު މެސެޖަކީ، "ހިސާބު އިލްމު ފެށެނީ ފޮތަކުން ނޫނެވެ. އެއީ އަޅުގަނޑުމެންގެ ގޭތެރެއިންނާއި، މުޖުތަމަޢުންނާއި، ސަގާފަތުގެ ތެރެއިން ފެށޭ އެއްޗެކެވެ. ހަގީގަތުގައި ހިސާބާ ނުލައި އަޅުގަނޑުމެންނަށް ދިރިއެއް ނޫޅެވޭނެއެވެ. ކޮންމެ ދުވަހަކު ކަންކަން މިނެކިރާ އިރު، ތަކެތި އަޅާކިޔާ އިރު، ކައްކާއިރު، ވިޔަފާރިކުރާ އިރު ވެސް އަޅުގަނޑުމެން މި ބޭނުންކުރަނީ ހިސާބެވެ. ކުދިންނަށް މިކަން ވިސްނޭ ދުވަހަކުން، "ހިސާބު ކިޔަވަނީ ކީއްކުރަންތޯ" މިކުރާ ސުވާލު ހުއްޓޭނެއެވެ. އޭގެ ބަދަލުގައި، ހިސާބަކީ އެކުދިންގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ދެކެން ފަށާނެ" ޑރ. ޝެހެނާޒުގެ ދިރާސާގެ މައްޗަށް ލިޔުއްވި ފޮތުގައި ދިން މެސެޖް ކުރުކޮށް ވިދާޅިއެވެ.
މި ފޮތުގެ އެންމެ މުހިންމު އެއް ބަޔަކީ، ސަޤާފީ މަޢުލޫމާތުތައް ތަޢުލީމީ، މަންހަޖުގެ ތެރެއަށް، ވައްދާނެ ގޮތުގެ ނަމޫނާއެއް ހުށަހަޅާފައިވުމެވެ. މިއީ މުދައްރިސުންނަށް ހިސާބުގެ ފިލާވަޅުތައް ދަރިވަރުންގެ ދިރިއުޅުމާއި، ސަޤާފަތާ ގުޅުވައިގެން އުނގަންނައިދިނުމަށް މަގުފަހިކޮށްދޭނެ އޮނިގަނޑެކެވެ. މީގެ ސަބަބުން، ދަރިވަރުންނަށް އުނގެނުމަށް، ޝައުޤުވެރިކަން އިތުރުވެ އަމިއްލަ ނަފުސަށް އޮންނަ: ލޯބި ބޮޑުވެގެންދާނެއެވެ.
advertisment
ހިޔާލު