ޢަބްދުﷲ ނަޞީޙް
އުނގެނުމުގެ ނުކުޅެދުންތެރިކަމަކީ (Learning Disabilities) އިންސާނާގެ މުޅި އުމުރަށް ދެމީގެންދާ، ސިކުނޑީގެ ނާރުތަކާ ގުޅުންހުރި ކަމެކެވެ. މީގެ ސަބަބުން މަޢުލޫމާތު ހޯދުމާއި، ދެނެގަތުމާއި، ރައްކާކުރުމާއި އަދި މުޢާމަލާތްކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެއެވެ. މީގެ ތެރޭގައި ކިޔުމާއި، ލިޔުމާއި، ހިސާބު ޢިލްމާއި، ސަމާލުކަން ދިނުމާއި، މުޢާމަލާތްކުރުން އަދި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުން ފަދަ ކަންކަމަށް އަސަރުކުރެއެވެ. ބަަލައިގަންނަންޖެހޭ އެންމެ މުހިންމު ހަގީގަތަކީ، އުނގެނުމުގެ ނުކުޅެދުންތެރިކަމަކީ ކުއްޖާގެ ބުއްދިވެރިކަމާ ނުވަތަ ކިޔަވަން ބޭނުންވާ މިންވަރާ ގުޅުންހުރި ކަމެއް ނޫންކަމެވެ. މިފަދަ ކުދިންނަކީ އާންމުކޮށް ވިސްނުން ތޫނު ކުދިންނަށް ވީނަމަވެސް، އެކުދިންގެ ފުރިހަމަ ޤާބިލިއްޔަތު ބޭނުންކުރުމަށްޓަކައި ތަފާތު ގޮތްގޮތަށް އުނގަންނައިދިނުން ބޭނުންވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން (WHO) ހާމަކުރާ ގޮތުގައި، އުނގެނުމުގެ ނުކުޅެދުންތެރިކަން މެދުވެރިވަނީ ސިކުނޑީގެ ތަރައްޤީއަށާއި މަޢުލޫމާތު ދެނެގަތުމަށް އަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ. އަވަސް މުއްދަތެއްގައި މިކަން ދެނެގަނެ، އެކަށީގެންވާ ތަޢުލީމީ އެހީތެރިކަން ފޯރުކޮށްދީފިނަމަ، މިކުދިންނަކީ ތަޢުލީމީ ދާއިރާއިން ބޮޑެތި ކާމިޔާބީތައް ހޯދައި، މުޖުތަމަޢަށް ފައިދާހުރި ކާމިޔާބު ބަޔަކަށް ވެވިދާނެއެވެ.
ޝާމިލު ތަޢުލީމުގެ (Inclusive Education) މައިގަނޑު އަސާސަކީ ކޮންމެ ދަރިވަރަކީވެސް ތަފާތު ހުނަރުތަކެއް ލިބިފައިވާ ކުއްޖެއްކަން ގަބޫލުކުރުމެވެ. އެހެންކަމުން، ހުރިހާ ކުދިން އެއްގޮތަކަށް އުނގެނޭނެ ކަމަށް އުންމީދު ކުރުމުގެ ބަދަލުގައި، މިހާރުގެ ތަޢުލީމީ ނިޒާމު ބައްޓަންކުރެވިފައިވަނީ ކުދިންގެ ތަފާތު ބޭނުންތަކަށް ރިޢާޔަތްކޮށް، އުނގަންނައިދިނުމުގެ އުސްލޫބުތަކަށް ބަދަލު ގެނައުމަށެވެ.

އުނގެނުމުގެ ނުކުޅެދުންތެރިކަމަކީ ކޮބައި؟
އުނގެނުމުގެ ނުކުޅެދުންތެރިކަމަކީ އުނގެނުމާ ގުޅޭ ނާރުތަކުގެ ނިޒާމަށް ދިމާވާ މައްސަލަތަކެކެވެ. މީގެ ސަބަބުން ކުއްޖާގެ ޖުމްލަ ވިސްނުމަށް ބަދަލެއް ނައި ނަމަވެސް، ވަކި ޚާއްޞަ ތަޢުލީމީ ހުނަރުތަކެއް ދަސްކުރުމުގައި ހުރަސްތަކެއް ކުރިމަތިވެއެވެ. މިފަދަ ކުދިން ބައެއް މާއްދާތަކުން ނުވަތަ ދާއިރާތަކުން ނުހަނު މޮޅުވާއިރު، އަނެއްބައި ދާއިރާތަކުން އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ.
ޢާންމުކޮށް މިކަން ފާހަގަވާން ފަށަނީ ސްކޫލްގެ ފެށޭ އަހަރުތަކުގައެވެ. ބައެއް ކުދިންނަށް އަކުރުތަކާއި އަޑުތައް ވަކިކުރަން އުނދަގޫވާއިރު، އަނެއްބައި ކުދިންނަށް ލިޔުމާއި، ހިސާބު ޢިލްމާއި، ނުވަތަ ސަމާލުކަން ދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ނިސްބަތުން %5 އާއި %15 އާ ދެމެދުގެ ކުދިންނަކީ ކޮންމެވެސް ބާވަތެއްގެ އުނގެނުމުގެ ނުކުޅެދުންތެރިކަމެއް ހުންނަ ކުދިންނެވެ.
ކިޔުމުގެ ދަތިކަން -Dyslexia)ޑިސްލެކްސިއާ)
ޑިސްލެކްސިއާއަކީ ކިޔުމާއި ބަހުގެ ހުނަރުތަކަށް އަސަރުކުރާ، އުނގެނުމުގެ ނުކުޅެދުންތެރިކަމުގެ އެންމެ އާންމު ބާވަތެވެ. މިކަން ހުންނަ ކުދިންނަށް ލަފުޒުތައް ދެނެގަތުމާއި، ފަރިތަކޮށް ކިޔުމާއި، އަދި ކިޔާ އެއްޗެއްގެ މާނަ ދެނެގަތުމަށް ދަތިވެއެވެ. މިއީ އަކުރުތަކާއި އަޑުތަކާ ހުންނަ ގުޅުން ސިކުނޑިން ދެނެގަންނަ ގޮތް ތަފާތުވުމުން ދިމާވާ ކަމެކެވެ.
މިފަދަ ކުދިން ކިޔާއިރު ލަސްވުމާއި، ވައްތަރު އަކުރުތައް އޮޅުމާއި، އިމްލާ ކުށް ގިނަވުން ފަދަ ކަންކަން ފާހަގަކުރެވޭނެއެވެ. ނަމަވެސް، މިކުދިންނަކީ އާންމުކޮށް އުފެއްދުންތެރި ވިސްނުމާއި، މައްސަލަ ހައްލުކުރުމުގެ ހުނަރުގައި ވަރަށް ކުރިއަރާފައިވާ ކުދިންނެވެ.
ލިޔުމުގެ ދަތިކަން- Dysgraphia) ޑިސްގްރާފިއާ)
ޑިސްގްރާފިއާއަކީ ލިޔުމުގެ ހުނަރަށާއި އަތުގެ ލިޔުމަށް އަސަރުކުރާ ނުކުޅެދުންތެރިކަމެކެވެ. މިފަދަ ކުދިންނަށް ކަންކަން ރަނގަޅަށް ވިސްނުނު ނަމަވެސް، އެ ވިސްނުންތައް ލިޔުމުން ހާމަކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ލިޔާއިރު އަކުރުތައް ރީތިކޮށް ނުހުރުމާއި، އަކުރުގެ ބޮޑުމިން އެއްވަރު ނުވުމާއި، އަދި ލިޔަން ގިނަ ވަގުތު ނެގުން މީގެ ތެރޭގައި ހިމެނެއެވެ.
މުދައްރިސުންނަށް މިފަދަ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ކީބޯޑު ބޭނުންކުރަން ފުރުޞަތު ދިނުމާއި، އަނގަބަހުން އިމްތިޙާން ކުރެވޭނެ ގޮތްތައް ހަމަޖައްސައިދެވިދާނެއެވެ.
ހިސާބުގެ ދަތިކަން -Dyscalculia) ޑިސްކަލްކިއުލިއާ)
ޑިސްކަލްކިއުލިއާއަކީ ނަންބަރުތަކާއި، ހިސާބުގެ ގުޅުންތަކާއި އަދި ހިސާބު ހެދުމަށް ދިމާވާ ދާއިމީ އުނދަގޫތަކެވެ. މިފަދަ ކުދިންނަށް އަދަދުތަކުގެ ތަރުތީބު އޮޅުމާއި، ހިސާބު ނިޝާންތައް ދެނެގަންނަން އުނދަގޫވުމާއި، ވަގުތު ބަލަން ނުވަތަ ފައިސާގެ މުޢާމަލާތް ކުރަން ދަތިވެދާނެއެވެ.
މިފަދަ ކުދިންނަށް އެހީތެރިވުމަށް އަތުން އަތްލެވޭ ފަދަ ތަކެތި (މިސާލަކަށް ބީޑްސް ނުވަތަ ބްލޮކްސް) ބޭނުންކޮށްގެން ހިސާބު އުނގަންނައިދިނުން މުހިންމެވެ.
ސަމާލުކަން ކުޑަވުމާއި ހަލަނިވުން – ADHD) އޭ.ޑީ.އެޗް.ޑީ)
އޭ.ޑީ.އެޗް.ޑީ އަކީ ސަމާލުކަން ދިނުމާއި، އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމަށް އަސަރުކުރާ ހާލަތެކެވެ. މިއީ ސީދާ އުނގެނުމުގެ ނުކުޅެދުންތެރިކަމެއްގެ ގޮތުގައި ނުބެލެވުނު ނަމަވެސް، ކިޔެވުމަށް މީގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރެއެވެ. މިފަދަ ކުދިން އެއްތަނެއްގައި މަޑުން އިނުމަށް އުނދަގޫވުމާއި، އަވަހަށް ސަމާލުކަން ގެއްލުން ފަދަ ކަންކަން ދިމާވެއެވެ.

އޯޓިޒަމް – Autism Spectrum Disorder) އޭ.އެސް.ޑީ)
އޯޓިޒަމަކީ މުޢާމަލާތްކުރުމާއި، އިޖުތިމާޢީ ގުޅުންތަކާއި، އަދި އުޅުމަށް އަސަރުކުރާ ހާލަތެކެވެ. މިއީ "ސްޕެކްޓްރަމް" އެއްގެ ގޮތުގައި ބެލެވެނީ، ކޮންމެ ކުއްޖެއްގެ ކިބައިންވެސް ފެންނަ އަލާމާތްތަކާއި ހުނަރުތައް ތަފާތުވާތީއެވެ. ބައެއް ކުދިންނަކީ ހަނދާންގަދަވުމާއި، މިއުޒިކް ނުވަތަ ޓެކްނޮލޮޖީގެ ރޮނގުން އާދަޔާޚިލާފު ހުނަރުތަކެއް ލިބިފައިވާ ކުދިންނެވެ.
މުދައްރިސުންނާއި ބެލެނިވެރިންގެ ދައުރު
އަވަހަށް މިފަދަ ކަންކަން ދެނެގަތުމަކީ (Early Identification) ކުއްޖާގެ ކުރިމަގަށް އޮތް އެންމެ ބޮޑު އެހީތެރިކަމެވެ. މުދައްރިސުން ކިޔަވައިދޭއިރު ތަފާތު ވަސީލަތްތައް (Multisensory Learning) ބޭނުންކުރުމާއި، ކުދިންނަށް ހިތްވަރު ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ބެލެނިވެރިންނަކީ ދަރިވަރުގެ ތަޢުލީމީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިންނެވެ. ގޭތެރޭގައި އޯގާތެރި މާޙައުލެއް ގާއިމުކޮށްދިނުމާއި، ކުއްޖާގެ ނުކުޅެދުންތެރިކަމަށްވުރެ ބޮޑަށް އެކުއްޖާގެ ކިބައިގައި ހުރި ހުނަރުތަކަށް އިސްކަންދިނުމަކީ ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާނެ ކަމެކެވެ.
އުނގެނުމުގެ ނުކުޅެދުންތެރިކަމަކީ ކާމިޔާބީއަށް އޮތް ހުރަހެއް ނޫނެވެ. އެއީ ސިކުނޑިން މަޢުލޫމާތު ދަސްކޮށް، ދެނެގަންނަ ގޮތުގައި ހުންނަ ތަފާތެކެވެ. ޑިސްލެކްސިއާ، ޑިސްގްރާފިއާ، ޑިސްކަލްކިއުލިއާ، އޭ.ޑީ.އެޗް.ޑީ އަދި އޯޓިޒަމް ހުންނަ ކުދިންނަކީ، އެކުދިންނަށް އެކަށީގެންވާ އެހީތެރިކަން ލިބިއްޖެނަމަ، ފަރިވެ ފޮޅިދާނެ ފަދަ ތަފާތު ހުނަރުތަކެއް ލިބިފައިވާ ކުދިންނެވެ. މިކަންކަން އަވަހަށް ދެނެގަނެ، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ އުނގަންނައިދިނުމުގެ އުސްލޫބުތައް ބޭނުންކުރުމާއި، ޝާމިލު ތަޢުލީމުގެ ސިޔާސަތުތައް ތަންފީޛުކުރުމަކީ ކޮންމެ ކުއްޖަކަށްވެސް ކުރިއަށްދިއުމުގެ ފުރުޞަތު ފަހިވާނެ ކަންކަމެވެ.
ތަޢުލީމުގެ ހަގީގީ މަޤްޞަދަކީ ހުރިހާ ކުދިން އެއްގޮތަކަށް އުނގެނޭނެ ކަމަށް އުންމީދު ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކާ އެންމެ ގުޅޭ ގޮތަކަށް އުނގެނުމުގެ ފުރުޞަތު ހޯދައިދިނުމެވެ. ކުދިންގެ މެދުގައި ހުންނަ ތަފާތުތައް ބަލައިގަނެ، ކެތްތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދީފިނަމަ، ތަޢުލީމީ އަދި އިޖުތިމާޢީ ގޮތުން ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ފުރިހަމަ ޤާބިލިއްޔަތާ ހަމައަށް ވާޞިލުވެވޭނެ ކުއްޖެކެވެ.
advertisment
ހިޔާލު