ޔުނިސެޕްގެ މާލޭ އޮފީހުގައި 6 މަސްދުވަހުގެ އިންޓާންޝިޕެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޔުނިސެފުން ބުނެފައިވަނީ، ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއިން ވަނީ ތަޢުލީމީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވި ނަމަވެސް، 15 އަހަރާއި 24 އަހަރާ ދެމެދުގެ ގިނަ ޒުވާނުންނަކީ ވަޒީފާއެއްގައި ނުވަތަ ތަޢުލީމީ އަދި ތަމްރީނުދޭ މަރުކަޒެއްގައި ބައިވެރިނުވާ ފަރާތްތައް ކަމަށާއި، އޭގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކެރިއަރ ގައިޑަންސް ނުލިބުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތައް މަދުވުން ހިމެނޭ ކަމަށެވެ. އިންޓާންޝިޕްގެ ގޮތުގައި މަސައްކަތް ކުރާ ޒުވާނުން ހޯދަނީ، މިކަންކަމަށް ޙައްލެއް ހޯދުމަށް ޔުނިސެފުން ކުރިއަށްގެންދާ "އެޑޮލެސެންޓް ސްކިލްސް އެންޑް އެމްޕްލޯޔަބިލިޓީ" (އޭސް) ޕްރޮގްރާމްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ ބޭނުމުގައި ކަމަށެވެ.
މި އިންޓާންޝިޕަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ ޔުނިސެޕްމޯލްޑިވްސްގެ މާލޭ އޮފީހުގެ އެޑިޔުކޭޝަން ސެކްޝަންގައެވެ.
އިންޓާންޝިޕްގެ ބޭނުން:
- 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންނަށް މަސައްކަތުގެ މާޙައުލުގައި ތަޖުރިބާ ހޯދައިދިނުން.
- އދ. އަދި ޔުނިސެފް ފަދަ އިދާރާތަކުގައި މަސައްކަތްކޮށްގެން ޒުވާނުންގެ ވަޒީފާގެ ޤާބިލުކަން އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުން.
- ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭހެން، ހުރިހާ ޒުވާނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުން.
ޝަރުޠުތައް:
- ރާއްޖޭގެ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއްގައި ކިޔަވަމުންދާ ނުވަތަ ދާދިފަހުން ކިޔަވައި ނިމިފައިވާ ފަރާތަކަށްވުން.
- ކިޔެވުމުގައި ރަނގަޅު ނަތީޖާ ހޯދާފައިވުން.
- އިނގިރޭސި ބަހުން ވާހަކަދެއްކުމާއި ލިޔުމަށް ފަރިތަވުން.
- އިންޓާންޝިޕްގެ ޒަރީޢާއިން އާ ހުނަރުތަކާއި ތަޖުރިބާ ހޯދުމަށް ޝައުޤުވެރިވުން.
- ޒުވާނުންގެ ތަރައްޤީއާ ގުޅުންހުރި ކަންކަމަށް ޝައުޤުވެރިކަން ހުރުން.
ނޯޓް: އެކަށީގެންވާ ކެންޑިޑޭޓުން ތިބިނަމަ، ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނަށް އިސްކަންދެވޭނެއެވެ.
އިންޓާންޝިޕަށް ނަގާ ފަރާތްތަކުގައި ހުރުން މުހިންމު ސިފަތައް:
ޔުނިސެފްގެ މުވައްޒަފުންގެ ކިބައިގައި އޯގާތެރިކަން، އިޙްތިރާމްކުރުން، ތެދުވެރިކަން، އިތުބާރު އަދި ޒިންމާދާރުކަން ހުންނަންޖެހޭނެއެވެ. މީގެ އިތުރުން މީހުންނާ ގުޅިގެން މަސައްކަތްކުރުމާއި، އާ އީޖާދުތަކަށް ލޯބިކުރުމާއި، އަމާޒަށް ވާޞިލުވުމުގެ ރޫޙު ހުރުން މުހިންމެވެ.
ސަމާލުކަމަށް:
- ޔުނިސެފަކީ ހުރިހާ ދީނެއްގެ، ނަސްލެއްގެ އަދި ޖިންސެއްގެ މީހުންނަށް ހަމަހަމަ ފުރުޞަތުދޭ ތަނެކެވެ.
- ކުޑަކުދިންނާ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޔުނިސެފުން ވަޒީފާއެއް ނުދޭނެއެވެ.
- ވަޒީފާއަށް ހޮވޭ ފަރާތްތަކުގެ ފަސްފަހަތް (Background Check) ރަނގަޅަށް ބަލައި ކަށަވަރުކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވޭ ފަރާތްތަކަކީ ސިއްޙީގޮތުން ޤާބިލު ފަރާތްތަކެއްކަން ކަށަވަރުކުރެވޭނެއެވެ.
ސުންގަޑި: 12 ޖުލައި
ޔުނިސެފަކީ ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމާއި ސަރަޙައްދުގައި، ކުޑަކުދިންގެ ފުރާނަ ސަލާމަތްކުރުމަށާއި، އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ތުއްތުއިރުން ފެށިގެން ފުރާވަރަށް އަޅަންދެން އެކުދިންގެ ކިބައިގައިވާ ހުނަރުތައް ފުރިހަމައަށް ތަރައްޤީކުރުމަށް އެހީތެރިވެދޭ ޖަމްޢިއްޔާއެކެވެ.
ޔުނިސެފުން ކުރާ މަސައްކަތްތަކަކީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އެއީ ކޮންމެ ކުއްޖެއްގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރެވޭ މަތިވެރި މަސައްކަތެކެވެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ފަޚުރުވެރިކަމާއެކު، ނުހަނު އިޚްލާޞްތެރިކަމާއެކުގައެވެ.
ޔުނިސެފަކީ މުވައްޒަފުންގެ ހުނަރުތައް އިތުރުކުރުމަށް ތަފާތު ފުރުޞަތުތައް ފަހިކޮށްދޭ، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކުޑަކުދިންނާއި މުޖުތަމަޢުތަކަށް ޚިދުމަތްކުރުމުގެ މަތިވެރި މަޤްޞަދުގައި މަސައްކަތްކުރާ ތަނެކެވެ. ތަފާތު ސަގާފަތްތަކަށް އިޙްތިރާމްކުރާ، ހީވާގި މާޙައުލެއްގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ކިޔާނެ ކަމަށް ޔުނިސެފު މޯލްޑިވްސްއިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު