ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރަން ދަރިވަރުންނާއި މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މިއަދު އިފްތިތާޙު ކޮށްފިއެވެ.
"މީސަލްސް އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް" އެމްއެންޔޫގައި އިތްތިތާޙުކޮށް ދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ރަފީޤުއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްއާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެންނެވެ.
ޝަރަފުވެރިމެހުމާނު، ސްޓޭޓް މިނިސްޓަރު ރަފީޤު ވިދާޅުވީ، މާލެ ސަރަހައްދުގައި، މިހާރު ފެތުރެމުންދާ މީސަލްސް އައުޓްބްރޭކްގައި 66 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެންނަނީ ވެސް 15 އަހަރާއި 39 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އެހެންވެ ސްކޫލްދަރިވަރުންނާއި ކޮލެޖް ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުން މީސަލްސް ޖެހުން މުހިންމުކަން ފާހަގަކުރެއްވިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 8000 އެއްހާ ދަރިވަރުންނާއި 700 އެއްހާ މުވައްޒަފުން ހިމެނޭ ބޮޑު އާއިލާއެއް ކަމަށާއި އެ އާއިލާގެ ސިއްޙީ ރައްކާތެރިކަމާ ދުޅަހެޔޮކަން ރައްކާތެރި ކުރުމަށް، ޒިންމާއެއްގެ އިތުރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމަށެވެ.
މީސަލްސްއަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ނަމަވެސް މިއީ ވެކްސިން ދިނުމުން ފަސޭހަކަމާއެކު ރައްކާތެރިވެވިދާނެ ބައެއްޔެއް ކަމަށާއި މިއަދު ފެށި ވެކްސިން ޕްރޮގްރާމަކީ އެމްއެންޔޫގެ ކެމްޕަސްތަކުގެ ސިއްޙީ ރައްކާތެރިކަން އިތުރުކޮށް ބަލިފެތުރުން ހުއްޓުވުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތަށް ލިބޭ ބޮޑު ބާރެއް ކަމަށް ޑރ. ޝެހެނާޒު ވިދާޅުވިއެވެ. މިކަމުގައި ބައިވެރިވުމުން އެ މުވައްޒަފުންގެ އަމިއްލަ ނަފުސުގެ އިތުރުން އެ މުވައްޒަފުންގެ އާއިލާތަކާއި އެކުގައި މަސައްކަތްކުރާ މީހުން ބަލިން ރައްކާތެރިވުމަށް މަގުފަހިވެގެންދާނެ ކަމަށާއި އިލްމީ ހަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ގޮތް ނިންމުމާއި އާންމުން ހޭލުންތެރިކަން އިތުރުކުރުވުމުގައި ޔުނިވަރސިޓީތަކުގެ ދައުރު ނުހަނު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
ތައުލީމާއި ދިރާސާ އަދި އިޖްތިމާއީ ޚިދުމަތަށް ޚާއްޞަވެފައިވާ މުއައްސަސާއެއްގެ ހައިސިއްޔަތުން މުޖްތަމައުގެ ދުޅަހެޔޮކަމަށް މަގުފަހިވާފަދަ ކޮންމެ ކަމެއްގައި އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޑރ، ޝެހެނާޒު ދެއްވިއެވެ. ވެކްސިން ޖެހުމަށް ޝަރުޠު ހަމަވާ މުއައްޒަފުންނާއި ދަރިވަރުން މި ކެމްޕޭނުގައި ފުރިހަމައަށް ބައިވެރިވުމަށާއި އަދި މިކަމާ ގުޅިގެން ކުރިއަށް ގެންދާ ހޭލުންތެރިކުރުވުމުގެ ކެމްޕެއިން ތަކަށް އެއްބާރުލުން ދިނުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީސަލްސް ވެކްސިން ދިނުން އެމްއެންޔޫގައި ކުރިއަށް ގެންދާނީ ފެކަލްޓީ އޮފް ހެލްތު ސައިންސާއި ބިޒްނަސް ސްކޫލުގެ އިތުރުން އެމްއެންޔޫގެ އިދާރީ މައި ކެމްޕަސްގައެވެ.
advertisment
ހިޔާލު