ވޯލްޑްކަޕް ފެށިފަހުން ސްކޫލަށް ނުދާ ކުދިންގެ އަދަދު 8000ން މައްޗަށް ގޮސްފައިވާތީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މި ދުވަސްވަރަކީ ވޯލްޑްކަޕްގެ ދުވަސްވަރުކަމަށާއި އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ ކަންބޮޑުވާންޖެހޭވަރުގެ މައްސަލައެއް ކަމަށެވެ.
ޑރ. އިސްމާއިލް ވިދާޅުވީ، ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ކަމަށެވެ.
"ސްކޫލަށް ހާޒިރު ނުވެ، ފިލާވަޅުތައް ގެއްލޭނަމަ ނަތީޖާއަށް އަސަރު ކުރާނެ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މައްސަލައިގައި ބެލެނިވެރިންނާއި މުދައްރިސުން ވެސް އެކަމާމެދު ވިސްނަން ޖެހޭ ކަމަށެވެ.
"ބެލެނިވެރިން ވިސްނަން އެބަޖެހޭ. އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް" ތައުލީމީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ދުވަސްވަރު ސްކޫލަށްދާ ކުދިންނާއި ނުދާ ކުދިންގެ އަދަދު ވަކިވަކިން ބަލަމުންދާ ކަމަށެވެ. އެކަމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށް މި މަހުން ފެށިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދަނީ ސްކޫލަށް ހާޒިރުވާ ކުދިންނާއި ހާޒިރުނުވާ ކުދިން ވަކިވަކިން ބަލަމުން. ސްކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމަށް ނުބައި އަސަރު ކުރާނެ ކަމެއް" ޑރ. އިސްމާއިލް ވިދާޅުވިއެވެ.
advertisment
ހިޔާލު