ކުދިންނަށް އަދަބުދިނުމުގެ ގޮތުން ޖެހުމަކީ، ސްކޫލް އިމްތިޙާނުތަކުން ލިބޭ ނަތީޖާ ދަށްވުމަށް ނުވަތަ ފުރާވަރުގެ އުމުރުގައި ނުރައްކާތެރި އަމަލުތަކަށް މަގުފަހިވާ ކަމެއް ކަމަށް އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ.
ޔުނިވަރސިޓީ ކޮލެޖް ލަންޑަން (ޔޫ.ސީ.އެލް) ގެ ދިރާސާވެރިން ވަނީ 2000 އާއި 2002 އާ ދެމެދު އިނގިރޭސިވިލާތުގައި އުފަންވި 19,000 ކުދިންގެ އުމުރުން ތިން އަހަރު، ފަސް އަހަރު އަދި ހަތް އަހަރުގައި، ހަށިގަނޑަށް އަދަބުދިނުމުގެ ސަބަބުން ކުރާ އަސަރުތައް ދިރާސާކޮށްފައެވެ.
އެ ދިރާސާވެރިން ފާހަގަކުރި ގޮތުގައި، ކުދިންގެ ގައިގައި ޖެހުމަކީ އެއްވެސް ފައިދާއެއް ކުރާ ކަމެއް ނޫނެވެ. އަދި ސްކޮޓްލޭންޑާއި ވޭލްސްއެކޭ އެއްފަދައިން، އިންގްލޭންޑާއި ނޮދަން އަޔަލޭންޑްގައި ވެސް މިކަން ގާނޫނީ ގޮތުން މަނާކުރުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ. އިންގްލޭންޑްގެ ޑިޕާޓްމަންޓް ފޯ އެޑިއުކޭޝަނުން ބުނެފައިވަނީ، ކުދިންގެ ގައިގައި ޖެހުމާ ގުޅޭ ގާނޫނަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން މިވަގުތު ނުގެންގުޅޭ ކަމަށެވެ. ނަމަވެސް، ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ދިރާސާގައި އިސްކޮށް އުޅުއްވި އެސޯސިއޭޓް ޕްރޮފެސަރ އަންޖާ ހީލްމަން ވިދާޅުވެފައިވާ ގޮތުގައި، ކުދިންގެ ގައިގައި ޖެހުމަކީ އެކުދިންނަށް އެއްވެސް އެހީތެރިކަމެއް ލިބޭ ކަމެއް ނޫން ކަމަށާއި، ދިރާސާއިން ފެނުނު ހުރިހާ ނަތީޖާއަކުން ވެސް ދައްކަނީ އޭގެ ސަބަބުން ލިބޭ ގެއްލުންތަކެވެ.
ދިރާސާގެ ބައެއްގެ ގޮތުގައި، އިންގްލޭންޑްގެ 7,559 ޖީ.ސީ.އީ ދަރިވަރުންގެ ނަތީޖާތައް ނޭޝަނަލް ޕިއުޕިލް ޑޭޓާބޭސްއާ އަޅާކިޔައި، އެކުދިން އިމްތިޙާނުތަކުން ހޯދި މާކްސްތައް ދިރާސާކޮށްފައިވެއެވެ. އޭގެއިން ފާހަގަވީ، ކުޑައިރު ޖަހައި އަދަބުދީފައިވާ ކުދިންގެ ތެރެއިން، އިނގިރޭސި އާއި ހިސާބު ހިމެނޭހެން ޖީ.ސީ.އީގެ ފަސް މާއްދާއިން ފާސްނުވުމުގެ ފުރުސަތު 5.7 އިންސައްތަ އިތުރުވެފައިވާ ކަމެވެ.
މީގެ އިތުރުން، ކުޑައިރު ޖިސްމާނީ އަދަބު ލިބިފައިވާ ކުދިން، އުމުރުން 14 އަހަރުގައި އެހެން ކުދިންނަށް ގޯނާކުރުން ފަދަ ނުރައްކާތެރި އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު 33 އިންސައްތަ އިތުރުވާކަން ވެސް ދިރާސާއިން ދައްކައެވެ. މިއީ އޮބްޒަވޭޝަނަލް ނުވަތަ ބަލައިގެން ހޯދާފައިވާ ހޯދުންތަކެކެވެ. އެގޮތުން، މި ނަތީޖާތައް އެއްކޮށްފައިވަނީ އަދަބުދީފައިވާ ކުދިންގެ އާއިލާތަކުން ފުރާފައިވާ ސުވާލު ކަރުދާސްތަކުންނެވެ.
ނަމަވެސް، މި ދިރާސާގައި ބޭނުންކުރި ތަހުލީލުތަކުން، ކުދިންގެ ގައިގައި ޖެހުމާއި ނަތީޖާއާ ދެމެދު ސީދާ ގުޅުމެއް އޮތްކަން ސާބިތެއް ނުކުރެވެއެވެ. ސަބަބަކީ ދިރާސާގެ މުއްދަތުގައި ކުއްޖާގެ ދިރިއުޅުމަށް އަސަރުކޮށްފާނެ އެހެނިހެން ކަންތައްތައް ވެސް ހުރެދާނެތީއެވެ.
ޔުނިވަރސިޓީ އޮފް ކެންޓްގެ އާއިލީ އަދި ބެލެނިވެރިކަމާ ބެހޭ ދިރާސާވެރިއެއް ކަމަށްވާ ޕްރޮފެސަރ އެލީ ލީ ވިދާޅުވީ، ޔޫ.ސީ.އެލްގެ ދިރާސާގެ ނަތީޖާތަކަކީ ގަބޫލުކުރެވޭ ފަދަ ނަތީޖާތަކެއް ކަމަށެވެ. އެކަމަކު، ކުއްޖާގެ ތަރުބިއްޔަތާއި ކުރިއެރުމުގައި ގިނަ ކަންތައްތަކެއް އެކުލެވިގެންވާއިރު، ކޮންމެ ކަމަކަށް ސީދާ އެންމެ ސަބަބެއް ހޯދުމަށް އަވަސްވެގަތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.
ލީ ވިދާޅުވި ގޮތުގައި، ކުދިންނަށް ރަނގަޅަށް ކަންތައް ކުރުމުން އެކުދިން ވެސް ރަނގަޅުވާނެ ކަމަށް ހީކުރުމަކީ ރަނގަޅު ވިސްނުމެކެވެ. ނަމަވެސް، މުޖުތަމައުގެ ގަވާއިދުތަކާއި އަހުލާގީ މިންގަނޑުތައް ދަސްކޮށްދިނުމަށްޓަކައި ބައެއް ފަހަރު ހަރުކަށި އުސޫލުތައް ގެންގުޅެން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
2020 ވަނަ އަހަރު، ސްކޮޓްލޭންޑް ވެގެންދިޔައީ އުމުރުން 16 އަހަރުން ދަށުގެ ކުދިންގެ ގައިގައި ޖެހުން މަނާކުރި އިނގިރޭސިވިލާތުގެ ފުރަތަމަ ސަރަހައްދަށެވެ. އޭގެ ފަހުން 2022 ގައި ވޭލްސްއިން ވެސް ވަނީ އެފަދަ ގާނޫނެއް ފާސްކޮށްފައެވެ. ނަމަވެސް ނޮދަން އަޔަލޭންޑާއި އިންގްލޭންޑްގައި މިކަން އަދިވެސް ގާނޫނީ ގޮތުން މަނައެއް ނޫނެވެ.
މިކަން މަނާކުރުމަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ، މީގެ ސަބަބުން ކުޑަކުދިންނަށް އަނިޔާލިބުމުން ސަލާމަތްވުމުގެ ގާނޫނީ ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ދެކޮޅު ހަދާ ފަރާތްތަކުން ބުނަނީ، މީގެ ސަބަބުން އާދައިގެ ގޮތަކަށް އަދަބުދޭ ބެލެނިވެރިން ކުށްވެރިންގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ.
ސެލްފޯޑްގެ ބޭބީ ކޮލެޖްގެ ވެރިޔާ އެމީ ވުޑްސް ވިދާޅުވާ ގޮތުގައި، އިންގްލޭންޑްގައި ވެސް މިކަން މަނާކުރަން ޖެހެއެވެ. އޭނާ ބުނީ ކުދިން ބޮޑުވުމަށް ބޭނުންވަނީ އޯގާތެރިކަމާއި، ގާތް ގުޅުމެވެ. އަދި ކުޑައިރު ދެވޭ ޖިސްމާނީ އަނިޔާއަކީ ކުއްޖާއަށް ބޭނުންވާނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރައްވައެވެ.
ދިރާސާއިން އިތުރަށް ދައްކާ ގޮތުގައި، މަތީ ތައުލީމު ހާސިލުކޮށްފައިވާ މައިން، ކުދިންނަށް އަދަބުދިނުމަށް ޖިސްމާނީ ބާރު ބޭނުންކުރުން މަދެވެ. ނޮދަން އަޔަލޭންޑްގެ ޖަސްޓިސް މިނިސްޓަރ ނައޯމީ ލޯންގް ވިދާޅުވީ، ކުދިންގެ ގައިގައި ޖެހުން މަނާކުރުމަށް އޭނާ ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ ބެލެނިވެރިން ކުށްވެރިކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ކުދިން ޖިސްމާނީ އަނިޔާއިން ސަލާމަތްކުރުމަށާއި، ބެލެނިވެރިންނަށް ކުދިންގެ އަހުލާގު ރަނގަޅުކުރާނެ ހެޔޮ ގޮތްތައް ދަސްކޮށްދިނުމަށް ކުރެވޭ ކަމެކެވެ.
advertisment
ހިޔާލު