ކުޑަކުދިންނަށް ޚާއްޞަ ވާހަކަ ދެ ފޮތް އަރާކުރި ސީރީޒުގެ ތެރެއިން ނެރެފިއެވެ.
އަރާކުރި ސީރީސްގެ 48 ވަނަ ފޮތް "އިނާލާއި ބޮޑު ބުޅާ" މިއީ ކުޑަ ކުދިންނަށް ޚާއްޞަކޮށްގެން ކުލަ ފޮޓޯތައް ހިމަނައިގެން އުފައްދާފައި ވާ ކުދިންނާ ގުޅޭ ވަރަށް ރީތި ޢިބްރަތްތެރި ވާހަކައެކެވެ.

މި ސީރީސްގެ 49 ވަނަ ފޮތް" މާމަގެ ހޮޅުއަށި 1″ މި ފޮތަކީ އުމުރުން 10 އަހަރުން މަތީ އެންމެނަށް ކަމުދާނެ ރީތި ފޯކްލޯރ ތަކެއްގެބިނާކޮށް ލިޔެފައިވާ ވާހަކަ ފޮތެކެވެ.

މާލޭގެ މަޝްހޫރު ބުކްޝޮޕްތަކުން މި ފޮތް ގަންނަން މިހާރު ލިބޭނެއެވެ. އަރާކުރި ސީރީޒްގެ 48 ވަނަ ފޮތް ވިއްކަނީ 70 ރުފިޔާއަށެވެ. 49 ވަނަ ފޮތުގެ އަގަކީ 95 ރުފިޔާއެވެ.
އަރާކުރި ސީރީސްގެ 47 ވަނަ ފޮތަކީ "ދިވެހީންގެ ވަޠަން" މި ފޮތެވެ. މި ފޮތަކީ ދިވެހި ރާއްޖެ އުފެދުނު ހިސާބުން ފެށިގެން ރާއްޖެއާ ބެހޭގޮތުން އެންމެ ގިނަ މަޢުލޫމާތު އެއްފޮތަކުން ލިބޭނެ ފޮތެވެ. ކިޔަވާ ކުދިންނަށް ޚާއްޞަކޮށް އެކި ގްރޭޑް ތަކުގެ މަޟުމޫނު ލިޔުމުގައާއި ވާހަކަދެއްކުމުގައި އުޅޭ ކުދިންނަށް ބޭނުންވާނެ ގިނަ މަޢުލޫމާތު 300އަށްވުރެ ގިނަ ސަފުހާގެ މި ފޮތުން ލިބިގެންދާނެއެވެ.
"އަރާކުރި ސީރީސް" އަކީ ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކޮށްގެން ނާސަރީ ކުދިންނަށް ޚާއްޞަ އަކުރު ދަސްކުރާ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދު މަދަރުސީ ގްރޭޑް ތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ނެރެމުންދާ ސީރީސްއެކެވެ. މި ސީރީސްގައި މަޖާ، ޢިބްރަތްތެރި ވާހަކަތަކާއި މަސައްކަތު ފޮތްތަކާއި، ކިޔުމުގެ ދޭހައިގެ ފޮތްތަކާއި، އަދި އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނެއެވެ. އަރާކުރި ސީރީސްގެ ފޮތްތަކުގެ ތެރޭގައި ތުއްތު ކުދިންނަށް ދިވެހިބަހުގެ އަކުރުތަކުގެ ބައްޓަން ދަސްކޮށްދިނުމާއެކު،ފިލިތަކާއި ސުކުންތައް ކިޔަން ދަސްކޮށްދިނުމަށް ޓަކައި ތައްޔާރު ކުރައްވާފައި ވާ ފޮތްތައް ހިމެނެއެވެ. މި ފޮތްތަކުގައި ދިވެހިބަސް ދަސްކުރަން ޝައުޤުވެރިވާނެ ފަދަ ގޮތަކަށް އަކުރާއި ފިއްޔާއި ސުކުންތައް ހިމަނާފައިވެއެވެ. މީގެ ގިނަ ފޮތްތަކުގައި ފަރިތަކުރުންތަކުގެ ޖަވާބުތައް ވެސް ހިމަނާފައިވެއެވެ.
އަރާކުރި ސީރީސްގެ މުސައްނިފަކީ އަލްފާޟިލާ ޙުސްނާ ފަހްމީއެވެ. ޙުސްނާއަކީ ތަޢުލިމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކޮށްދެއްވާފައިވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ލިބިފައިވެއެވެ. އަދި 2025 ގައި "ދިވެހިބަހާއި އަދަބިއްޔާރުގެ ދާއިރާއިން، ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިޢުކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިފައިވެއެވެ.
advertisment
ހިޔާލު