އެމްއެންޔޫގެ ތެވެލި ކޮންފަރެންސަށް އެބްސްޓްރެކްޓް 30 ޖޫންގެ ނިޔަލަށް ހުށައަޅަން ޖެހޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ކޮންމެ އަހަރަކުވެސް ބާއްވާ ތެވެލި ކޮންފަރެންސް އޮންނާނީ އަންނަ އޮގަސްޓް މަހުގެ 17ން19އަށެވެ. މި ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށައެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30އެވެ.

މި ކޮންފަރެންސް ފަށަނީ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އެމްއެންޔޫ ބެޗްލާސް ޑިގްރީ ކިޔަވާ ދަރިވަރުންނަށް ހާއްސަ އަންޑަރގްރެޖުއޭޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމަކުންނެވެ. ޕޯސްޓް-ކޮންފަރެންސް ވޯކްޝޮޕްތައް ފަށަން ތާވަލުކޮށްފައި ވަނީ އަންނަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.

ތެވެލި 2026 ގެ ޝިޔާރަކީ، ބޭއްވުމަށް ހަމަޖެހިފައިވަނީ "ޓްރާންސްފޯމޭޓިވް އިނޮވޭޝަން އިން ދަ ޓުވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ"އެވެ.

ތެވެލި ކޮންފަރެންސް ޚާއްޞަ ވަނީ، ދިރާސާތަކުގެ ނަތީޖާގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށެވެ. މި ކޮންފަރެންސަކީ، ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް  ދުނިޔޭގެ އެކި ޤައުމުތަކުގެ ސުކޮލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރަންސެވެ.

މި ކޮންފަރަންސްގެ އެންމެ މުހިންމު މަޤުޞަދަކީ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒަމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ޢިލްމު އުފައްދާ، ޢިލްމު ކުރިއަރުވާ ޔުނިވަރސިޓީއަކަށް ވުމެވެ. މީގެ އިތުރުން ދިވެހި ރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތަށް ކުރުމާއި ޤައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓަރ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް  އެހީތެރިވުމެވެ.

ޔުނިވަރސިޓީގެ ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދެވޭ މި ކޮންފަރެންސަގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕޮރްފެސަރުންނާއި ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތަށް އެކި ސެޝަންސްތަކުގައި ހުށަހަޅާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ކޮންފަރެންސަށް ކަރުދާސް ހުށައަޅަން ޖެހޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ސަސްޓެއިނަބަލް ފިއުޗާސް އެންޑް ކްލައިމެޓް އެކްޝަން؛ އިނޮވޭޝަން، ޓެކްނޮލޮޖީ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަން؛ ސައިންސް، ހެލްތު އެންޑް ހިއުމަން ވެލްބީންގ؛ ގްލޯބަލް ގަވަރނަންސް، ޕީސް އެންޑް ޑިވެލޮޕްމަންޓް؛ ތަޢުލީމާއި، ޢިލްމާއި މަސައްކަތުގެ މުސްތަޤްބަލު؛ ޖެންޑަރ، އިކުއިޓީ އެންޑް ސޯޝަލް ޓްރާންސްފޯމޭޝަން؛ ރެސިލިއަންޓް އިކޮނޮމީ އެންޑް ފިއުޗަރ މާކެޓްސް؛ އިންޓަރ ޑިސިޕްލިނަރީ ރިސާރޗް އެންޑް ގްލޯބަލް ކޮލަބަރޭޝަން؛ އަދި އާޓިފިޝަލް އިންޓެލިޖެންސް، އެތިކްސް އެންޑް ހިއުމަން ފިއުޗާސްއެވެ. މި މައުޟޫޢުތަކުގެ މަޤްޞަދަކީ، އިޖްތިމާޢީ ބޮޑެތި ގޮންޖެހުންތަކަށް ކްރޮސް ޑިސިޕްލިނަރީ ރިސާރޗް ކުރުމާއި، އެވިޑެންސް ބޭސްޑް ސޮލިއުޝަންތަކަށް ބާރުއެޅުމެވެ.

މި ކޮންފަރެންސްގެ ފުރަތަމަ ދުވަސް ޚާއްޞަ ކުރަނީ އެމްއެންޔޫގައި ކިޔަވަމުންދާ ދަރިވަރުންނަށެވެ. ދަރިވަރުންނަށް ޚާއްޞަ ސެމްޕޯޒިއަމެއް އެ ދުވަހު ކުރިއަށް ގެންދާނެއެވެ.

އެމްއެންޔޫއިން ބުނީ، މި ކޮންފަރެންސްގައި އިގިރޭސި، ދިވެހި ނުވަތަ ޢަރަބި ބަހުން ޕޭޕަރު ހުށަހެޅޭނެ ކަމަށެވެ.

މިކޮންފަރެންސްގެ މުހިއްމު ތާރީޚްތައް:

އެބްސްޓްރެކްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 30 ޖޫންގެ ނިޔަލަށް

ފުލް ޕޭޕަރު ހުށަހަޅަން ޖެހެނީ 30 ޖޫން ނިޔަލަށް

އާލީ ބާޑް ރެޖިސްޓްރޭޝަން 5 ޖުލައިގެ ނިޔަލަށް

ޕްރެޒެންޓޭޝަން ހުށަހަޅަން ޖެހެނީ 30 ޖުލައިގެ ނިޔަލަށް

ބައިވެރިންގެ ރެޖިސްޓްރޭޝަން 5 އޯގަސްޓްގެ ނިޔަލަށް

ޕޯސްޓަރ ހުށައަޅަންޖެހެނީ 13 އޮގަސްޓްގެ ނިޔަލަށް

ތެވެލި 2026 ގައި ހަތަރު އެވޯޑެއް ދޭން ވަނީ ނިންމާފައެވެ. އެއީ އައުޓްސްޓޭންޑިން ޕޭޕަރ އޮފް ދަ ކޮންފަރެންސް (އޯޕީސީ) އެވޯޑް، އާލީ ކެރިއާ ރިސާޗަރ (އީސީއާރް) އެވޯޑް، އަންޑަގްރެޖުއޭޓް ރިސާޗް އެކްސެލެންސް (ޔޫއާރްއީ) އެވޯޑް އަދި ބެސްޓް ފެކަލްޓީ އެވޯޑް (ބީއެފްއޭ) އެވެ.

2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ތެވެލި ކޮންފަރެންސް އެމްއެންޔޫއިން އަންނަނީ ބާއްވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *