ނޭޝަނަލް ރިސާޗް ފަންޑުގެ އެހީ 11 ފަރާތަކަށް އެމްއެންޔޫއިން ދީފި

ނޭޝަނަލް ރިސާޗް ފަންޑުގެ "އިމާޖިން ރިސާޗް ގްރާންޓް"ގެ ގުރާންޓް 11 ފަރާތަކަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދީފިއެވެ.

ޤައުމީ ތަރައްޤީގެ އިސްތިރާތީޖީ އަމާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ދިރާސާކުރުމުގެ ސަގާފަތެއް ބިނާކޮށް، އިލްމީ މަސައްކަތްތައް ކުރިއެރުވުމަށް އެމްއެންޔޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން، "ނޭޝަނަލް ރިސާޗް ފަންޑުންދޭ މި އެހީ ހަވާލުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަޙްމަދު ޝަފީޢުއެވެ.

2025 ވަނަ އަހަރު ތަޢާރަފުކުރެވުނު މި ޕްރޮގްރާމަކީ، ތަފާތު ދާއިރާތަކުން ފެންވަރު ރަނގަޅު ދިރާސާތައް ކުރުމަށް ބާރުއަޅައި، ޤައުމީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހެކީގެ މައްޗަށް ބިނާވެފައިވާ ހައްލުތައް ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ނޭޝަނަލް ރިސާޗް ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށްދާ މަސައްކަތެކެވެ.

އެމްއެންޔޫއިން ހާމަކުރިގޮތުގައި، ދިރާސާކުރަން މާލީ އެހީއަށް ހުޅުވާލުމުން އެ ޔުނިވަރސިޓީގެ ދިރާސާވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބުމަކީ އެއީ ޔުނިވަރސިޓީގެ މުޖުތަމަޢުގައި ދިރާސާކުރުމުގެ ޝައުޤުވެރިކަން އިތުރުވަމުންދާކަމުގެ ހެއްކެކެވެ. ހުށަހެޅުނު ޕްރޮޕޯޒަލްތަކުގެ ތެރެއިން ފަރުވާތެރިކަމާއެކު ބެލުމަށްފަހު، އެންމެ ފެންވަރު ރަނގަޅު 16 ޕްރޮޕޯޒަލެއް ފާހަގަކުރެވުނެވެ. މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ 1.5 މިލިއަން ރުފިޔާގެ ބަޖެޓަށް ބަލައި، އިތުރު މަރުޙަލާއަކުން ވަޒަންކުރުމަށްފަހު، އެހީފޯރުކޮށްދިނީ އެންމެ މަތިން މާކްސް ލިބުނު 11 ދިރާސާ ޕްރޮޕޯސަލަށްކަމަށް އެމްއެންޔޫއިން ބުނެއެވެ.

"އިމާޖިން ރިސާޗް ގްރާންޓް"ގެ ދަށުން އެހީ ދިން ދާއިރާތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް، އެޑިޔުކޭޝަން ޓެކްނޮލޮޖީ، ޤާނޫނާއި ސިޔާސަތުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، ޞިއްޙީ ދާއިރާ، ސައިބަރ ސެކިއުރިޓީ، ތިމާވެށީގެ ދިރާސާތައް، ސަގާފަތް ރައްކާތެރިކުރުން އަދި އިޖުތިމާޢީ ދިރާސާތައް ހިމެނޭ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫއިން ބުނީ، ނެޝަނަލް ރިސަރޗް ގްރާންޓްގެ އެހީގެ ސަބަބުން ދިރާސާކުރުމުގެ ގާބިލުކަން އިތުރުވެ، އައު އީޖާދުތަކަށް މަގުފަހިވެ، އެ ޔުނިވަރސިޓީގެ އެކަޑަމިކް އަދި އިދާރީ މުވައްޒަފުންގެ މެދުގައި އިލްމީ މައުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ފުޅާވެގެންދާނެ ކަމަށެއެވެ. މީގެ އިތުރުން، ގައުމީ ތަރައްޤީއަށް ބޭނުންވާ ހެކީގެ މައްޗަށް ބިނާވެފައިވާ އިލްމީ ހޯދުންތައް ފޯރުކޮށްދޭ އެންމެ އިސް މުއައްސަސާގެ ގޮތުގައި ޔުނިވަރސިޓީން އަދާކުރާ ދައުރު މިކަމުގެ ސަބަބުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *