މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރެން 300 ދުވަހުގެ ހަރަކާތްތައް ޚާއްޞަ ފުޓްބޯޅަ މެޗަކުން ފަށަން ނިންމައިފިއެވެ.
މިއަދު ހަވީރު ގަލޮޅު ބޯޅަދަނޑުގައި ކުރިއަށް ގެންދާ މި މެޗްގައި ކުޅޭނީ އެ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޓީމަކާއި މިހާރު އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ޓީމެކެވެ.
އެ ސްކޫލުން ބުނީ، މިއީ، އެހާރާއި މިހާރުގެ ދަރިވަރުން އެއްތަނަކަށް އެއްވެ އުފާވެރި ވަގުތެއް ހޭދަކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ފުޓްބޯޅަ މެޗެއް ކަމަށެވެ. މި މެޗް ބެލުމަށް މަޖީދިއްޔާގެ އެހާރާއި މިހާރުގެ ދަރިވަރުންގެ އިތުރުން އެ ސްކޫލަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ދަނޑަށް ހާޒިރުވަށް އެ ސްކޫލުން އެދެއެވެ.
މަޖީދިއްޔާއަށް 100 އަހަރުފުރެން 300 ދުވަސް މިއަދު ފަށާއިރު، 300 ދުވަހާއި 200 ވަނަ ދުވަހާ ދެމެދުގައި މުހިންމު ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ. އޭގެތެރޭގައި މަޖީދިއްޔާގެ ކެއަރގެ ދަށުން ފޮތް ހަދިޔާ ކުރުމާއި އެ ސްކޫލުގެ ޕްރިންސިޕަލުންގެ ފޮޓޯ މައުރަޒެއް ބޭއްވުން ހިމެނެއެވެ. ފޮޓޯ މައުރަޒު ބާއްވަނީ ޖުލައި މަހުގެ 14-15 އަދި 18 ވަނަ ދުވަހުއެވެ.
މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ. އެގޮތުން އަހަރީ ދުވަހާ ހަމައަށް ކޮންމެ 100 ދުވަހަކަށް އަމާޒުކޮށްގެންް ހަރަކާތްތަކެއް ކުރިއށް ގެންދަން ވަނީ ރާވާފައެވެ. މަޖީދިއްޔާއަށް 100 އަަހަރު ފުރޭނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.
advertisment
ހިޔާލު