އިސްލާމީ މިނިސްޓްރީން މުޤައްރަރެއް ކަނޑައަޅައި ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތަޢާރަފުކުރުމަށް ދަނީ މަސައްކަތް ކުރަމުން
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް، މަސައްކަތްކުރަމުންދ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ ޢަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުވުމުން ކަމަށެވެ.
ޑރ، ޝަހީމް ވިދާޅުވީ، އިމާމުންނެތް މައްސަލަ އަށް ޙައްލު ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުޞަތު ފަހި ކުރުމާއި، އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް، އެ ވުޒާރާއިން ކަނޑާއަޅާ މިންވަރުގެ މުޤައްރަރެއް ކަނޑައަޅައި ޢާއްމުކޮށް އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތަޢާރަފް ކުރުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ.
ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު މިކަމުގައި ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށް އިސްލާމީ މިނިސްޓްރީން ބުނެއެވެ.
އިސްލާމީ މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބަށް ބަލާއިރު، މި ވަގުތު ރާއްޖޭގައި 623 މިސްކިތުގެ ތެރެއިން 554 މިސްކިތެއްގައި ދާއިމީ އިމާމުންގެ ގޮތުގައި 569 އިމާމުން މަސައްކަތް ކުރަމުން ގެންދެއެވެ. ދާއިމީ އިމާމުން ނެތީ 69 މިސްކިތެއްގައެވެ. ދެ އިމާމުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ 15 މިސްކިތެއްގައެވެ.
advertisment
ހިޔާލު