މާލެ އަތޮޅު ގާފަރު ސްކޫލްގެ 2024 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ފޯ ރިސާޗް އެންޑް އިނޮވޭޝަން، ޑޮކްޓަރ ވިސާލް މޫސާއެވެ.
މި ޖަލްސާގައި ޝަރަފްވެރި މެޙްމާން ދެއްކެވި ވާހަކަފުޅުގައި، މިހާރުގެ ދަރިވަރުންނަށް މުހިންމު އަދި ދަރިވަރުންގެ ކިބައިގައި ހަރުލައްވަން ޖެހޭ މުހިންމު ސިފަތަކެއްގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން އިންސާނީ ގުޅުންތަކުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، އެހެން މީހުންގެ އިޙްސާސްތަކާއި ބޭނުންތައް އެނގޭނީ އަނެކާގެ ލޮލުން ދުނިޔެ ބަލައިލުމުން ކަމަށެވެ. އަދި އެކަކު އަނެކަކަށް ޝުކުރުވެރިވާ ބަޔަކަށް ވާންޖެހޭނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ކިޔަވަނީ ހަމައެކަނި ފައިސާ ހޯދުމުގެ ބޭނުމުގައި ނޫން ކަމަށާއި، ނުކިޔެވުނީތީ ހިތާމަކުރާނެ ދުވަހެއް ޙަޔާތުގައި ޔަގީނުން ވެސް އަންނާނެތީ ކަމަށެވެ.

ޕްރިންސިޕަލް ފާތިމަތު އިބްރާހިމްގެ ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ، ކޮންމެ ދަރިވަރަކީ ވެސް އޮށެއްގެ މިސާލެއް ކަމަށެވެ. އެގޮތުން ކޮންމެ އޮށަކީ އޭގެއިން ގަސްފަޅައި، މޭވާ ލިބޭނެ ވަރުގަދަ ގަހަކަށް ވުމުގެ ޤާބިލުކަން ހުންނާނެ އެއްޗެއް ކަމަށާއި، އެކަމަށް ބޭނުންވަނީ އަޅާލުމާއި، ކާނާއާއި، ފެނުގެ އިތުރުން ވަގުތު ކަމުގައެވެ. އަދި ހަމައެއާއެކު، އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ކިބައިން ހިތްވަރު ލިބިގަނެގެން ކާމިޔާބީ ހޯދުމަށް ޢަޒުމް ކަނޑައަޅައި މަސައްކަތް ކުރުމަށް ނަސޭޙަތްތެރިވެލެއްވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި ކާމިޔާބު ދަރިވަރަކަށް ވުމަށް ކުރަންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ގަވާއިދުން ސްކޫލަށް އައުމާއި، ދެވޭ ފިލާވަޅުތައް ފުރިހަމަކުރުމާއި، މެދުނުކެނޑި ކިޔެވުމުގެ އިތުރުން، އަމިއްލައަށް ކުރެވޭ ކުށްތަކުންނާއި ދިމާވާ ދަތިތަކުން އަރައިގަނެ، ހިތްމަތާއި މިންނަތާއެކު މަސައްކަތް ކުރުމަށް އިރުޝާދު ދެއްވިއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން ޖުމްލަ ގޮތެއްގައި ގާފަރު ސްކޫލުގެ ދަރިވަރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާ އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

2024 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަނާ ފާހަގަކުރި ގޮތުގައި، މިއީ އޭނާގެ ޙަޔާތުގައި އައި އެންމެ އުފާވެރި އަދި ފަޚުރުވެރި އެއް ދުވަހެވެ. އަދި މިއީ މީގެ ހަތަރު އަހަރު ކުރިން އެންމެ ފުރަތަމަ އިނާމު ދިނުމުގެ ޖަލްސާއެއްގައި ބައިވެރިވި ދުވަހު، އެ އަހަރުގެ ސްކޫލްގެ 'ބެސްޓް އޯލް ރައުންޑް' ދަރިވަރު ސްޓޭޖުގައި ހުރިތަން ފެނި، ކޮންމެ އިނާމުދިނުމުގެ ޖަލްސާއެއްގައި އިންނައިރު ހިތުގެ އެއްކަނެއްގައި ކުރަހަމުން އައި އަދި ދެކެމުން އައި ހުވަފެނެއް ކަމަށް ވެސް ބުންޏެވެ. މިފަދަ ބޮޑު ނިޢުމަތެއް ލިބުނީތީ މާތްﷲ އަށް ޝުކުރުކުރަމުން އަނާ ބުނީ، މި މަޤާމަށް ވާސިލުވުމުގައި އެކި ގޮތްގޮތުން އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. މިގޮތުން ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު އިބްރާހިމް ވެދެއްވި އެހީތެރިކަމާއި ދެއްވި ހިތްވަރާއި، ހުރިހާ ކަމެއް އެންމެ ގާތުން ބައްލަވައި ދަރިވަރުންގެ ޚިޔާލުތަކަށް ފުރުސަތު ދެއްވިކަން ފާހަގަކުރިއެވެ. އަދި ލީޑިންގ ޓީޗަރާއި ލޮބުވެތި މުދައްރިސުންނަށް ޝުކުރު އަދާކުރަމުން އަނާ ފާހަގަކުރީ، އޭނާއަށް މިއަދު މި ލިބުނު ކާމިޔާބީގެ އަސްލު މޭސްތިރިންނަކީ އެއީ ކަމުގައެވެ.

އަނާ ފާހަގަކުރި ގޮތުގައި މި ކާމިޔާބީއަށް ވާސިލުވުމުގެ އެންމެ ބޮޑު ހިއްސާދާރުންނަކީ އޭނާގެ މަންމައާއި ބައްޕައެވެ. ކިޔަވަން ހޭލާ އިންނަ ކޮންމެ ރެއަކު ނިދިނަގާލައި ޚިދުމަތުގައި ހުރި މަންމައާއި، އެންމެ ފުރިހަމަ ތަޢުލީމެއް ހޯދައިދިނުމަށްޓަކައި ރެޔާއި ދުވާލެއް، އަތްވާއި ވާރެއަކަށް ނުބަލައި ބައްޕަ ކުރެއްވި ބުރަ މަސައްކަތް އަބަދުވެސް ހަނދާން ހުންނާނެ ކަމުގައި ފާހަގަކުރިއެވެ. މަންމައާއި ބައްޕަގެ ކޮންމެ ދުޢާއަކީ އޭނާގެ ކާމިޔާބީގެ ތަޅުދަނޑި ކަމުގައި ސިފަކުރަމުން، ކޮށްދެއްވި ހުރިހާ ކަމަކަށް ޝުކުރު އަދާކުރިއެވެ.

ނިންމާލަމުން ކިޔަވާ ދަރިވަރުންނަށް އޮތް ނަސޭހަތެއްގެ ގޮތުގައި ފާހަގަކުރީ، ކާމިޔާބީގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކަމުގައެވެ. ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ކަމުގައި ވިޔަސް، މާތްﷲ ގެ އެހީތެރިކަމާ ނުލައި އެއްވެސް ކަމެއް ފުރިހަމައެއް ނުވާނެއެވެ. އެހެންކަމުން ނަމާދަކީ އަބަދުވެސް އެންމެ ގާތް އެކުވެރިޔާ ކަމުގައި ހެދުމަށް އަނާ ނަސޭހަތްތެރިވިއެވެ.
advertisment
ހިޔާލު