ދިރިއުޅުން މިނެކިރެނީ އަހަރުތަކަކުން ނޫނެވެ. އެހެނެއްކަމަކު…

އަޝްރަފް ޢަލީ

ދުނިޔޭގެ ވަގުތީ ދިރިއުޅުމަކީ، އިރުގެ އަލިކަމާއެކު ދެމިލައިފައި ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ފޭދިގެންދާ ހިޔަންޏެއް ފަދަ އެއްޗެކެވެ. މިއަދު އަހަރެމެންނަށް ލިބިފައިވާ މި އަގުހުރި ވަގުތަކީ މާދަމާގެ އުންމީދުތަކާ ހަމައަށް ފެންނާން އޮތް ކަށަވަރު އެއްޗެއް ނޫނެވެ. މިހެންވުމުން، ހަޔާތުގެ ކޮންމެ ސިފައެއް ވެސް ވަނީ ބަދަލުވުމާއި ފަނާވުމުގެ މަތީގައެވެ. ހަގީގީ ބުއްދިވެރިއަކީ، އުމުރުގެ ކުރުކަމާއި ދުނިޔޭގެ ވަގުތީ ސިފައާ މެދު ވިސްނައި މާޔޫސްވެ، ހިތާމަކުރުމުގައި ހުރިހައި ވަގުތެއް ބޭކާރުކޮށްލާ މީހާއެއް ނޫނެވެ. އެފަދަ މީހަކީ، ތިމާއަށް ލިބިފައިވާ ކޮންމެ ނޭވާއަކާއި، ކޮންމެ ސިކުންތެއްގެ ބޭނުން އެންމެ ހެޔޮ އަދި އެންމެ އުފެއްދުންތެރި ގޮތުގައި ހިފާން އަވަސްވެގަންނަ މީހާއެވެ. އިންސާނާގެ އަމިއްލަ ނަފްސާއި މުޅި ދިރިއުޅުން ބާއްޖަވެރިކޮށް ފުރިހަމަކުރެވެނީ، އަނެކުންނަށް ދޭ ލޯތްބާއި، ދިމާވާ ތުރާތަކާއި ހުރަސްތަކާއި ތަދުތަކާއި ވޭންތައް ކެތްތެރިކަމާ އެކު ތަހައްމަލްކޮށްގެންނާއި، ދެދުނިޔެ ބާއްޖަވެރިކޮށްދޭނެ ހެޔޮ އަމަލުތަކުން ހަޔާތުގެ މާނަވީ މައްތިންޏާއި ބިނާރު ވަރުގަދަކޮށްގެންނެވެ.

ތެދެކެވެ! ދުނިޔޭގެ ދިރިއުޅުމަކީ ކުރިމަތީން ފެންނަ ހިޔަންޏެއް ފަދަ އެއްޗެކެވެ. އިރުގެ އަލިކަން ހުންނަހައި ހިނދަކު ހިޔަނި ފެންނަން ހުރެމެ، ކުއްލިއަކަށް އަނދިރިވުމުން އެ ގެއްލިދާ ފަދައިން، އިންސާނާގެ އުމުރަކީ ވެސް ކޮންމެ ވަގުތެއްގައި ވެސް ނިމިގެން ހިނގައިދާނެ އެއްޗެކެވެ. މިއަދު އަހަރެމެންލާ ނޭވާ މާދަމާ ލެވޭނެ ކަމުގެ އެއްވެސް ކަށަވަރުކަމެއް ނެތެވެ. މިހެންވުމުން ބުއްދިވެރި އިންސާނާއަކީ އުމުރުގެ ކުރުކަމާއި ދުނިޔޭގެ ވަގުތީކަމާ މެދު ހިތާމަކޮށް، މާޔޫސްވުމުގައި ވަގުތު ބޭކާރުކުރާ މީހެއްކަމުގައެއް ނުވެއެވެ. އޭގެ ބަދަލުގައި، އޭނާ ކަމަކަމަށް ވާން ޖެހޭނީ ލިބޭ ކޮންމެ ސިކުންތަކީ އަގުނުކުރެވޭނެ ފަދަ ނިއުމަތެއްކަން ދަނެ، އެ ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ. ވީމާ، މާދަމާއަށް ކަންކަން ފަސްނުކުރާށެވެ. މިއަދަކީ ހެޔޮ ބަދަލުތައް ގެންނާން ލިބިފައިވާ ހަމައެކަނި ފުރުސަތުކަން ދަނެގެން ކުރިޔަށްދާށެވެ. ހަގީގީ އުފާވެރިކަމާއި ހަޔާތުގެ ބާއްޖަވެރިކަން ގުޅިފައިވަނީ މާއްދީ މުއްސަނދިކަމަކާ ނޫނެވެ. އެއީ ހިތުގެ ސާފުކަމާއި، އިންސާނިއްޔަތުގެ މައްޗަށް ބިނާވާ އެއްޗެކެވެ.

އިމާމް ބުޚާރީއާއި އިމާމް މުސްލިމް ރިވާކުރައްވާފައިވާ ކީރިތި ރަސޫލާ ﷺ ޙަދީޘްބަސްފުޅެެއްގެ މާނައިގައިވެއެވެ. މުއްސަނދިކަމަކީ މާއްދީ މުދަލާއި ސާމާނު ގިނަވުމެއް ނޫނެވެ. އެހެނެއްކަމަކު، ހަގީގީ މުއްސަނދިކަމަކީ ނަފްސުގެ (ހިތުގެ) މުއްސަނދިކަމެވެ (ފުދުންތެރިކަމެވެ)." ތެދެކެވެ! ދިރިއުޅުން ބާއްޖަވެރިކުރެވެނީ އަހަރެމެންކުރާ ހެޔޮ އަމަލުތަކުންނާއި، އަނެކުންނަށް ދޭ އަޅައިލުމާއި ލޯތްބެއްގެ ސަބަބުންނެވެ. މީގެ އިތުރުން، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި ހިތްދަތި ވަގުތުތަކުގައި ކެތްތެރިކަން އިސްކުރުމަކީ އިންސާނާގެ ނަފްސު ވަރުގަދަކޮށްދޭ ކަމެކެވެ. ކެތްތެރިކަމަކީ ހިތި އެއްޗެއް ނަމަވެސް، އޭގެ ނަތީޖާ މާމުޔަށް ވުރެ ފޮންޏެވެ. ލޯތްބާއި ކެތްތެރިކަމުން ހިތްތައް ފުރައިލުމުން، ދިރިއުޅުމުގެ ކުރު ދަތުރު އަމާންވެފައި މާނަވީވެއެވެ. އަނެކުންނަށް ހިނިތުންވުމާއި އަޅައިލުން ދޭށެވެ. ޝައްކެއްނެތެވެ1 ތިބާ މިއަދު މުޑުވައްކުރާ ލޯތްބާއި ކެތްތެރިކަމުގެ މުޑުވަކެއް ދުވަހަކު ވެސް ބޭކާރުވެގެނެއް ނުދާނެތެވެ.

19ވަނަ ގަރުނު ދުށް އެމެރިކާގެ މަޝްހޫރު ފަލްފާސެވަރިއެއް، ޅެންވެރިއެއް، އަދި ލިޔުންތެރިއެއް ކަމުގައިވި ރާލްފް ވެލްޑޯ އެމަރސަންއަކީ ކާމިޔާބީގެ މައްޗަށް ދުނިޔެ ބައްޓަންކުރެއްވި ބޭފުޅެކެވެ. އޭނާ ކާމިޔާބު މާނަކުރައްވަމުން ވިދާޅުވެފައިވެެއެވެ. ކާމިޔާބީއަކީ، ގިނައިން ހިނިތުންވުމާއި ގިނައިން ހުނުމެވެ. އެއީ ބުއްދިވެރިީންގެ އިޙްތިރާމާއި ކުޑަކުދީންގެ ލޯބި ހޯދުމެވެ. އެއީ ތެދުވެރި ފާޑުކިޔުންތަކަށް ކެތްކުރުމާއި ގުދުރަތުގެ ރީތިކަން ބަލައިގަތުން ވެސް މެއެވެ. ހަމައެހެންމެ ކާމިޔާބީއަކީ އެހެން މީހުންގެ ފުށުން އެންމެ ރަނގަޅު ސިފަ ހޯދުން ކަމުގައްޔާއި ދުނިޔެއިން ދާއިރު، ދުޅަހެޔޮ ކުއްޖެއް ނުވަތަ ހައްދާފައިވާ ބަގީޗާއެއް ނުވަތަ ރަނގަޅު ކުރެވިފައިވާ މުޖުތަމައެއްގެ ސިފައިގައިވިޔަސް، ދުނިޔެ އޮތް ވަރަށްވުރެ ރަނގަޅު ތަނެއްގެ ގޮތުގައި ދޫކޮށްލުމެވެ. ކާމިޔާބު ސިފަކުރައްވަމުން އެމާރސަން ވިދާޅުވިއެވެ. "ތިބާ ދުނިޔޭގައި އުޅުމުގެ ސަބަބުން، ހަމަ އެންމެ ފުރާނައަކަށް ވިޔަސް ފަސޭހައިން ނޭވާލެވުނުކަން ، މާނައީ އުފަލުގައި އުޅެވުނުކަން އެނގުމެވެ. ހަގީގީ ކާމިޔާބީއަކީ މިއީއެވެ."

މި ކުޅަދާނަ ފަލްސަފާވެރިޔާ ދެކެވަޑައިގަންނަވާ ގޮތުގައި، އިންސާނެއްގެ ދިރިއުޅުމުގެ އަގުވަޒަންކުރެވެނީ އޭނާ ދުނިޔޭގައި އުޅުނު އަހަރުތަކުގެ ގިނަކަމުންނެއް ނޫނެވެ. ދިރިއުޅުން މިނެކިރެނީ ދިރިއުޅުން ބިނާވެގެންވާ މާނަވީ ފުންކަމުންނެވެ. އެނާ މިހެން ވިދާޅުވީ 1870ވަނަ އަހަރު އޭނާ ނެރުއްވި "މުޖުތަމަޢާއި އެކަހެރިކަން" (Society and Solitude) މި ސުރުޚީގެ ދަށުން އޭނާ ލިޔުއްވި ފޮތުގައެވެ. މި ބަސްފުޅުން އެނގެނީ ދިގު އުމުރެއް ލިބި، އެއިން އެއްވެސް ފައިދާއެއް ނުކުރާ ނަމަ އެ އުމުރުގެ އެއްވެސް ބަރުދަނެއް ނެތެވެ. އެހެނީ، އަހަރެމެން ދުނިޔެ ދޫކޮށްދާއިރު، ހަށިގަނޑު ފަނާވެދިޔަސް، ދޫކޮށްފައިދާ ހެޔޮ އަސަރުތަކާއި، ރީތި އަޚުލާޤާއި، ހެޔޮ ޛިކުރާ ދުނިޔޭގައި ދާއިމުވެ ގާއިމުވެ ދެމިހުރެތެެވެ. ހަގީގީ ކާމިޔާބީއަކީ ތިމާ ނެތް ދުނިޔެއެއްގައި ވެސް ތިމާގެ ސަބަބުން ހެޔޮ އަސަރުތަކެއް ދެމިހުރުން ނޫން ހެއްޔެވެ؟ވީމާ، ދުނިޔޭގައި އުޅޭންވީ ހަމައެކަނި ނޭވާލާ ދިރުމެއްގެ ގޮތުގައެއް ނޫނެވެ. ތިބާ ދުނިޔެދޫކޮށް ދާއިރު ވެސް، މީހުންގެ ހިތްތަކުގައި ދިރިހުންނާނެ ފަދަ ރީތި ނަމޫނާއެއް ދޫކޮށްދެވޭތޯ ބަލާށެވެ.

ދިރިއުޅުމުގެ ކުރުކަމުގެ މާނައަކީ އަހަރެމެންނަށް ލިބިފައިވާ އުފާވެރިކަމާއި ނިއުމަތްތައް މަދުވުމެއް ނޫނެވެ. ބައެއްފަހަރު އިންސާނާއަށް އޭނާގެ އަތުގައި ނެތް އެއްޗަކާ މެދު ވިސްނައި ހިތާމަކުރުމުގައި، ތިމާއަށް ﷲ ތަޢާލާ ދެއްވި ގިނަގުނަ ނިއުމަތްތައް މަތިން ހަނދާންނެތެއެވެ. ބުއްދިވެރިއަކީ ތިމާއަށް ލިބިފައިވާ ސިއްހަތާއި، ވަގުތާއި، އަދި ކުދިކުދި އުފާވެރިކަންތަކަށް ވެސް ހިތުގެ އަޑިން ޝުކުރުވެރިވާ މީހާއެވެ. ހިތުގެ ފުދުންތެރިކަމަކީ ކުރު އުމުރެއްގެ ތެރޭގައި ވެސް ދިރިއުޅުން ދިގުކޮށްދޭ، އަދި ހިތްހަމަޖެހުން ގެނެސްދޭ މައިގަނޑު އަސާސެވެ. ތިމާގެ ހިތް ޝުކުރުވެރިކަމުން ފުރިފައިވާ ނަމަ، ދިރިއުޅުމުގެ ކޮންމެ ސިކުންތަކީ ވެސް އުފާވެރި ބާއްޖަވެރި ވަގުތުކޮޅަކަށް ހެދިދާނެއެވެ. މިހެންވުމުން، ތިމާގެ ނެތް އެއްޗަކާ މެދު އުންމީދުކޮށް ހިތާމަކުރުމުގެ ބަދަލުގައި، ތިމާއަށް ލިބިފައިވާ އެއްޗެއްސާ މެދު ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ. އެ ފަދަ ނިޢުމަތްތަކުގެ ހަގީގީ ލައްޒަތު ހާސިލުކުރާށެވެ.

ދުންޔަވީ މި ކުރު ހަޔާތުގައި ކޮންމެ މީހަކަށް ވެސް ކުށްކުރެވެއެވެ. އަދި ނާކާމިޔާބީތަކާ ކުރިމަތިލާން ވެސް ޖެހެއެވެ. ވިސްނާންވީ ކަމަކީ، އެ ފަދަ ކަންކަމުގެ ސަބަބުން މާޔޫސްވެ، އަމިއްލަ ނަފްސު ކުށްވެރިކުރުމުގައި މުޅި އުމުރު ހޭދަކޮށްލުމަކީ ބުއްދިވެރި ގޮތެއް ނޫންކަމެވެ. ހަގީގީ ހިތްވަރުގަދަ މީހާއީ ނާކާމިޔާބަކީ، ދިރިއުޅުމުގެ ނިމުން ކަމުގައި ނުދެކި، އެއީ އާ ފެށުމެއް ފަށާން ލިބޭ ފިލާވަޅެއް ކަމުގައި ބަލައިގަންނަ މީހާއެވެ. ވެއްޓޭ ކޮންމެ ފަހަރަކު ތެދުވެ، ހިތްވަރާއެކު ކުރިއަށް ދިއުމަކީ ދިރިއުޅުމަށް މާނަފީފުންކަމާއި ވަރުގަދަކަން ގެނެސްދޭ ކަމެކެވެ. އިއްޔެ ހެދުނު ގޯހަކުން މިއަދުގެ ވަގުތު ބޭކާރު ނުކޮށް، ކޮންމެ އާ ދުވަހަކީ ތިމާގެ ހަޔާތުގެ ސަފުހާތައް ރީތިކޮށް ލިޔަން ލިބޭ އާ ފުރުސަތެކެވެ. އިއްޔެގެ ކުށްތަކުގެ ހިޔަނީގައި މިއަދު ތިބާ ދިރިއުޅުމުގެ ދޮރުފަތް ނުލައްޕާށެވެ. ދުނިޔެ ދަސްކޮށްދޭ ފިލާވަޅީ ހަޔާތުގެ ކޮންމެ ހިނދުކޮޅަކީ ވެސް ހެޔޮ ބަދަލަކާއި އާ ފެށުމަކަށް ދެވޭ ދައުވަތެއް ކަމެވެ. ތެދެކެވެ! އިންސާނާގެ ހަޔާތުގެ އަގުވަޒަންކުރެވެނީ އޭނާ ދުނިޔޭގައި އުޅުނު އަހަރުތަކުގެ ގިނަކަމުންނެއް ނޫނެވެ. އެހެނެއްކަމަކު، ދިރިއުޅުން މިނެކިރެނީ ދިރިއުޅުން ބިނާވެގެންވާ މާނަވީ ފުންކަމުންނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *