ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން (އެމް.އެން.ޔޫ) ސިއްހީ ދާއިރާގެ ތިން އައު ކޯހެއް ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ ސިއްހީ ތައުލީމު ވަރުގަދަކޮށް، ޚާއްސަ ސިއްހީ ޚިދުމަތްތައް ކުރިއެރުވުމަށް އެ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ. މިއީ ރާއްޖޭގެ މަތީ ތައުލީމާއި ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަލަށް ތައާރަފުކުރި ކޯސްތަކަކީ:
• ބެޗްލަރ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް (3 އަހަރު)
• ބެޗްލަރ އޮފް ސައިންސް އިން ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީ (އޮނަރސް) (4 އަހަރު)
• ބެޗްލަރ އޮފް އޮކިއުޕޭޝަނަލް ތެރަޕީ (އޮނަރސް) (4 އަހަރު)
އެމްއެންޔޫއިން ބުނީ، ޤައުމުގެ ތަރައްޤީއަށް މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމަށް އިސްކަންދީގެން ކުރެވުނު މަސައްކަތެއް ކަމަށެވެ.
މިވަގުތު ރާއްޖޭގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދެވޭ އިމަޖެންސީ ފަރުވާގެ ދާއިރާއިން ތަމްރީނުލިބިފައިވާ ދިވެހި ފަންނުވެރިން ވަރަށް މަދުކަމަށާއި މި ކޯސްތަކުގެ ސަބަބުން މި ދާއިރާތަކަށް ބޭނުންވާ ޤާބިލު މީހުން ބިނާވެ، މުޅި ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، "މިއީ ހަމައެކަނި އައު ކޯސްތަކެއް ތައާރަފުކުރުމެއް ނޫން، މިއީ ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަޤުބަލު ބައްޓަންކުރުން. ޤައުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކުން މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ، އިންސާނީ ވަސީލަތް ތަރައްޤީކޮށް، ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއް. މީގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސް، ޤައުމީ ތަރައްޤީއަށް ބޮޑު އެހީތެރިކަމެއް ލިބޭނެ،" ކަމަށެވެ.
މި ތިން ކޯހަކީވެސް މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކޯސްތަކެކެވެ. މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ފަންނީ ހުއްދަ ލިބޭނެ ކަމުގެ ޔަޤީންކަން އެމްއެންޔޫއިންބުނެއެވެ. ޚާއްސަކޮށް ޕެރަމެޑިކް ސައިންސް ކޯހުގައި، ބަލިމީހާ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދޭންޖެހޭ ފުރާނަ ސަލާމަތްކުރުމުގެ މުހިންމު ފަރުވާތަކަށް ބޮޑު އިސްކަމެއް ދެވޭނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.
advertisment
ހިޔާލު