ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އިން އިންތިޒާމުކުރި "ރޮބޮޓިކްސް ހެކަތަން 2026: އޮޓޮނޮމަސް މޭޒް ސޯލްވިންގ ޗެލެންޖް" ކުރިއަށް ގެންގޮސްފިއެވެ.
ޖޫން 18 އިން 20 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ރޮބޮޓިކްސް އަދި އިންޖިނިއަރިންގްގެ ދާއިރާއިން ދަރިވަރުންގެ އީޖާދީ އުފެއްދުންތެރިކަމާއި، ފަންނީ ހުނަރުވެރިކަން ދައްކާލުމަށް ބޭއްވުނު މުހިންމު ހަރަކާތެކެވެ.

"އިލެކްޓްރޯނިކްސް ފޯ ރޮބޮޓިކްސް" މާއްދާގެ ދަށުން ކުރިއަށްގެންދިޔަ ތިން ދުވަހުގެ މި ހެކަތަންގައި ޖުމްލަ 12 ދަރިވަރުން ބައިވެރިވިއެވެ. މި މުބާރާތުގައި ބައިވެރިންނަށް ހުށަހެޅުނު ގޮންޖެހުމަކީ، އިންސާނެއްގެ އެހީތެރިކަމާ ނުލައި އަމިއްލައަށް މަގު ހޯދައިގެން "މޭޒް" (އޮޅުންބޮޅުން ބޮޑު މަގުތަކެއް) ފުރިހަމަކުރާނެ ރޮބޮޓްތަކެއް ފަރުމާކޮށް، ރޭވުމަށްފަހު ޕްރޮގްރާމްކޮށް ޓެސްޓުކުރުމެވެ. މިއީ ރޮބޮޓިކްސް، އިލެކްޓްރޯނިކްސް، ޕްރޮގްރާމިންގ އަދި އިންޖިނިއަރިންގ ފަރުމާކުރުމުގެ ދާއިރާއިން އުގެނިފައިވާ ތިއަރީ މައުލޫމާތުތައް އަމަލީ މައިދާނުގައި ބޭނުންކުރުމަށް ދަރިވަރުންނަށް ލިބުނު އަގުހުރި ފުރުސަތެކެވެ.

މި ހެކަތަންގެ ތެރެއިން ދަރިވަރުން ވަނީ ގުޅިގެން މަސައްކަތްކޮށް، ދިމާވާ ފަންނީ ގޮންޖެހުންތަކަށް އީޖާދީ ހައްލު ހޯދައި، ކަންކަމުގައި ފުންކޮށް ވިސްނުމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުނަރު އިތުރަށް ތަރައްޤީކޮށްފައެވެ. "އޮޓޮނޮމަސް މޭޒް ސޯލްވިންގ ޗެލެންޖް" ފުރިހަމަކުރުމަށްޓަކައި، ހާޑްވެއަރ އަދި ސޮފްޓްވެއަރ ނިޒާމުތައް އެކުލަވާލައި، ސެންސަރުތަކާއި ކޮންޓްރޯލް ސިސްޓަމްތަކުގެ އިތުރުން އެމްބެޑެޑް ޕްރޮގްރާމިންގ ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރުމުގެ ޤާބިލުކަން ދަރިވަރުން ދައްކުވައިދިނެވެ. މީގެ ސަބަބުން، އަމަލީ ތަޖުރިބާގެ ތެރެއިން އާ ދާއިރާތަކަށް ދަރިވަރުން އަހުލުވެރިވުމުގެ މަގު ފަހިވެގެންދިޔައެވެ.

މި ހަރަކާތް ނިންމާލީ ބައިވެރިން ތައްޔާރުކުރި ރޮބޮޓްތައް ދައްކާލުމާއި، އެންމެ ހަލުވިކަމާއެކު މަގު ހޯދައިގެން ދަތުރުކުރި ރޮބޮޓްތައް ހޮވުމަށް ބޭއްވުނު ފައިނަލް މުބާރާތަކުންނެވެ. މި މުބާރާތުން ދަރިވަރުންގެ ފަންނީ ހުނަރުވެރިކަމާއި، އައު އީޖާދުތަކަށް ހުރި ޝައުޤުވެރިކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ.
ރޮބޮޓިކްސް ހެކަތަން ފަދަ ހަރަކާތްތަކުގެ ޒަރީއާއިން، މުސްތަޤުބަލަށް ބޭނުންވާ މުހިންމު ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގްގެ ދާއިރާއިން ކުރިއެރުން ހޯދައިދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަބަދުވެސް އިސްކަންދެއެވެ.
advertisment
ހިޔާލު