ގުރޭޑް 9އާއި 10ގެ ދަރިވަރުން ނިދާ ގަޑިއާމެދު ޑރ. ޝާފިޔާގެ ކަންބޮޑުވުން

އައިޔޫއެމްއިން ކުރި ދިރާސާއިން ދައްކަނީ، ގުރޭޑް 9އާއި 10ގެ ދަރިވަރުން ނިދާގަޑިއަކީ ދަންވަރު 1:30 އާއި ފަތިހު 4އާ ދެމެދުކަން

ގުރޭޑް 9އާއި 10ގެ ދަރިވަރުން ނިދާގަޑިއާމެދު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފްސަރ އަދި އެ ޔުނިވަރސިޓީގެ ސެންޓަރ ފޯރ ރިސަރޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ފާއިތުވި ދެ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި، އެ ޖަލްސާގައި އެމަނާ ހާމަކުރެއްވީ ގަބޫލުކުރަން ދަތި ހަޤީޤަތެކެވެ.

ނާކާމިޔާބީއަކީ ކާމިޔާބީގެ ފެށުންކަން ހާމަކޮށްދެއްވައި، "ކާމިޔާބު" އެ ބަހުގައި ގައި އޮތް ހަތަރު އަކުރުގެ ތަފުޞީލުކޮށް ދެއްވަމުން،

ބުއްދީގެ ބޭނުން ދަރިވަރުން ހިފަމުން ނުދާކަން ޑރ. ޝާފިޔާ ދެއްކެވީ އިސްލާމީ ޔުނިވަރސިޓީން ކުރެއްވި ދިރާސާގެ ނަތީޖާއަށް ބިނާކުރައްވައެވެ.

އޭނާ ވިދާޅުވީ، މާލޭގެ ބައެއް ސްކޫލުތަކާއި ކ. އަތޮޅުގެ ބައެއް ސަރަހައްދުގެ ސްކޫލްތަކާއި އއ. އަތޮޅާއި ހދ އަތޮޅުގެ ބައެއް ސަރަހައްދުގެ ސްކޫލުތަކުން އެއްކުރި މައުލޫމާތުތަކުން އެނގުނީ ވަރަށް ހިތާމަވެރި ވާހަކައެއް ކަމަށެވެ.

އެ ދިރާސާގައި ފޯކަސް ގުރޫޕްގެ ގޮތުގައި ގުރޭޑް 9އާއި 10ގެ ކުދިންނާ އިންޓަވިއުކޮށްގެން މައުލޫމާތު އެއްކުރިއެވެ.

"ކިހާއިރަކުހެން ހީވަނީ، ގުރޭޑް {9އާއި 10} ގައި އުޅޭ އުމުރުފުރައިގެ އެކުދިން ނިދަނީ. އަޅެ ތިކުދިން ވިސްނާލާފައި ބުނެބެލަ!" ދ. އޭއީސީގެ ހޯލުގައި އެވަގުތު ތިބި އެ ސްކޫލުގެ ދަރިވަރުންނަށް އިޝާރާތްކޮށް ޑރ. ޝާފިޔާ ކުރެއްވީ ސުވާލެކެވެ.

ކުޑަވަގުތުކޮޅެއްގެ ހަމަހިމޭން ވަގުތު ކޮޅަކަށްފަހު، ޝާފިޔާ ވިދާޅުވިއެވެ.

"ނިދާގަޑިއަކީ 1:30އާއި 2:30 އާއި 3:30އާއި 4:00 ޖަހާއިރު. މި ދައްކަނީ ބޮޑެތި މީހުންގެ ވާހަކައެއް ނޫނޭ. މިދައްކަނީ ތި ކުދިންގެ އުމުރުފުރައިގެ ކުދިންގެ ވާހަކަ" ކަންބޮޑުވުން ފާޅުކުރައްވަމުން ޑރ. ޝާފިޔާ ދަރިވަރުންނާ ކުރެއްވި ސުވާލުގެ ޖަވާބު ދެއްވިއެވެ.

"ފަހަރުގައި ކަންކަމުގައި {ފޯނު} ހާވަމުންދާއިރު ވަގުތުދާގޮތެއް ނޭނގެ. ބުއްދީގެ ބޭނުންކުރާ ކުއްޖެއްނަމަ އެކަން ރާވަންޖެހެނީ ތަންޒީމީގޮތަކަށް"

ޑރ. ޝާފިޔާ ވިދާޅުވީ، ބުއްދީގެ ބޭނުންކޮށްގެން ވަގުތު ރާވައިގެން ނިދުމުގެ އިންތިޒާމްތައް ބަލަހައްޓާނީ ކިހިނެއްތޯ ކަނޑައަޅާނީ އެކުއްޖަކު ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ދިރާސާއަކީ ނިދުމުގެ މައްސަލަ ބަލަން ކުރި ދިރާސާއެއް ނޫން ކަމަށާއި އެއީ، ގިނައިން ސްކޫލަށް ކުދިން ނާންނަނީ ކޮން ސަބަބުތަކާ ހުރެތޯ ބަލަން ކުރި ދިރާސާއެއް ކަމަށެވެ.

"ސަބަބުތައް ބެލިއިރު މި ވާގޮތަކީ، ނިދުން ލަސްވީމާ ހެނދުނުގެ ވަގުތު ކުދިންގެ ބަނޑު ސަކަރާތްވުމާއި، މޫޑު ގޯސްވުމާއި. ބޮލުގައި ރިހުން ފަދަ ކަންތައްތައް ދިމާވަނީ. ނިދި މަދުވުމުގެ ސަބަބުން ކުލާހަށްގޮސް ނިދުމާއި ކުލާހަށް ހާޒިރުވުން މަދުވެ، މުދައްރިސުންދެކެ ހިތްހަމަނުޖެހުމާއި ހޯމްވާކް ހެދުމުގައި ވެސް ދަތިތައް ދިމާވަނީ" އެ ހުރިހާ ކަމެއް ދިމާވަނީ ބުއްދީގެ ބޭނުން ރަނގަޅަށް ނުކުރެވުނީމާ ކަމަށް ޑރ. ޝާފިޔާ ދަރިވަރުންނަށް ހަނދާން ކޮށްދެއްވިއެވެ.

އިސްލާމީ ޔުނިވަރސިޓީން ކުރި އެ ދިރާސާގެ އިތުރު ތަފުޞީލެއް ޑރ. ޝާފިޔާ ނުދެއްވައެވެ.

ކާމިޔާބުގެ ހަތަރު އަކުރު

ކާމިޔާބު މީހަކަށް ވުމަށް، މިއަދު ކިޔަވާފައި މާދަމާ ޚިދުމަތް ކުރަން ވިސްނާނަމަ ކަންތައްތައް ކުރަންޖެހޭނެ ގޮތުގެ ގިނަ މިސާލުތަކެއް ޑރ. ޝާފިޔާ ދެއްވިއެވެ.

ޑރ. ޝާފިޔާ ވިދާޅުވީ، ނާކާމިޔާބީއަކީ ކާމިޔާބީގެ ފެށުން ކަމަށާއި ކޮންމެ ވެއްޓުމަކުން އުނގެނުމަށް ފަހިކޮށްދޭ ކަމަށެވެ.

"ހަޤީޤަތުގައި މިސްޓޭކަކީ މިސްޓޭކަކަށް ނުވޭ. މިސްޓޭކަކީ ދަ ސްޓެފް ފޯރ ލަރނިންގ"

ކާމިޔާބު އެ ބަހުގެ ފުރަތަމަ އަކުރުގެ ގޮތުގައި އޮތް "ކ"ން ބުނެދެނީ، ކެތްތެރިކަމާއެކު މަސައްކަތް ކުރުން ކަމަށާއި ކާމިޔާބަކާ ހަމައަށް ދެވޭނީ ވަރަށް ބޮޑަށް ކެތްތެރިކަމާއެކު މަސައްކަތް ކޮށްގެންކަން ޑރ. ޝާފިއާ ދަރިވަރުންނަށް ވިދާޅުވިއެވެ.

"އެހާ އަވަހަށް ގޮންހުސްވެ އިދަޖެހޭ މީހަކަށް ނުވުން. ފެއިލިއާއެއް އަންނަ ކޮންމެ ފަހަރަކީ ތިމާ ވެއްޓޭކަމެއްކަމަށް ޤަބޫލުނުކުރުން"

"މ" އަކުރުގެ ބޭނުމަކީ މިސްރާބެއް ކަނޑައެޅުންކަން ބަޔާން ކުރައްވައި ޑރ. ޝާފިޔާ ވިދާޅުވީ، މަސައްކަތް ކުރެވޭނީ ކުރަންއުޅޭ ކަމެއް ކަނޑައަޅައިގެން ކަމަށެވެ. ތިމަންނައަށް މި ލިބުނު ކާމިޔާބީގައި އިރާދަކުރެއްވިއްޔާ ދެން އޮތް ހަރުފަތަށް ދާނީ ވަކި މިސްރާބެއްކަނޑައަޅައިގެންކަން ދުރާލާ ނިންމަން ޖެހޭ ކަމަށެވެ.

"ޔ" އިން ބުނެދެނީ ޔަޤީންކަމާއެކު މަސައްކަތް ކުރުން ކަމަށާއި އެކަން ކުރެވޭނީ "އަހަންނަށް އެކަން ވާނެއޭ! އެކަން އަހަރެން ކުރާނަމޭ! އިރާދަކުރެއްވިއްޔާ ކުރެވެން ހުރި ހުރިހާކަމެއް ކުރާނމޭ. އިސްތިހާރާ ނަމާދުވެސް ކުރާނަމޭ. ﷲ ގެ ހަޟްރަތުގައި އުޢާވެސް ދަންނަވާނަމޭ" ކާމިޔާބު ލިބޭނީ ވާތްގަންއެދިގެންނާއި ކާމިޔާބަށް އެދިގެން ޔަގީންކަމާއެކު ކުރާ މަސައްކަތުންކަން ޑރ. ޝާފިޔާ ވިދާޅުވިއެވެ.

ޑރ. ޝާފިއާ ވިދާޅުވީ، ކާމިޔަބުގެ ފަހުއަކުރު "ބ"އިން ބުނެދެނީ ބުއްދި ހެޔޮގޮތުގައި ބޭނުން ކުރުން ދަސްކުރުން ކަމަށެވެ.

"އިންފޮމޭޝަން އޯވަލޯޑް ވަނީ އަޅުގަނޑުގެ ޗޮއިސްއަކުން ނޫން. ތިޔަކުދިންގެ ޗޮއިސްއަކުން ވެސް ނޫން. ކޮންމެ ދިމާލަކުން ބަލާލިއަސް މައުލޫމާތު އޮހެނީ. އެނގެން ބޭނުންނުވާ އެއްޗެހިވެސް އެނގެނީ. އަޑުއަހަން ބޭނުންނުވާ އެއްޗެހިވެސް އަޑުއިވެނީ. ފެންނަން ބޭނުންނުވާ އެއްޗެހިވެސް ފެންނަނީ. ބުއްދީގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރުމަކީ އެންމެ މުހިންމު އެއް ކަންތައް ކާމިޔާބު ވުމުގައި"

ކީރިތި ރަސޫލާ ދެއްވާފައިވާ އިރުޝާދަށް ބިނާކުރައްވައި ޑރ. ޝާފިޔާ ވިދާޅުވީ، އިންސާނުން ދިމާވާ އެންމެ ބޮޑު ދެ ގޮންޖެހުމަކީ ހުސްވަގުތާއި ސިއްޙަތުކަމަށެވެ. ހުސްވަގުތުގެ ބޭނުން ނުހިފޭކަމަށް ވާނަމަ އެމީހަކު ހަލާވެގެން ހިނގައިދާނެ ކަމަށާއި ސިއްޙަތާމެދު ސަމާލު ނުވެ ހަށިގަނޑަށް އިހުމާލުވެއްޖެނަމަ އެއީ ﷲ އޭނާއަށް ދެއްވި އަމާނާތަށް ހިޔާނާތްތެރިވެވުނީ ކަމަށާއި އެކަން ކުރެވޭނީ ބުއްދީގެ ބޭނުން ހިފައިގެން ކަމަށް ދަރިވަރުންނަށް ޑރ. ޝާފިއާ ނަސޭހަތެއްގެ ގޮތުން ވިދާޅުވެދެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *