ކަލެއަށް ވީ ގޮތް އަހަރެންނަށް ވެސް އެބަވެއެވެ!

އިބްރާހިމް ރާމިޒު

މި ސުރުޚީ ކިޔާ ބައެއް މީހުން ހިތަށް އަރާނެއެވެ. މިއީ ކޮންކަހަލަ ލިޔުންތެރިއެއް ހެއްޔެވެ؟ ހާދަ ހުތުރު ބަހުރުވަ ގެންގުޅޭ މީހެކެވެ. މި ކަހަލަ ސުރުޚީ ލިޔަން އަމުދުން ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ މި ލިޔުން ކިޔަމުން ގެންދާށެވެ. ސުރުޚީ މި ގޮތަށް ލިޔުނީ ކީއްވެކަން މާ ރަގަޅަށް ވެސް ސާފުވާނެއެވެ.

ބަހަކީ ދިރުންހުރި، އެއް ދުވަހުން އަނެއް ދުވަހަށް ބަދަލުވަމުންދާ އެއްޗެކެވެ. ބަހުގެ އިލްމުވެރިން ފާހަގަކުރާ ގޮތުގައި، ދުނިޔޭގެ ހުރިހާ ބަހެއްގައި ވެސް ޒަމާނާ އެކު ލަފުޒުތަކުގެ މާނައާއި، އެ ލަފުޒުތައް ބޭނުންކުރާ ގޮތް ބަދަލުވެއެވެ. މިގޮތުން ދިވެހިބަހުގެ "ކަލޭ" މި ލަފުޒަށް އައި ބަދަލާއި، މިހާރު "އަހަރެން" މި ލަފުޒަށް އަންނަމުންދާ ބަދަލަކީ ބަހުގެ އިލްމީ ނަޒަރަކުން ބަލާއިރު ވަރަށް މުހިންމު، އަދި ހަމައެހެންމެ ބަހަށް ލޯބިކުރާ މީހުން ހިތާމަކުރާ ފަދަ ބަދަލުތަކެކެވެ.

ބަހެއްގައި ހިމެނޭ ލަފުޒެއްގެ އަސްލު މާނަ ނުވަތަ އެ ލަފުޒު ބޭނުންކުރާ މަގާމު މުޅިން އެހެން ގޮތަކަށް ބަދަލުވުމަށް ބަހުގެ އިލްމުގައި ކިޔަނީ "ސެމެންޓިކް ޝިފްޓް" އެވެ. މީގެ ތެރެއިން "ކަލޭ" އަދި "އަހަރެން" މި ދެ ލަފުޒަށް ވަމުންދާ ގޮތަކީ ލަފުޒުގެ ގަދަރު ދަށްވުން ނުވަތަ "ޕެޖޮރޭޝަން"އެވެ. މިއީ މާތް، ނުވަތަ އާދައިގެ މާނައެއްގައި ބޭނުންކުރަން ފެށި ލަފުޒެއް، ޒަމާންތަކަކަށް ފަހު ދަށް ނުވަތަ ހުތުރު މާނައަކަށް ބަދަލުވުމެވެ.

ދިވެހިބަހުގެ ތާރީޚަށް ބަލާއިރު، "ކަލޭ"އަކީ އިހުގައި މާތްކޮށް ހިތުމުގެ ގޮތުންނާއި ކަމޭހިތުމުގެ ގޮތުން ބޭނުންކުރި ލަފުޒެކެވެ. "ކަލޭގެފާނު" ނުވަތަ "ކަލޭގެ" އަކީ އިހުލާސްތެރި، ގަދަރުވެރި މުޚާތަބެކެވެ.މި އުންމަތަށް ކައުކުރެއްވި އެންމެ މާތް ސާހިބާ މުޙައްމަދު (ޞޢވ) އަށް ވެސް މުޚާޠަބުކުރަނީ “އެކަލޭގެފާނު” މި ފަދައިންނެވެ. މި ލަފުޒުގެ މާނަ ބަދަލުވި ގޮތަށް ބަލާއިރު މީހަކަށް ކަމޭހިތުމުގެ ގޮތުން "ކަލޭ ކޮންތާކަށްތޯ ތިޔަ ވަޑައިގަންނަވަނީ؟" މިފަދައިން ބުނެވުނެވެ. ނަމަވެސް، މިއަދު "ކަލޭ" ބޭނުންކުރަނީ ތިމާއަށްވުރެ ދަށް މީހުންނާ މުޚާތަބުކުރާށެވެ. ނުވަތަ ރުޅިއައިސްގެން ޒުވާބުކުރާ ވަގުތުގައެވެ. މިސާލަކަށް، "ކަލޭ މަގުން އެއްފަރާތްވޭ!" މިހެން ބުނުމުން އެ ބުނެވެނީ ކަމޭހިތުމުގެ ބަދަލުގައި އިހާނެތިކޮށް ދަށްކޮށްލުމުގެ ގޮތުންނެވެ.މިއީ "ކަލޭ" މި ލަފުޒުގެ އަސްލު މާތްކަން ކެނޑި، މުޅިން ދަށް މާނައަކަށް ފެތިގެންދިޔަ ގޮތެވެ.

ސުވާލަކީ "އަހަރެން" މި ލަފުޒަށް ވެސް އެ ގޮތް ވަނީބާވައެވެ؟މި ސުވާލުގެ ޖަވާބަކީ އާއެކެވެ. "ކަލޭ" އަށް އައި ފަދަ ބަދަލެއް، ފިނި ހަނގުރާމައެއްގެ ސިފައިގައި "އަހަރެން" މި ލަފުޒަށް ވެސް މިއަދު ދަނީ ވަމުންނެވެ.

ދިވެހިބަހުގެ ރަދީފަށް ބަލާއިރު، "އަހަރެން" އަކީ އަމިއްލަ ނަފްސަށް މުޚާތަބުކޮށް ބޭނުންކުރާ އާދައިގެ ސީދާ ލަފުޒެކެވެ. މިއީ މާ ބޮޑު މާތްކަމެއް ނުވަތަ ދަށްކަމެއް ނެތް، އެންމެންގެ މެދުގައި ބޭނުންކުރެވޭ ރީތި ލަފުޒެކެވެ.ނަމަވެސް، ފަހަކަށް އައިސް ދިވެހިންގެ މުއާމަލާތްތަކަށް ބަލާއިރު، "އަހަރެން" ބޭނުންކުރުން މަދުވެ، އޭގެ ބަދަލުގައި "އައި" ފަދަ ލަފުޒުތައް އާންމުވެއްޖެއެވެ. އަދި މިހާރު "އަހަރެން" ބޭނުންކުރެވެނީ ވަކި ޚާއްސަ، ހަރުކަށި މަގާމުތަކެއްގައެވެ. “އަހަރެން” މި ލަފުޒު ބަދަލުވަމުންދާ ގޮތަށް ބަލާ އިރު، އިހަށް މި ލަފުޒު ބޭނުންކުރީ ރަހުމަތްތެރިންނާ ވާހަކަދައްކާއިރު ގާތްކަން ދެއްކުމުގެ ގޮތުންނެވެ. މިސާލަކަށް "އަހަރެން މާދަމާ އަންނާނަން" މި ފަދައިން ބުނުމަކީ އޭރު ބުނުމަކީ ގާތްކަން އަންގައިދޭ، ގާތްކަން އުފެދޭ ކަމެކެވެ.އެހެން ނަމަވެސް މިހާރު މި ބަސް ބޭނުންކުރާ ގޮތަށް ބަލާ އިރު، މިއަދު ދެމަފިރިއަކު ނުވަތަ ދެ ރަހުމަތްތެރިއަކު ވާހަކަދައްކާ އިރު، "އަހަރެން ބުނާ ގޮތް ހަދާ!" ނުވަތަ "އަހަރެން ދެން ކަލެއާ ވާހަކައެއް ނުދައްކާނަން" މިފަދައިން ބުނާ އިރު، "އަހަރެން" ބޭނުންކުރެވެނީ ހިތްހަމަނުޖެހުން، ބީރައްޓެހިކަން، ނުވަތަ ދުރުހެލިކަން ދެއްކުމަށެވެ. ގާތް މީހަކު ކުއްލިއަކަށް "އަހަރެން" ބޭނުންކުރަން ފެށުމުން، އެމީހުންގެ މެދުގައި ނުތަނަވަސްކަމެއް އުޅޭކަން ދޭހަވެއެވެ. އޭގެ ބަދަލުގައި “އަައި ބުނާ ގޮތް ހަދާ”، “އައި ދެން ތީނައަކާ ވާހަކައެއް ނުދައްކާނަން” މި ގޮތަށް ބޭނުންކުރުމުން ބަހުގެ ހަރުކަށިކަން ނެތި ގާތްކަން ހާމަވާ ގޮތް މި ވަނީ ވެފައެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި "ކަލޭ" މި ލަފުޒުގެ މާތްކަން ގެއްލި، ހުތުރު ބަހަކަށް ބަދަލުވެގެން ދިޔުމަކީ ބަހުގެ މުއްސަނދިކަމުން އުނިވި ބައެކެވެ. ހަމަ އެފަދައިން، އަމިއްލަ ނަފްސަށް ބޭނުންކުރާ އެންމެ ރީތި، މެދުމިންގަނޑުގެ ލަފުޒު ކަމުގައިވާ "އަހަރެން" މިއަދު ދުރުހެލިކަމުގެ ރަމްޒަކަށް ބަދަލުވަމުންދާ ދިޔުމަކީ ބަހަށް ލޯބިކުރާ ކޮންމެ ހިތަކަށް ފުން އަސަރުތަކެއް ކުރާނެ ކަމެކެވެ. ބަހުގެ ރީތި ލަފުޒުތައް ހަރުކަށިވެ، ބޭނުންކުރާނެ ރީތި މަގާމުތައް ގެއްލެމުން ދިޔުމަކީ ދިވެހި މުޖުތަމައުގެ މުއާމަލާތްތަކުން އޯގާތެރިކަން ކެނޑެމުންދާ ކަމުގެ ހެއްކެކެވެ. ކޮންމެއަކަސް، "ކަލޭ" އަށް ވީ ގޮތް "އަހަރެން" އަށް ވެސް މި ދަނީ ދިމާވަމުންނެވެ. ދެ ލަފުޒު ވެސް މިވަނީ އޭގެ އަސްލު އޮމާންކަމުން ނެއްޓި، ނުތަނަވަސްކަމުގެ މަގާމުތަކަށް ސޮއްސާލާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *