ހުރިހާ ދަރިވަރުން ބައިވެރިކުރާ ކްލާސްރޫމެއް ބެލެހެއްޓުމަށް ބޭނުންކުރާނެ ހަރުދަނާ އުކުޅުތައް

ޢަބްދުﷲ ނަޞީޙް

ކޮންމެ ކްލާސްރޫމަކީވެސް ތަފާތު ހުނަރުތަކާއި، މިޒާޖާއި، ފަސްމަންޒަރާއި، ތަޖުރިބާތަކުގެ އިތުރުން ތަފާތު އުނގެނުމުގެ ބޭނުންތައް ހުންނަ ދަރިވަރުން އެކުލެވިގެންވާ މުޖުތަމައެކެވެ. ގިނަ ދަރިވަރުން ކްލާސްރޫމުގެ މާހައުލަށް އަހުލުވެރިވި ނަމަވެސް، ބައެއް ދަރިވަރުންގެ ފަރާތުން ފެންނަ ކަންތައްތަކުގެ ސަބަބުން މުދައްރިސުން ހާއްސަ އުކުޅުތަކެއް ބޭނުންކުރަން ޖެހެއެވެ. މިފަދަ ދަރިވަރުންނަކީ އާންމުކޮށް "އުނދަގޫ" ކުދިންގެ ގޮތުގައި ލޭބަލް ކުރެވޭ ކުދިންނެވެ. ނަމަވެސް، ހަގީގަތުގައި މިއީ އެކުދިންގެ ބޭނުންތަކާއި، ޝައުގުވެރިކަން ނުވަތަ އުޅުން އާންމު މިންގަނޑުތަކާ ތަފާތު ދަރިވަރުންނެވެ. ހަރުދަނާ މުދައްރިސުން ގަބޫލުކުރާ ގޮތުގައި، އެކަށީގެންވާ އެހީތެރިކަމާއި، އިރުޝާދާއި، އުނގެނުމުގެ މާހައުލެއް ފަހިކޮށްދީފިނަމަ ކޮންމެ ދަރިވަރަކަށްވެސް ކާމިޔާބީ ހާސިލުކުރެވިދާނެއެވެ. ގޮންޖެހުންތައް ކުރިމަތިކުރުވާ ދަރިވަރުންނަކީ ހުރަހެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ މުދައްރިސުންގެ ފަންނީ ގާބިލުކަމާއި، ހަމްދަރުދީއާއި، އުނގަންނައިދިނުމުގެ އުފެއްދުންތެރިކަން ދައްކާލުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލަންޖެހެއެވެ.

މިފަދަ ދަރިވަރުންގެ ތެރެއިން އެންމެ އާންމުކޮށް ފެންނަނީ ކްލާހުގެ މަސައްކަތްތަކަށް ހުރަސްއަޅާ (ޑިސްރަޕްޓިވް) ދަރިވަރުންނެވެ. މި ދަރިވަރުން ފިލާވަޅު ކުރިއަށްދާއިރު ގިނައިން ވާހަކަދެއްކުމާއި، ހަރަކާތްތަކަށް ހުރަސްއެޅުމާއި، އެހެން ކުދިންގެ ސަމާލުކަން ގެއްލުވާލުމާއި، ކަނޑައެޅިފައިވާ ގަވާއިދުތަކަށް ގޮންޖެހުން ފަދަ ކަންކަން ކުރެއެވެ. މީގެ ސަބަބުން އުނގެނުމުގެ މަރުހަލާއަށް ބުރޫއަރައި، އެހެން ދަރިވަރުންގެ ސަމާލުކަން ކުޑަވެއެވެ. ނަމަވެސް، މިފަދަ އަމަލުތަކަކީ ގިނަ ފަހަރަށް އެކުދިންގެ ނަފްސާނީ، އިޖުތިމާއީ ނުވަތަ ތައުލީމީ ބޭނުންތަކެއް ފުދިފައި ނުވުމުގެ ނަތީޖާއެވެ. ބައެއް ކުދިން ސަމާލުކަން ހޯދަން މަސައްކަތް ކުރާއިރު، އަނެއްބައި ކުދިންނަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގައި ނުވަތަ ފިލާވަޅުގައި ބައިވެރިވުމުގައި ދަތިތަކެއް ހުރެއެވެ. ހަރުދަނާ މުދައްރިސުން މިފަދަ ދަރިވަރުން މެނޭޖްކުރަނީ ސާފު އުސޫލުތަކެއް ކަނޑައަޅައި، ދާއިމީ ތަރުތީބެއް ހިފަހައްޓައި، ހިތްވަރުދޭނެ ފަދަ ކަންކަން ބޭނުންކޮށްގެންނެވެ. އެކުދިންނަކީ އަގުހުރި، ބައިވެރިކުރެވޭ ބައެއްކަން އިހުސާސްވުމުން އެކުދިންގެ އުޅުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އާދެއެވެ.

ދެން ފާހަގަކުރެވެނީ ކިޔެވުމަށް ޝައުގުވެރިކަން ކުޑަ (އަންމޯޓިވޭޓަޑް) ދަރިވަރުންނެވެ. މިފަދަ ދަރިވަރުން ތައުލީމީ ހަރަކާތްތަކަށް ދޭ ސަމާލުކަން ކުޑަވެފައި، ބައިވެރިވުން މަދުވާނެއެވެ. އަދި ކުޑަވެސް ދަތިކަމެއް ކުރިމަތިވެއްޖެނަމަ ފަސޭހައިން އުންމީދު ކަނޑާލައެވެ. ދިރާސާތަކުން ދައްކާގޮތުގައި ދަރިވަރުންގެ ޝައުގުވެރިކަން ގުޅިފައިވަނީ އެ ކިޔަވާ އެއްޗެއްގެ މުހިންމުކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، ކާމިޔާބީގެ އިހުސާސާއެވެ. މިފަދަ ކުދިންނަށް ކިޔަވާ އެއްޗެއްގެ ބޭނުމެއް ނުފެނިދާނެއެވެ ނުވަތަ ތަކުރާރުކޮށް ނާކާމިޔާބީއާ ކުރިމަތިވުމުގެ ސަބަބުން އިތުބާރު ގެއްލިފައި ހުރެދާނެއެވެ. މުދައްރިސުންނަށް މިކަން ހައްލުކުރެވޭނީ ފިލާވަޅުތައް އަމަލީ ދިރިއުޅުމާ ގުޅުވައިދީ، ހާސިލުކުރެވޭނެ ފަދަ ލަނޑުދަނޑިތަކެއް ކަނޑައަޅައި، ކުދިކުދި ކުރިއެރުންތައް ބަލައިގަނެ، ކާމިޔާބީގެ ފުރުސަތުތައް ފަހިކޮށްދީގެންނެވެ.

މަޑުމައިތިރި (ސައިލެންޓް) ދަރިވަރުންނަކީ ތަފާތު ގޮންޖެހުމެކެވެ. މި ދަރިވަރުން ސުވާލުކުރުން މަދުވެފައި، މަޝްވަރާތަކުގައި ބައިވެރިވުމުން ދުރުހެލިވެއެވެ. ބޭރުފުށުން ބަލާއިރު މިއީ ރަނގަޅު އުޅުމެއް ކަމަށް ފެނުނު ނަމަވެސް، އެކުދިންނަށް ފިލާވަޅު ފަހުމްވާ މިންވަރު ދެނެގަތުމަށް މުދައްރިސަށް އުނދަގޫވެއެވެ. ބައެއް ކުދިންނަކީ އިތުބާރު ކުޑަވުމުގެ ސަބަބުން ނުވަތަ އެހެން ކުދިންގެ ކުރިމަތީގައި ކުށެއް ކުރެވިދާނެތީ ބިރުގަންނަ ކުދިންނެވެ. މިފަދަ ކުދިން ބައިވެރިކުރުވުމަށްޓަކައި ނަފްސާނީ ގޮތުން ރައްކާތެރި މާހައުލެއް ބޭނުންވެއެވެ. ކުދި ގްރޫޕްތަކުގެ މަޝްވަރާތަކާއި، އެކަކު އަނެކަކަށް އެހީތެރިވާނެ ހަރަކާތްތަކުގެ ސަބަބުން މި ކުދިންގެ އިތުބާރު ބޮޑުވެ، އުނގެނުމުގެ މަރުހަލާގައި ހަރަކާތްތެރިވުމަށް މަގުފަހިވެއެވެ.

ގޮތްދޫނުކުރާ (ޑިފައިއަންޓް) ދަރިވަރުންނަކީ މުދައްރިސުންގެ ބަހަށް ނުކިޔަމަންތެރިވެ، އިރުޝާދުތަކަށް ދެކޮޅުހަދާ ކުދިންނެވެ. މީގެ ސަބަބުން ކްލާސްރޫމުގައި ނުތަނަވަސްކަން އުފެދި، އެހެން ކުދިންނަށް ނޭދެވޭ އަސަރު ކުރެއެވެ. މިފަދަ އުޅުމެއް ހުންނަނީ އަމިއްލަ މިނިވަންކަން ބޭނުންވުމުން ނުވަތަ ކުރިން ތައުލީމީ މާހައުލުގައި ކުރެވިފައިވާ ހިތްދަތި ތަޖުރިބާއެއްގެ ސަބަބުން ކަމަށް ވެދާނެއެވެ. އަދަބު ދިނުމުގެ ބަދަލުގައި، މުދައްރިސުން ކެތްތެރިކަމާއެކު ގުޅުން ބަދަހިކުރުމަށް އިސްކަންދޭންޖެހެއެވެ. ދަރިވަރުންނަށް އިހުތިޔާރުތަކެއް ދިނުމާއި، ގޮތް ނިންމުމުގައި އެކުދިން ބައިވެރިކުރުވުމަކީ ނުކިޔަމަންތެރިކަން ކުޑަކޮށް، އެއްބާރުލުން އިތުރުކުރެވޭނެ ކަމެކެވެ.

ސަމާލުކަން ކުޑަ (ޑިސްޓްރެކްޓަޑް) ދަރިވަރުން މިހާރުގެ ކްލާސްރޫމްތަކުގައި ވަރަށް ގިނައެވެ. މި ކުދިންނަށް އެއް ކަމަކަށް ސަމާލުކަން ދީގެން ހުރުމަށް ދަތިވެ، ފަސޭހައިން ހިޔާލީ ދުނިޔެއަކަށް ގެއްލި، އިރުޝާދުތައް އޮޅުންނުފިލާ ގޮތްވެއެވެ. ޑިޖިޓަލް ވަސީލަތްތަކާއި، އުނގެނުމުގެ ނުކުޅެދުންތެރިކަން ނުވަތަ މާހައުލީ ސަބަބުތަކާ ހުރެ މިކަން މެދުވެރިވެދާނެއެވެ. މުދައްރިސުންނަށް މިކަން ހައްލުކުރެވޭނީ މަސައްކަތްތައް ކުދި ބައިތަކަކަށް ބަހާލައިގެން، ހަރަކާތްތެރި ފިލާވަޅުތައް ހިމަނައިގެން އަދި ސާފު އިރުޝާދު ދީގެންނެވެ.

އަމިއްލަ ނަފްސަށް މާބޮޑަށް އިތުބާރުކުރާ (އޯވަރކޮންފިޑެންޓް) ދަރިވަރުންވެސް ތިބެއެވެ. މިފަދަ ކުދިން މަޝްވަރާތަކުގައި މާބޮޑަށް ބަސްބުނެ، އިސްލާހުކުރުމަށް ދެކޮޅުހަދައެވެ. އިތުބާރަކީ ރަނގަޅު ސިފައެއް ނަމަވެސް، މާބޮޑަށް އިތުބާރު ބޮޑުވުމުން އާ ކަންތައްތައް ދަސްކުރުމަށް ހުރަސްއެޅެއެވެ. މުދައްރިސުން މިކުދިންނަށް އެހީތެރިވެދޭނީ އެހެން ކުދިންނާ ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅައި، އަމިއްލަ މަސައްކަތާމެދު ވިސްނާލުމަށް ފުރުސަތު ދީގެންނެވެ. އުނގެނުމަކީ މުޅި އުމުރަށް ދެމިގެންދާ ކަމެއްކަން ދަސްކޮށްދިނުމުން، އެކުދިންގެ ކިބައިގައި ހިތްތިރިކަމާއި ކުރިއެރުމުގެ ރޫހު އުފެދޭނެއެވެ.

ތަފާތު މިޒާޖުގެ ދަރިވަރުން މެނޭޖްކުރުމަށްޓަކައި ހަމައެކަނި މާއްދާގެ އިލްމު ހުރުމުން ފުދޭކަށް ނެތެވެ. މީގެ އަސާސަކީ މުދައްރިސާއި ދަރިވަރާ ދެމެދު އޮންނަ ވަރުގަދަ ގުޅުމާއި، ހަމްދަރުދީއާއި، ކެތްތެރިކަމާއި، މުއާމަލާތް ކުރުމުގެ ހުނަރެވެ. ދަރިވަރުންގެ ފަރާތުން ފެންނަ އުނދަގޫ އުޅުންތަކަކީ ހަމައެކަނި އެކުދިންގެ މައްސަލައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ  އާއިލާއާއި، މުޖުތަމައާއި، ސަގާފަތުގެ އިތުރުން މުޅި މުޖުތަމައުގެ ތެރެއިން ކުރިމަތިވާ ތަފާތު ސަބަބުތަކާ ގުޅިފައިވާ ކަމެއްކަން ތައުލީމީ ނަޒަރިއްޔާތަކުން ކަށަވަރުކޮށްދެއެވެ.

މީގެ އިތުރުން، އެންމެން ބައިވެރިކުރާ (އިންކްލޫސިވް) ތައުލީމުގެ އުސޫލުތައް ބާރުއަޅަނީ، ދަރިވަރުގެ އުޅުމާއި، ނަފްސާނީ ނުވަތަ ތައުލީމީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ކޮންމެ ދަރިވަރަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިބެންޖެހޭ ކަމަށެވެ. ސްކޫލްތަކުގައި އުފާވެރި މާހައުލެއް ގާއިމުކުރުމާއި، ކުދިންނަށް ބިނާކުރަނިވި ގޮތެއްގައި އިރުޝާދު ދިނުމާއި، އަދި ދަރިވަރުންގެ ފެންވަރަށް ބަލައިގެން ކިޔަވައިދިނުމުގެ އުކުޅުތައް ބޭނުންކުރުމަކީ ތަފާތު މިޒާޖުގެ ކުދިންނަށް އެހީތެރިވުމަށް އެންމެ ކާމިޔާބު ގޮތްތަކެވެ. މިކަމުގައި މުދައްރިސުންނާއި، ބެލެނިވެރިންނާއި، ކައުންސިލަރުން އަދި ސްކޫލްގެ އިސްވެރިން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ކިޔަވައިދީގެން އިސްލާހު ނުކުރެވޭނެ އެއްވެސް ދަރިވަރަކު ނުހުރެއެވެ. ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް ތަފާތު ހުނަރުތަކާއި، ގާބިލުކަމާއި، ކުރިއެރުމުގެ ފުރުސަތު އެބައޮތެވެ. އުނދަގޫ އުޅުމެއްގެ ގޮތުގައި ފެންނަ ކަންތައްތަކަކީ ގިނަ ފަހަރަށް އެކުދިންގެ ފުދިފައިނުވާ ބޭނުންތަކެއް ނުވަތަ ފޮރުވިފައިވާ ހުނަރުތަކެއްގެ ނަތީޖާއެވެ. މުދައްރިސެއްގެ ދައުރަކީ ހަމައެކަނި މައުލޫމާތު ފޯރުކޮށްދިނުމެއް ނޫނެވެ. އެއީ ދަރިވަރުން ދެނެގަނެ، އެކުދިން ބިނާކޮށް، ކޮންމެ ކުއްޖަކަށްވެސް ކުރިއެރުން ލިބޭނެ ފަދަ މަގުތަކެއް ކޮށައިދިނުމެވެ. މޮޅު މުދައްރިސުންނަކީ ހަމައެކަނި ދަރިވަރުންގެ އުޅުން ކޮންޓްރޯލް ކުރާ ބައެއް ނޫނެވެ. އެއީ ގުޅުން ބަދަހިކޮށް، ހިތްވަރުދީ، އިތުބާރު އުފައްދައި، ކާމިޔާބީގެ މަގަށް ދަރިވަރުން ގެންގޮސްދޭ ބައެކެވެ. މުދައްރިސުން ހަމްދަރުދީއާއި ފަންނީ ހުނަރުވެރިކަމާއެކު މިފަދަ ދަރިވަރުންނާ މުއާމަލާތް ކޮށްފިނަމަ، ކުރިމަތިވާ ހުރަސްތަކަކީ ފުރުސަތުތަކަކަށް ބަދަލުވެ، ކޮންމެ ދަރިވަރަކަށްވެސް އެކުއްޖެއްގެ އެންމެ ފުރިހަމަ ގާބިލުކަމަށް ވާސިލުވެވޭނެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *