އިސްކަންދަރުގެ ބިޒްނަސް އެކްސްޕޯގައި 1200 އެއްހާ ދަރިވަރުންގެ އުފެއްދުންތެރި ޚިޔާލު

އިސްކަންދަރު ސްކޫލުގެ ބިޒްނަސް އެކްސްޕޯގެ ތެރެއިން: ވިޔަފާރިއެއް ފެށުމާއި ފައިސާ ގެންގުޅުމުގެ ހުނަރުތައް މި އެކްސްޕޯއިން ދަރިވަރުންނަށް ލިބިގެންދާނެ- ފޮޓޯ: ދަރިވަރު

އިސްކަންދަރު ސްކޫލުގެ ބިޒްނަސް އެކްސްޕޯރ އިއްޔެ ހަވީރު ބާއްވައިފިއެވެ. މި އެކްސްޕޯ ހުޅުވައިދެއްވީ، އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ސްޕްރިންޑެންޓެންޓް ހުސައިން ފައިސަލާއި ބިޒްނަސް ސެންޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރު އިބްރާހިމް ޒިއާއުއެވެ.

މިއީ ގުރޭޑް 4ން ފެށިގެން ގުރޭޑް 10ގައި ކިޔަވަމުންދާ 1200އެއްހާ ދަރިވަރުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ އެ ސްކޫލުގެ ފުރަތަމަ ބިޒްނަސް އެކްސްޕޯއެވެ. މި އެކްސްޕޯގެ ސްޓޯލްތައް ތައްޔާރުކޮށްފައި ވަނީ ވަކިވަކި ދަރިވަރުންނާއި ގުރޫޕްތަކުގެ ދަރިވަރުންނެއެވެ.

އިއްޔެ ހަވީރު 4ން 6އަށް ކުރިއަށް، މި އެކްސްޕޯ ކުރިއަށް ގެންދިޔައީ މައިގަނޑު ތީމުތަކެއްގެ މައްޗަށެވެ. އެއީ، ދެމެހެއްޓެނިވި މުސްތަގުބަލް، އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީ، ދުނިޔޭގެ ބާޒާރު، އާންމު ދިރިއުޅުމުގެ ހައްލުތައް، އުފެއްދުންތެރިކަމާއި އަތްތެރި މަސައްކަތްތަކާއި ޚިދުމަތްތަކެވެ.

އިސްކަންދަރު ސްކޫލުން ބުނީ، އެ ސްކޫލުން ފުރަތަމަ ފަހަރަށް ބޭއްވި ބިޒްނަސް އެކްސްކޯއިން ފެނިގެން ދިޔައީ ދަރިވަރުންގެ އުފެންތެރި ވިޔަފާރީގެ ޚިޔާލުތައް ކަމަށެވެ. ބިޒްނަސް އެކްސްޕޯ ވަރަށް ކާމިޔާބު ކަމަށާއި ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަށް އެ ސްކޫލުން ބުނެއެވެ.

އެކްސްޕޯގެ ސްޓޯލްތަކުން ލިބުނު ފައިސާއަކީ އެ ދަރިވަރުންނަށް ލިބޭ ފައިސާއެކެވެ. އެކްސްޕޯގެ ސްޓޯލްތަކަށް ބަލާއިރު، ދަރިވަރުން އަމިއްލައަށް ތައްޔާރުކޮށްފައިވާ ކާބޯތަކެއްޗާއި ގަހަނާއާއި ހަނދާނީ ހަދިޔާއާއި ކުރެހުމާއި ކުރާފްޓާއި ތަފާތު ޚިދުމަތްތަކުން ދަރިވަރުންގެ އުފެއްދުންތެރިކަން ދައްކާލާފައިވެއެވެ. މި އެކްސްޕޯގެ ސަބަބުން ދަރިވަރުންނަށް ފައިސާގެ މުއާމަލާތްތަކާއި ވިޔަފާރިއެއް ފަށައިގެން ކުރިއަށް ގެންދާނެ ގޮތުގެ އަސާސީ ހުނަރުތައް ލިބިގެންދާނެއެވެ. އެކްސްޕޯ ނިމުމުން ވަކިވަކި ސްޓޯލްތަކުގެ މާލީ ހިސާބުތައް ދަރިވަރުން ހުށައަޅަން ޖެހެއެވެ.

އިސްކަންދަރު ބިޒްނަސް އެކްސްޕޯ ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވައިލައިގެންނެވެ. ދެ އަހަރުން އެއް އަހަރު މި އެކްސްޕޯ ކުރިއަށް ގެންދަން އެ ސްކޫލުން ވަނީ ނިންމާަފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *