ތަޢުލީމީ ދާއިރާއަށް ފަންނީ ބިދޭސީ މުވައްޒަފުން ނެގުމުގައި ޢަމަލުކުރާނެ އުސޫލެއް އެކުލަވާލައި އެ އުޞޫލު އާންމުކޮށްފިއެވެ.
މި އުސޫލުގެ މައިގަނޑު މަގުސަ ދަކީ ރެކްރޫޓް ކުރެވޭ ފަންނީ ބިދޭސީ މުވައްޒަފުންގެ ފެންވަރު ކަށަވަރުކޮށް ތަޢުލީމީ ދާއިރާއަށް ބޭނުންވާ އަދަދަށް ފަންނީ ބިދޭސީ މުވައްޒަފުން ހޯދުމުގައި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.
މި އުޞޫލުގައި ބުނެފައިވާ ގޮތުން، ބިދޭސީ މުވައްޒަފުން ނެގުމުގައި މަސައްކަތްތައް ހިނގާ ގޮތް ބަލައި ވިލަރެސްކުރުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް، މި އުޞޫލަށް އަމަލުކުރާތާ 30 ދުވަހުގެ ތެރޭގައި ތައުލީމާ ބެހޭ ވަޒީރު އެކުލަވާލަން ޖެހެއެވެ. މި ކޮމިޓީ އެކުލަވާލުމުގައި މުވައްޒަފުން ވަޒީފާތަކަށް ހަމަޖެއްސުމުގައި ސީދާގޮތުން މަސައްކަތްކުރާ ޑިޕާޓްމަންޓް/ސެކްޝަންގެ މުވައްޒަފުންނާއި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއްގެ މުވައްޒަފެއް ނުވަތަ އެފަދަ އެޖެންސީއެއްގެ ހިއްސާދާރެއް ނުވަތަ އެޖެންސީ ހިންގުމުގެ އިސް މަގާމެއް އަދާކުރާ މީހުން ހިމަނައިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. މި ކޮމިޓީގައި މެމްބަރުން އެކުލަވާލާއިރު ހިމަނަން ޖެހޭ މުވައްޒަފުންގެ ތެރޭގައި ސްކޫލުގެ ޕްރިންސިޕަލުންގެ ތެރެއިން ދެ ޕްރިންސިޕަލުންނާއި މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީގެ ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންގެ ތެރެއިން ރޭންކް އަށަކުން މަތީގެ ތިން މެމްބަރުން ހިމެނުމަށް ކަނޑައަޅާފައިވެއެވެ.
މި އުޞޫލުގައި ބުނެފައިވާ ގޮތުން، ބިދޭސީ މުވައްޒަފުން ގެންނަން ޖެހޭނީ އެޖެސީއެއް މެދުވެރިކޮށެވެ. އެޖެންސީއެއް މެދުވެރިކޮށް ނުގެނެވޭ ހާލަތެއްގައި ކޮމެޓީން ނިންމާ ގޮތެއްގެ މަތިން މިނިސްޓްރީއަށް ވެސް މުވައްޒަފުން ގެނެވޭނެ އިޚްތިޔާރު މި އުޞޫލުން ދީފައިވެއެވެ.
ވަޒީފާ ހޯދައިދިނުމަށް ނުވަތަ ވަޒީފާގެ ކަންތައްތައް ހަމަޖެއްސުމަށް ޓަކައި ސީދާކޮށް ވިޔަސް އަދި ނުސީދާކޮށްވިޔަސް ، މިނިސްޓްރީގެ ބޭނުމަށް ގެނެވޭ ފަންނީ ބިދޭސީ މުވައްޒަފުންގެ އަތުން މި އުސޫލުގެ ދަށުން އައްޔަނުކުރާ އޭޖެންސީ އަކުން ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ އޭޖެންސީއަކުން ވިޔަސް ނުވަތަ ރެކްރޫޓްމަންޓުގެ މަސައްކަތްކުރާ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ފީއެއް ނަގައިގެން ނުވާނެ ކަމަށް މި އުޞޫލުގައި ބުނެފައިވެއެވެ.
ޝޯޓްކުރާ ފަރާތްތާ އިންޓަވިއުކުރުމަށް އެ މިނިސްޓްރީން ދާ އިންޓަވިއު ޕެނަލުގެ މެންބަރުންގެ ތިބުމާއި ކެއުމާއި ދަތުރުފަތުރާއި އިދާރީ އެހެނިހެން ކަންތައްތައް ކުރާނީ ތައުލީމާ ބެހޭ މިނިސްޓްރީންނެވެ. އެ އިންތިޒާމް ހަމަޖައްސާނީ ވިލަރެސް ކޮމިޓީގެ ފަރާތުންނެވެ.
ޝޯޓް ލިސްޓްކޮށްފައިވާ ފަރާތްތަކާ އިންޓަވިއުކުރަން ޕެނަލެއް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމަންވާނީ އެ އިރަކަށް ބޭނުންވާ ރިކުއަރމަންޓުގެ 50 އިންސައްތައަށް ވުރެ އިތުރު އަދަދެއް އިންޓަވިއުއަށް އެދި ކުރިމަތިލައިފައިވާނަމައެވެ.
ވަޒީފާއަށް މީހުން ހަމަޖައްސަނީ އެންމެ މަތީން ޕޮއިންޓް ލިބުނު ތަރުތީބުން ކަމަށް މި އުޞޫލުގައި ބުނެފައިވެއެވެ. ޕޮއިންޓުގެ ގޮތުން އެއްވަރުވާ ހާލަތުގައި ވަޒީފާ ހަމަޖައްސާނެ ތަރުތީބު ކަނޑައަޅާނީ ވިލަރެސް ކޮމިޓީންނެވެ. މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ރެކްރޫޓްކުރާ ފަރާތްތަކުގެ ފެންވަރު 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި ކަށަވަރުކުރަން ވާނެކަމަށް ވެސް ބުނެފައިވެއެވެ. ޕްރޮބޭޝަނުގައި ހުންނަ ފުރަތަމަ 2 މަސްދުވަހުގެ ތެރޭގައި އެ މުވައްޒަފަކު މަސައްކަތްކުރާ ސްކޫލުގެ އިސްވެރިޔާ އެ މުވައްޒަފުގެ ކިޔަވައިދިނުމުގެ ފެންވަރު ބަލައި ، ކަމުނުދާ ނަމ ކަމުނުދާ ސަބަބުތައް ބަޔާންކޮށް ޕްރޮބޭޝަނުގެ މުއްދަތު ހަމަވުމުގެ 15ފަނަރަ ދުވަހުގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީއަށް އެކަން އަންގަންޖެހެއެވެ.
advertisment
ހިޔާލު