މަތީ ސާނަވީގެ ކިޔެވުން މިއަދު ފެށިއިރު، ހަތަރު ސްކޫލުގައި އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައިފިއެވެ.
މަތީ ސާނަވީއަށް މި އަހަރު ކިޔަވައިދޭން ފެށީ، ރ. އަތޮޅު އުނގޫފާރު ސްކޫލާއި އިނގުރައިދޫ ސްކޫލާއި ތ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ގދ. މަޑަވެލީ ސްކޫލުގައެވެ.

އުނގޫފާރު ސްކޫލުގައި މަތީ ސާނަވިއަށް ކިޔަވައިދޭން ފެށީ 7 އަހަރުގެ މެދުކެނޑުމެކަށްފަހުއެވެ. އެ ސްކޫލުގައި މަތީ ސާނަވީ އުފެއްދީ 2013 ވަނަ އަހަރުއެވެ. މަތީ ސާނަވީގެ ކިޔެވުން މެދުކެނޑުނީ 2019 ވަނަ އަހަރުއެވެ. އުނގޫފާރު ސްކޫލުގެ ގުރޭޑް 11އަށް ކިޔަވައިދޭން މިއަދު ފެށީ 11 ދަރިވަރުންނާއެކު ގައެވެ. އޭގެތެރޭގައި ރަށުން ބޭރު ދެ ދަރިވަރުން ހިމެނެއެވެ.
އުނގޫފާރު ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަސީމް ދަރިވަރު ނޫހަށް ވިދާޅުވީ، މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުމުގެ މަސައްކަތް ފެއްޓެވީ އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަޙްމަދު މުޖްތަބާ ކަމަށެވެ.
"މުޖުތަބާ ފެއްޓެވި މަސައްކަތް އަލުން އަޅުގަނޑުމެން ކުރިއަށް މި ގެންދިޔައީ" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ މަތީ ސާނަވީއަށް ކިޔަވައިދޭން އަލުން ފެށިގެން ދިޔައީ ބެލެނިވެރިންނާއި ދަރިވަރުންނައި މުދައްރިސުންގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާ އެކުގައި ކަމަށެވެ.

ރ. އިނގުރައިދޫ ސްކޫލުގައި ގުރޭޑް 11އަށް ކިޔަވައިދޭން ފެށީ 8 ދަރިވަރުންނާއެކުގައެވެ. މަޑަވެލީ ސްކޫލުގައި 11 އަށް ކިޔަވައިދޭން ފެށީ 9 ދަރިވަރުންނާއެކުގައެވެ.
މުޅި ރާއްޖެއަށް މަތީ ސާނަވީ ފުޅާކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން މިދިޔަ އަހަރުވެސް ފަސް ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވެއެވެ.
advertisment
ހިޔާލު