ޢިލްމީ މަޖައްލާއެއްގެ ގޮތުގައި "ފުރުދު" ނެރެން ފަށައިފި

ދިވެހިބަހުން ޗާޕުކޮށްގެން އާދަކޮށް ނެރޭ މަޖައްލާއެއް ނެތި ޒަމާންތަކެއް ވުމަށް ފަހު، ޢިލްމީ މަޖައްލާއެއްގެ ގޮތުގައި "ފުރުދު" ނެރެން ފަށައިފިއެވެ.

ބަސްފޮތުގައިވާ ގޮތުން މި ލަފުޒުގެ މުލަ މާނައަކީ ތަޖުރިބާ އެވެ. މިއީ ކޮންމެ ދެމަހުން އެއް މަހު ނުކުންނާނޭ، ދިވެހިބަހުން، ކުލައިން ޗާޕުކޮށް މޮޅު ކަރުދާހުގައި ނެރޭ މަޖައްލާއެކެވެ. ޝާއިޢުކުރި ފަރާތެއްގެ ގޮތުގައި ވަނީ މ. ކުއްޅަވައްގޭ ޖާދުﷲ ޖަމީލެވެ. ފޮތް އަމާޒުކޮށްފައިވަނީ ހަރުވަރުގެ ފިކުރުކުރާ މީހުންނަށެވެ.

މި މަޖައްލާގެ ފުރަތަމަ އަދަދުގައި ހިމަނާފައިވާ ލިޔުންތަކުގެ ތެރޭގައި އިސްލާމްދީނާއި ދިވެހިބަހާއި ދިވެހި ތާރީޚާ ބެހޭ ލިޔުންތައް ހިމެނެއެވެ. މީގެ އިތުރުން ޞިއްޙަތާއި ކަސްރަތާއި ކެއްކުމާއި ޅެންވެރިކަމާއި ބުއްދިވެރި ވާހަކައާއި ގަސްހެއްދުމާއި އިޖްތިމާޢީ ދިރިއުޅުމާ ބެހޭ މަޒުމޫނުތައް ހިމެނެއެވެ. ފުރަތަމަ ޢަދަދުގެ ފީޗަރ އާޓިކަލް ނުވަތަ އިސް މަޒުމޫނަކީ މަޝްހޫރު ފޮޓޮގްރާފަރ އިސްމާޢީލް ޢަބްދުﷲ ލިޔުއްވި އަލްމަރްޙޫމް މަޑުލު ވަޙީދުގެ ކުރު ޙަޔާތުނާމާ އެކެވެ.

މަޒުމޫނުތަކުގެ އެހެން ބައެއް ލިޔުންތެރީންގެ ތެރޭގައި، އައްޝައިޚް މުޙައްމަދު ޒުހައިރާއި އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދާއި، ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި، އުތީމު އާދަމް ޢަބްދުއްރަޙްމާނާއި، ޖާދުﷲ ޖަމީލާއި ކުރުވާހަކަ ލިޔުމަށް ނަންއަރާފައިވާ އަޙްމަދު ޝިޔާމް އާއި ޑރ. އަޙްމަދު އިނާޒް ހިމެނެއެވެ. މިފަހަރުގެ ޅެންތައް ހައްދަވާފައިވަނީ ޢަބްދުއްރަޝީދު ހުސައިން އާއި، އާދަމް ނަޞީރު އިބްރާހީމް އާއި އާދަމް ޢަބްދުއްރަޙްމާން އާއި ޢ.ޙ.ޒ. އެވެ.

މި މަޖައްލާގެ ލޭއައުޓް ހަދައިދީފައިވަނީ ޑރ ޙަސަން ޙަމީދެވެ. ފޮތުގެ މާކެޓިން އިގްޒެކެޓިވް އަކީ މުޙައްމަދު ޝަރީފް އެވެ. މިފޮތް ވިއްކަން ހުންނާނީ އަސްރަފީ ބުކްޝޮޕުންނާއި ބައެއް އެހެން ފޮތް ފިހާރަ ތަކުންނެވެ. 99 ރުފިޔާއަށް ވިއްކާ މި މަޖައްލާ ބޭނުންވާ ފަރާތްތަކުން 7430960 އަށް މެސެޖު ކުރުމުން ގެންގޮސްދިނުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިއީ، މައިންބަފައިންނަށާއި ހަރުވަރުންނަށް ހަދިޔާއަކަށް ދޭން ވަރަށް މުނާސަބު، ވަރަށް މަޢުލޫމާތު ގިނަ ޢިލްމީ މަޖައްލާއަކަށް ވާނެ ކަމަށް ބެލެވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *