ޖީލުތައް ބައްޓަންކޮށް ޤައުމު ބާރުވެރިކޮށްދޭ މައިގަނޑު އަސާސަކީ ބެލެނިވެރިންގެ ހިތްވަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބެލެނިވެރިންގެ ދުވަހުގެ މުނާޞަބަތުގައި އެމަނިކުފާނު މީސްމީޑިއާގައި ލިޔުއްވި ކުރު މެސެޖްގައި ވިދާޅުވީ، އާއިލާތަކުގެ ބިންގާ ވަރުގަދަކުރުމަށްޓަކައި ބެލެނިވެރިން ވަމުންދާ މަތިވެރި ގުރުބާނީއާއި، ނުގުޑާފަދަ އިޚްލާޞްތެރި މަސައްކަތުގެ އަގު ވަޒަންކުރަން ޖެހޭ ކަމަށެވެ. "ބެލެނިވެރިންގެ ލޯތްބާއި ހިތްވަރަކީ އަންނަން އޮތް ޖީލުތައް ބައްޓަންކޮށް، ގައުމުގެ ބާރުވެރިކޮށްދޭ މައިގަނޑު އަސާސް" އެމަނިކުފާނު ލިޔުއްވާފައިވެއެވެ.
ރައީސް ވިދާޅުވީ، ދިވެހި މުޖުތަމަޢުގެ ބިންގާ ކަމުގައިވާ އާއިލީ ގުޅުންތައް ދެމެހެއްޓުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށާއި އަމާޒަކީ ބެލެނިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ކޮންމެ ކުއްޖެއްގެ މުސްތަގުބަލު ރައްކާތެރިކުރުމަށް ބޭނުންވާ ތައުލީމާއި ޞިއްޙަތާއި އިޖުތިމާއީ ކަންތައްތަކަށް އިންވެސްޓްމަންޓްތައް އިތުރުކުރުން ކަމަށެވެ.
ރައީސްގެ މެސެޖްގައި އެ މަނިކުފާނު ދެއްވި ޔަޤީންކަމަކީ، ބެލެނިވެރިންގެ މުޖުތަމައުގައި އަދާކުރާ މުހިންމު ދައުރު ބަލައިގަނެ އަދި އެފަރާތްތަކަށް އެހީތެރިވުމުގައި ސާބިތުކަމާއެކު ދެމިހުންނާނެ ކަމެވެ.
advertisment
ހިޔާލު