ބިންގާ ޕްރޮގްރާމުގައި ހިމަނައިގެން ދުންފަތުން ލިބޭ ގެއްލުމާ ބެހޭ މައުލޫމާތު ދަރިވަރުންނާއި ބެލެނިންވެރިންނާއި މުދައްރިސުންނަށް ދޭން ނިންމާފައިވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް ކުރިއަށް ގެންދަން ސަރުކާރުން ނިންމައި އެކަމާ ބެހޭ މައުލޫމާތު މީޑިއާއާ ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ޑރ. އިސްމާއިލް ވިދާޅުވީ، ދުންފަތާ ދުރުވުމަށް ހިންގާ ޤައުމީ ކެމްޕޭނުގައި ތައުލީމީ ދާއިރާގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. 2024ވަނަ އަހަރު ވޭޕް މަނާކުރުމުގެ ވާހަކަ ދެކެވުނުއިރުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އައީ ބެލެނިވެރިންގެ ފަރާތުންކަން ބަޔާންކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެ ވުޒާރާގެ ހެލްތް އެންޑް ސޭފްޓީ ޑިވިޒަންގެ ފަރާތުން 215 ޕީޓީއޭ އާ ބައްދަކުރިއިރު ވެސް ދުންފަތުގެ ކަންބޮޑުވުން ނެންގެވީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
"މި ބައްދަލުކުރުންތަކުން އެނގިގެން ދިޔައީ ވޭޕް މަނާކުރުމަކީ ކުދިންނާއި ޒުވާނުންގެ ޙައްޤުގައި ނިންމަންޖެހޭ ނިންމުމެއްކަމަށް. އެ ރެކަމެންޑެޝަނާއެކީގައި ރައީސާ ހަމައަށް ގެންދިޔައީ" ވަޒީރު ވިދާޅުވިއެވެ.
ޑރ. އިސްމާއިލް ވިދާޅުވީ، މުޖްތަމައުގެ ބައިވެރިވުމާއެކު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ބައިވެރިވެއްޖިއްޔާ ދުންފަތުން ދުރުވާން ހިންގާ ކެމްޕޭނަށް ވަރަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން ކުރިއަށް ގެންދާ ބިންގާ ޕްރޮގްރާމުގެ ތެރެއަށް ދުންފަތުން ލިބޭ ގެއްލުންތަކުގެ ވާހަކަ އިންޓަރގުރޭޓެޑް ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، "ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަދަރުސީ ނިޒާމުގެ ތެރެއިން، ހުރިހާ ސްކޫލެއްގައި ވެސް ދުންފަތުގެ ނުރައްކަލާ އެކަމުގެ ސަބަބުން ލިބޭ ގެއްލުން، އެއީ ހަމައެކަނި ސިއްޙީ ގެއްލުމެއްނޫން. އިޤްތިޞާދީ ގޮތުން އާއިލާތަކަށް ކުރާ ގެއްލުންތައް ހިމެނޭ މައުލޫމާތުތައް ކުދިންނަށް ފޯރުކޮށްދޭނަން. އާއިލާތަކަށް ފޯރުކޮށްދޭނަން. އަދި ބެލެނިވެރިންނަށާއި މުދައްރިސުންނަށް އެވެއާނަސް ޕްރޮގްރާމްތައް ހިންގާނަން" ކަމަށެވެ.
ޑރ. އިސްމާއިލް ވިދާޅުވީ ބޭނުންވަނީ، ދުންފަތާ ބެހޭ މައުލޫމާތު ވަރަށް ފުރިހަމައަށް ލިބިފައިވާ ޤައުމެއްގެ ގޮތުގައި އޮންނަން ކަމަށާއި އެއާއެކު އެ ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދުންފަތާ ދުރުވާން ބޭނުންވާ ފަރާތަކަށް ސިއްޙީ ނިޒާމު މެދުވެރިކޮށް އެހީތެރިކަން ލިބިގެންދިއުން ކަމަށެވެ.
ދުންފަތުން ޒުވާނުން ދުރުކުރުމަށް "ޖެނެރޭޝަނަލް ބޭން" ތައާރާފުކޮށް އަމަލު ކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރުގެ މެއި މަހު ގެނައި ބަދަލުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނަލެވެ.
advertisment
ހިޔާލު