ބ. ތުޅާދޫ ސްކޫލަށް 90 އަހަރު ފުރުން ރަމްޒުކޮށްދޭ ލޯގޯ ފަރުމާކުރުމުގެ މުބާރާތުން އެއްވަނަ އެރަށު ރަންގަލި، މުޙައްމަދު މަތީން ހޯދައިފިއެވެ.
ތުޅާދޫ ސްކޫލަށް 90 އަހަރު ފުރުން ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރަން ހުޅުވާލުމުން 13 ހުށައެޅުމެއް ލިބުނުކަމަށް އެ ރަށު ސްކޫލުން ބުނެފައިވެއެވެ.
އެއްވަނައަށް ހޮވުނު ލޯގޯ ހުށައެޅި މަތީނަށް އިނާމެއްގެ ގޮތުގައި ލިބުނު 2000 ރުފިޔާ، އަހަރީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން އޭނާ ވަނީ ހަދިޔާކޮށްފައެވެ.
މަތީން ފަރުމާކުރި ލޯގޯއިން ބުނެދެނީ، ތުޅާދޫ ސްކޫލުގެ ތާރީޚާއި މެދުކެނޑުމެއްނެތި އަދާ ހަމައަށް އެ ސްކޫލުން ކޮށްފައިވާ ފަޚުރުވެރި ދަތުރާއި އެ ސްކޫލާމެދު ކުރެވޭ އުއްމީދެވެ.
ބ. ތުޅާދޫ ސްކޫލަށް 90 އަހަރު ފުރޭނީ އަންނަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ.
ތުޅާދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ރަޝީދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އަހަރީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން މަސައްކަތް ކުރަނީ މުޅި ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވާ އީދެއްގެ ގޮތުގައި ކަމަށާއި އެކަމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ސްކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށާއި އެ ހަރަކާތްތައް އިންތިޒާމް ކުރަން ކޮމެޓީތަކެއް ނަގައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
90 ވަނަ އަހަރީ ދުވަހުގެ ޖަލްސާވެސް ޚާއްޞަ ހަފްލާއެއްގެ ގޮތުގައި ބާއްވަން ތުޅާދޫ ސްކޫލުން އަންނަނީ ތައްޔާރުވަމުންނެވެ.
advertisment
ހިޔާލު