މޫސާ ނިމާލް
މި ލިޔުން ބިނާކޮށްފައި ވަނީ، ސީ.އެން.އެން ގެ ޖެކްލިން ހަވަރޑް ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ މައްޗަށެވެ.
ރެއާއި ދުވާލު ހަތަރުދަމު، ފޯނުގެ ސްކްރީން މަތީގައި އިނގިލިތައް ދުއްވުމެވެ. ސޯޝަލް މީޑިއާގެ "ރީލްސް" ތަކާއި "ޓިކްޓޮކް" ފީޑްތައް ނިމުމެއްނެތް ކަނޑެއް ފަދައިން ތިރިއަށް ސްކްރޯލް ކުރުމެވެ. އެއް މެސެޖަށްފަހު އަނެއް މެސެޖެއް ފޮނުވުމާއި، ގަޑިއިރުތަކެއް ވަންދެން "ޕަބްޖީ" ނުވަތަ "ޕްލޭސްޓޭޝަން" ގޭމްތަކުގެ ދުނިޔެއަށް ގެއްލިފައި ހުރުމެވެ. މިއީ މިއަދު ދިވެހިރާއްޖޭގެ ކޮންމެ ގެއަކުންވެސް ފެންނަމުންދާ އާންމު މަންޒަރެކެވެ. ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ސްކްރީންތަކަށް ދެވިހިފާފައިވާ މިންވަރު މިއަދު މިވަނީ ހަމައެކަނި އާއިލީ މައްސަލައަކުން، މުޅި މުޖުތަމައުގެ ސިއްހީ ބޮޑު ކަންބޮޑުވުމަކަށް ބަދަލުވެފައެވެ.
މިކަމާ ގުޅިގެން ދުނިޔޭގެ ސިއްހީ ނިޒާމުގެ އެންމެ ކުރިއަރާފައިވާ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސް (HHS) ގެ މާހިރުން އެކުލަވާލައި، ސާޖަން ޖެނެރަލްގެ އިދާރާއިން ދާދިފަހުން ނެރުނު ރަސްމީ "އެޑްވައިޒަރީ" (ސިއްހީ އިންޒާރު) އަކީ ދިވެހި ބެލެނިވެރިންވެސް ސަމާލުވެލައްވަންޖެހޭ ފަދަ ހަގީގަތްތަކެއް ހާމަކޮށްފައިވާ ރިޕޯޓެކެވެ.

ލޯ ހުޅުވައިލުމުގެ ކުރިން ސްކްރީން: ނިދުމާއި ކިޔެވުމަށްވުރެ ފޯނު އިސްވެއްޖެ!
އެމެރިކާގެ ސިއްހީ މާހިރުންގެ މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުދިން ސްކްރީންތަކަށް ހުށަހެޅޭ އުމުރު މިހާރު ވަނީ އިންތިހާއަށް ދަށްވެފައެވެ. ގިނަ ކުދިންގެ ފުރަތަމަ އުފަންދުވަސް (1 އަހަރު) ފުރުމުގެ ކުރިންވެސް އަތަށް ފޯނު ނުވަތަ ޓެބްލެޓް ދެވެއެވެ. އަދި އުމުރުން ދުވަސްވާ ވަރަކަށް މި އާދަ ދަނީ ބޮޑުވަމުންނެވެ.
ރާއްޖޭގެ މާހައުލަށް ބަލާލިޔަސް، ކުއްޖާ ރޮއިގަންނައިރަށް ނުވަތަ ބަތްކޮޅު ކުޑަކޮށް ކާލަން އުޅޭއިރަށް ޔޫޓިއުބުން "ކޮކޯމެލަން" ޖަހާފައި އަތަށް ފޯނު ދިނުމަކީ ގޭގައި ހިނގާ އާންމު ކަމެކެވެ. ނަމަވެސް މީގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟
"ކުދިން ފުރާވަރުގެ އުމުރަށް އަޅާއިރު، ދުވާލަކު އެވްރެޖްކޮށް 4 ގަޑިއިރަށްވުރެ ގިނަ ވަގުތު ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރެއެވެ. މިއީ އެކުދިން ނިދުމަށް ނުވަތަ ސްކޫލުގައި ހޭދަކުރާ ވަގުތަށްވުރެ އިތުރު އަދަދެކެވެ. އަދި ފުރާވަރުގެ ކުދިންގެ ތެރެއިން ދެބައިކުޅައެއްބަޔާ ގާތްކުރާ އަދަދެއްގެ ކުދިން، ފޯނު ހާވާން ފެށުމުން ވަގުތުދާގޮތް މުޅިން ހަނދާންނެތޭކަމަށް އެއްބަސްވެއެވެ."
= ސާޖަން ޖެނެރަލްގެ އެޑްވައިޒަރީ ރިޕޯޓު=
މި ބިރުވެރި އާދައިގެ ސަބަބުން ކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް މަދެއް ނޫނެވެ:
ނިދި ތަޣައްޔަރުވުން: ރޭގަނޑު ދަންވަރު ވަންދެން ފޯނު ހާވަން ތިބުމުގެ ސަބަބުން ނިދަން އުނދަގޫވުން.
ކިޔެވުން ދަށްވުން: ކިޔެވުމަށްދޭ ސަމާލުކަން ކުޑަވެ، ފިލާވަޅުތަކަށް ދޭންޖެހޭ ވަގުތު ނުދެވުން.
ކަސްރަތު ކުޑަވުން: ބޭރަށް ނިކުމެ ދުވެ ހެދުމުގެ ބަދަލުގައި އެނދުމަތީގައި ގުޅަކައިގެން އިނުން (މީގެ ސަބަބުން ކުޑަކުދިން ފަލަވުމުގެ މައްސަލަ ރާއްޖޭގައިވެސް ދަނީ އިތުރުވަމުންނެވެ).
އިޖުތިމާއީ ގުޅުންތައް ބަލިކަށިވުން: މަންމައާއި ބައްޕަ ނުވަތަ ރައްޓެހިންނާ ކުރިމަތިލައިގެން ވާހަކަދައްކަން ނޭނގުން ނުވަތަ ޖެހިލުންވުން.
ސްކްރީން ވަގުތު ހިފަހައްޓާނީ ކިހިނެއް؟ (އުމުރާ ގުޅޭ ލިމިޓްތައް)
މި މައްސަލައަށް އޮތް ހައްލެއްގެ ގޮތުން، އެމެރިކާގެ ސިއްހީ އިދާރާތަކާއި، އެމެރިކަން އެކަޑެމީ އޮފް ޕީޑިއޭޓްރިކްސް (AAP) ގުޅިގެން ވަނީ ކުދިންގެ އުމުރާ ގުޅޭގޮތުން ސްކްރީން ވަގުތު ބަހާލެވިދާނެ މިންގަނޑުތަކެއް ހުށަހަޅާފައެވެ:
ކުއްޖާގެ އުމުރު
ރިކޮމެންޑްކުރާ ސްކްރީން ވަގުތު (ދުވާލަކު)
18 މަސް ނުފުރޭ ކުދިން
އެއްވެސް ވަރަކަށް ސްކްރީން ދައްކައިގެން ނުވާނެ!
6 އަހަރުން ދަށުގެ ކުދިން
1 ގަޑިއިރަށްވުރެ މަދު ވަގުތުކޮޅެއް
6 އަހަރާއި 18 އަހަރާ ދެމެދު
ގިނަވެގެން 2 ގަޑިއިރު (ސްކޫލް މަސައްކަތް ނުހިމަނާ)
މިއީ "އެންމެންނަށް އެއް އުސޫލެއް" އޮތް ކަމެއް ނޫން: މާހިރުންގެ ޚިޔާލު ތަފާތުވުން
މި ރިޕޯޓާ ގުޅިގެން ސައިންސްވެރިންނާއި ނަފްސާނީ މާހިރުންގެ މެދުގައި ބައެއް ބަހުސްތައްވެސް ވަނީ އުފެދިފައެވެ. ބައެއް މާހިރުން ވިދާޅުވާ ގޮތުގައި ބެލެނިވެރިން މާ ބޮޑަށް "ޕެނިކް" ވެ، ހާސްވާންޖެހޭ ވަރެއް ނުވެއެވެ.
ނޯތުވެސްޓަން ޔުނިވަރސިޓީގެ މެޑިކަލް ސޯޝަލް ސައިންސަސްގެ އެސޯސިއޭޓް ޕްރޮފެސަރ ޑރ. ކޯޓްނީ ބްލެކްވެލް ވިދާޅުވީ، ސްކްރީނަކީ އޭގެ ޒާތުގައި ހަމައެކަނި ނުބައި އެއްޗެއް ނޫނެވެ. ބައެއް ކުދިން "ސެސަމީ ސްޓްރީޓް" ފަދަ ތައުލީމީ ޕްރޮގްރާމްތަކުން އާ އެއްޗެހި ދަސްކުރާއިރު، ފުރާވަރުގެ ބައެއް ކުދިން އޮންލައިން މުޖުތަމައުތަކުން އެކުވެރިކަމާއި ނަފްސާނީ ހިތްހަމަޖެހުން ހޯދައެވެ. އެހެންކަމުން މުހިންމީ ކުއްޖާ ސްކްރީން ކުރިމަތީގައި އިންނަ ވަގުތަށްވުރެ ބޮޑަށް، އޭނާ ބަލަނީ "ކޮން އެއްޗެއްތޯ" އަދި ބަލަނީ "ކޮން ހާލަތެއްގައިތޯ" ބެލުމެވެ.

ނަމަވެސް، ކޮލަމްބިއާ ޔުނިވަރސިޓީގެ ޕްރޮފެސަރ ޑރ. ޖޭ. ޖޯން މޭން ކުރެއްވި ދިރާސާއަކުން ފެނުނު ހަގީގަތް މާ ބިރުވެރިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ފޯނަށާއި ސޯޝަލް މީޑިއާއަށް "ދެވިހިފާފައިވާ" ކުދިން، އެހެން ކުދިންނާ އަޅާބަލާއިރު އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅުމާއި އެފަދަ ކަންކަމަށް މަގުފަހިވުމުގެ ނުރައްކާ 2 އިން 3 ގުނައަށް އިތުރުވެއެވެ. އެހެންކަމުން ބެލެނިވެރިން އެންމެ ބޮޑަށް ސަމާލުވާންވީ ކުއްޖާގެ ކިބައިން "ދެވިހިފުމުގެ" އަލާމާތްތައް (ފޯނު އަތުލުމުން ހަޅާއްލަވާ ބަސްނާހާ އަޑުގަދަކޮށް ހަރުކަށިކަންދެއްކުން، ކެއުމާއި ބުއިން ހަނދާންނެތުން، ފޯނާ ނުލާ ނޫޅެވުން) ފެނޭތޯއެވެ.
ދިވެހި އާއިލާތަކަށް އޮތް ހައްލު: ފަސް "D" ގެ ފޯމިއުލާ!
ޔޫ.އެސް ހެލްތް ސެކްރެޓަރީ ރޮބަޓް އެފް. ކެނެޑީ ޖޫނިއާ ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި ފޯނުގެ މައްސަލައެއް ނޫނެވެ. މިއީ އެޕްތަކާއި، ގޭމްތަކާއި، ޗެޓްބޮޓްތަކުގެ މުޅި "ޑިޖިޓަލް އީކޯސިސްޓަމް" ކުދިން ބަނދެލާފައިވާ މައްސަލައެކެވެ. މިއިން ސަލާމަތްވުމަށް ބެލެނިވެރިންނަށް އެހީތެރިވުމަށް މި ރިޕޯޓުގައި ފަސް "D" އެއްގެ މައްޗަށް އެކުލެވޭ ރަންގަނޑެއް ފަދަ އުސޫލެއް ދީފައިވެއެވެ:
Discuss (މަޝްވަރާކުރުން): ކުދިންނަށް ހަޅޭއްލެވުމުގެ ބަދަލުގައި، ސްކްރީން ގިނައިން ބޭނުންކުރުމުން ލޮލަށާއި ސިއްހަތަށް ވާނެ ގެއްލުންތަކާ މެދު ގޭތެރޭގައި ހަމަޖެހިލައިގެން ތިބެ ވާހަކަދައްކާށެވެ.
Do (އަމަލުން ދެއްކުން): މިއީ އެންމެ މުހިންމު ނުކުތާއެވެ. ބެލެނިވެރިޔާ އަމިއްލައަށް ސޯފާގައި ފޯނު ހިފައިގެން އިންނަމަ، ކުއްޖާ ގާތު ފޯނު ބާއްވާށޭ ބުނުމުގެ އެއްވެސް ބުރަދަނެއް ނުހުންނާނެއެވެ. ކުދިންގެ ކުރިމަތީގައި ނަމޫނާ ދައްކާށެވެ.
Delay (ލަސްކުރުން): ކުދިންނަށް އަމިއްލަ ފޯނެއް ނުވަތަ ޓެބްލެޓެއް ހޯދައިދޭ އުމުރު ވީހާވެސް ލަސްކުރާށެވެ. ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް އަމިއްލަ ފޯނު ދިނުން ހުއްޓާލާށެވެ.
Divert (އެހެން ދިމާލަކަށް އަނބުރާލުން): ފޯނު އަތުލުމަށްފަހު ފޫހިވެފައި ބޭންދުމުގެ ބަދަލުގައި، އެހެން ކަމަކަށް ސަމާލުކަން އަނބުރާލާށެވެ. މިސާލަކަށް ކުއްޖާ ގޮވައިގެން ރަސްފަންނަށް، ހުޅުމާލެ ސެންޓްރަލް ޕާކަށް، ނުވަތަ ރަށުތެރޭގެ ހޭޅިފަށަށް ހިނގާލަން ދާށެވެ. ފުޓްބޯޅަ، ފެތުން ނުވަތަ ކުރެހުން ފަދަ ކަމަކަށް ކުއްޖާ ވައްދާށެވެ.

Disconnect (ގުޅުން ކަނޑާލުން): ގޭތެރޭގައި "ނޯ ސްކްރީން ޒޯން" (ފޯނު މަނާ ސަރަހައްދު) ކަނޑައަޅާށެވެ. މިސާލަކަށް ކާ މޭޒުދޮށުގައި އަދި ނިދާ ކޮޓަރިއަށް ވަންނައިރު އެއްވެސް މީހަކު ފޯނު ބޭނުންނުކުރުމަށް އާއިލީ ގަވާއިދެއް ހަދާށެވެ.
މި ޑިވައިސްތަކަކީ އަޅުގަނޑުމެން އެންމެން މީގެތެރެއަށް "ޣަރަގުވެ، ދެވިހިފާނެ" ފަދަ މޮޅު އެލްގޮރިދަމްތަކަކަށް ފަރުމާކޮށްފައިވާ އެއްޗެހިތަކެކެވެ. އެހެންކަމުން، އާޓިފިޝަލް ދުނިޔެއަކުން އަޅުގަނޑުމެންގެ ދަރިން ސަލާމަތްކޮށް، ހަގީގީ ދުނިޔޭގެ ރީތިކަމާއި، އާއިލީ ލޯތްބާއި، ދިވެހިވަންތަ ދިރިއުޅުމުގެ ތެރެއަށް އެކުދިން ނެރުމަކީ މިއަދު ކޮންމެ ދިވެހި ބެލެނިވެރިއެއްގެ ބޮލުގައި އެޅިފައިވާ ގައުމީ ވާޖިބެކެވެ. ލަސްވުމުގެ ކުރިން މިއަދު ފިޔަވަޅު އަޅަމާ ހިނގާށެވެ!
advertisment
ހިޔާލު