ރާއްޖެ ޖޫނިއާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 17 އަހަރުން ދަށް: ޗެމްޕިއަންކަން މާފުށީ ސްކޫލަށް

ރާއްޖެ ޖޫނިއާ ފުޓްބޯޅަ ޗެމްޕިއަންޝިޕުގެ 17 އަހަރުން ދަށުގެ ފައިނަލުގައި މާފުށީ ސްކޫލާއި އދ. އޭއީސީ ކުޅުނު މެޗްގެ ތެރެއިން- ފޮޓޯ: އެފްއޭއެމް

ރާއްޖެ ޖޫނިއާ ފުޓްބޯޅަ ޗެމްޕިއަންޝިޕުގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން މާފުށީ ސްކޫލުން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލުގައި އދ. އަތޮޅު ތައުލީމީ މަރުކަޒާ ވާދަކޮށް މާފުށީ ސްކޫލުން ތަށި ގެންދިޔައީ 0-2 ންނެވެ.

ފައިނަލް މެޗް ފެށިތާ ދެ މިނެޓް ނުވަނީސް މާފުށީ ސްކޫލުގެ ހަތް ނަމްބަރު މޫސާ މިކިޔަލް ޝަކީބު ނެގި ކޯނަރު އދ. އޭއީސީގެ ކީޕަރުގެ ބޯމަތިން ގޮސް އޮއްސުނީ ގޯލުގެ ތެރެއަށެވެ. "އޮލިމްޕިކޯ" ސްޓައިލުގެ މި ގޯލަކީ ހިތްގައިމު ރީތި ގޯލެކެވެ. މާފުށީ ސްކޫލުން ޖެހި ދެވަނަ ގޯލަކީ ވެސް މިކިޔަލްގެ ފަރާތުން ފެނުނު ރީތި ގޯލެކެވެ. މެޗްގެ 24 ވަނަ މިނެޓްގައި އދ. އޭއީސީގެ ގޯލްއޭރިއާ ބޭރުން ގޯލަށް ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ކީޕަރުގެ އަތުގައިވެސް ޖެހިފައެއެވެ.

މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހީ މިކިޔަލްއެވެ. ފެއަރޕްލޭ ޓީމަކަށް ހޮވުނީ ވެސް މާފުށީ ސްކޫލެވެ.

ރާއްޖެ ޖޫނިއާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 17 އަހަރުން ދަށުގެ އެންމެ މޮޅު ކޯޗަކީ މާފުށީ ސްކޫލުގެ ކޯޗް އަޙްމަދު ނައުފަލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *