ކިޔުންތެރިޔާގެ ހިތްއަތުލާނެ ގޮތް އެނގެން ބޭނުންތަ؟

އިބްރާހިމް ރާމިޒު

އެސްއެސްސީ އަދި އެޗްއެސްސީ ދިވެހި އިމްތިހާނުތަކުގައި ދޭހައަށް ފަހު، އެންމެ ގިނަ މާކުސް ކަނޑައެޅިފައި ވަނީ ކަރުދާސް 1ގެ ފުރަތަމަ ސުވާލަށެވެ. އެސްއެސްސީގައި ނަމަ، އެއީ 25 މާކުހުގެ މަޒުމޫނު/ ވާހަކައެވެ. އެޗްއެސްސީގައި ނަމަ ،ދޭހައާ އެއްވަރަށް 30 މާކުސް ކަނޑައެޅިފައިވާ މަޒުމޫނު/ ރިޕޯޓެވެ. މިއީ 2020ވަނަ އަހަރުން ފެށިގެން އިމްތިހާންތަކަށް އައި ބަދަލެކެވެ. މި ބޮޑު ބަދަލާ އެކު، މަޒުމޫނުގެ ބާވަތްތައް ކަނޑައެޅި، އެއިން ކޮންމެ ބާވަތެއް ލިޔަންޖެހޭ ވަކި އޮނިގަނޑެއް ވެސް މިހާރު ވަނީ ކަނޑައެޅިފައެވެ. އެގޮތުން، މަޒުމޫނުގެ ފެށުމާ، މައިގަނޑާއި ނިންމުމުގައި ކޮންމެހެން ހިމަނަންޖެހޭ ވަކި އުންސުރުތަކެއް ހިމަނާފައިވޭތޯ ބެލުމަކީ މާކަރުން ވަރަށް އިސްކަމެއްދީގެން ބަލައި ކަމެކެވެ. މި ބައިތަކުގެ ތެރެއިން މިއަދު އަޅުގަނޑު އޮޅުންފިލުވައިދޭނީ މަޒުމޫނުގެ ހޫކު ޖުމުލަ ލިޔާނެ ގޮތެވެ. ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާ ހަމައަށް ނެގިޔަސް ހުންނާނީ ކައްޗަށްކަމަށް ވާތީ ފެށުން ރަނގަޅުކުރާން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭތީއެވެ.
ހޫކު ޖުމުލައަކީ އާންމު ގޮތެއްގައި ލިޔުމެއްގެ އެންމެ ފުރަތަމަ ޖުމުލައެވެ. މީގެ ނަމުން ވެސް ދޭހަވާ ފަދައިން "ހޫކު" ނުވަތަ "ބުޅި" ޖުމުލައިގެ މައިގަނޑު މަގުސަދަކީ މަހެއް ބޭނުމަށް ބުޅި ބޭނުންކުރާ ފަދައިން، ކިޔުންތެރިޔާގެ ޝައުގުވެރިކަން އެ ލިޔުމެއްގެ ތެރެއަށް ދަމައިގަތުމެވެ. ކިޔުންތެރިޔާގެ ޝައުގުވެރިކަން އަތުލުމެވެ. ތިރީގައި މި ހިމަނައިލަނީ ހޫކު ޖުމުލައިގެ މައިގަނޑު ބޭނުންތަކެވެ.

1. ކިޔުންތެރިޔާ ހިފެހެއްޓުން: ގިނަ ކިޔުންތެރިން ލިޔުމެއް ކިޔަން ފަށާނީ އެ ލިޔުމެއްގެ ފުރަތަމަ ޖުމުލައިން އޭނާގެ ހިތުގައި ކޮންމެވެސް ކަހަލަ ޝައުގުވެރިކަމެއް ނުވަތަ ސުވާލެއް އުފެދިގެންނެވެ. ޝައުގުވެރިކަމެއްނެތް ފޫހި ފެށުމެއް ނަމަ، ކިޔުންތެރިޔާ އެ ލިޔުމެއް ކިޔުން ހުއްޓާލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

2. މައުޟޫޢަށް މަގުފަހިކުރުން: ހޫކު ޖުމުލައިން ލިޔުމުގައި ދައްކަން އުޅޭ ވާހަކައިގެ މިސްރާބު އަންގައިދެއެވެ.

3. އިޙްސާސްތައް ހޭލައްވައިލުން: ރަނގަޅު ހޫކު ޖުމުލައަކުން ކިޔުންތެރިޔާގެ ހިތުގައި ހައިރާންކަން، ބިރުވެރިކަން، އުފާވެރިކަން ނުވަތަ ކަންބޮޑުވުން ފަދަ އިހުސާސެއް އުފައްދައެވެ. މިއީ ލިޔުމާ ކިޔުންތެރިޔާއާ ދެމެދު ގުޅުމެއް އުފައްދައިދޭ ކަމެކެވެ.

4. ވިސްނާލަން ފުރުސަތު ދިނުން: ސުވާލެއް ނުވަތަ ހައިރާންކުރުވަނިވި ހަގީގަތަކުން ފަށާ ހޫކު ޖުމުލައިގެ ސަބަބުން، ކިޔުންތެރިޔާ އެ މައުޟޫޢާ މެދު އަމިއްލައަށް ފުންކޮށް ވިސްނަން މަޖުބޫރުވެއެވެ.

5. ލިޔުމުގެ ފެންވަރު އަންގައިދިނުން: ވަރުގަދަ ހޫކު ޖުމުލައެއް އޮތުމަކީ އެ ލިޔުމަކީ ފެންވަރު ރަނގަޅު، މައުލޫމާތުން ފުރިގެންވާ ލިޔުމެއްކަމުގެ އިޝާރާތެކެވެ. މިސާލަކަށް: "ކާނާއަކީ އަހަރެމެންނަށް ދިރިހުރުމަށް ބޭނުންވާ އެއްޗެކެވެ." މިއީ ވަރަށް އާދައިގެ ފެށުމެކެވެ. ނަމަވެސް، "ތިބާ މިއަދު ތި ބުއި ހަކުރު ގިނަ ބުއިމަކީ ތިބާގެ ސިއްހަތަށް ދެވޭ 'މީރު' ވިހައެއްކަން އެނގޭހެއްޔެވެ؟" މިއީ ކިޔުންތެރިޔާ ސިއްސުވާލައި، އިތުރަށް އެ ލިޔުން ކިޔަން ބޭނުންވާނެ ފަދަ ވަރުގަދަ ހޫކު ޖުމުލައެކެވެ.
ކުރިން ވެސް ދެންނެވިފައިވާނޭ ފަދައިން މަޒުމޫނު އެކި ބާވަތަށް ގިންތިކުރެވިފައިވާތީ ލިޔުމުގެ ބާވަތަށް ބަލައި، ބޭނުންކުރާ ހޫކު ޖުމުލައިގެ މިޒާޖު ތަފާތުވާންޖެހެއެވެ.

ތިރީގައި މި ވަނީ ލިޔުމުގެ ބާވަތްތަކުގައި ހޫކު ޖުމުލަ ލިޔެވިދާނެ ގޮތުގެ މިސާލުތަކެވެ.

1. އޮޅުންފިލުވައިދޭ ލިޔުން (Explanatory): މި ބާވަތުގެ މަޒުމޫނުގެ ބޭނުމަކީ ކަމެއްގެ ހަގީގަތް ނުވަތަ މައުލޫމާތު ސާފުކޮށްދިނުމެވެ. އެހެންކަމުން ހޫކު ޖުމުލަ ވާންވާނީ މައުލޫމާތު މުއްސަނދި، ހަގީގަތެއް ނުވަތަ ތަފާސްހިސާބަކަށެވެ. މިސާލު: "ދުނިޔޭގެ ކަނޑުތަކުގެ 95 އިންސައްތައަކީ އަދިވެސް އިންސާނުންނަށް ނުފެނި އޮތް ބައެއްކަން ތިބާ ދަންނަހެއްޔެވެ؟"

2. ދެކޭގޮތް ހާމަކޮށްދޭ ލިޔުން (Opinion): މިއީ ވަކި ކަމަކާ މެދު ލިޔުންތެރިޔާ ދެކޭ ގޮތް، ނުވަތަ ލިޔުންތެރިޔާ ގަބޫލުކުރާ ގޮތް ހާމަކޮށްދޭ މަޒުމޫނެވެ. މިސާލު: "އަހަރެމެން މިއަދު ކުރާ ކޮންމެ އިސްރާފަކީ މާދަމާގެ ދަރިންގެ ތަށިން އަހަރެމެން ވަގަށް ނަގާ އެތިކޮޅެކެވެ."

3. ބަހުސްކުރާ ލިޔުން (Argumentative): މިއީ ހެކިތަކުގެ އަލީގައި ވަކި ކޮޅަކަށް ބާރުދީ ވާހަކަދެއްކުމަށް ލިޔާ މަޒުމޫނެވެ. މި ވައްތަރުގެ ލިޔުމުގައި މަޒުމޫނުގެ ފެށުމާއި ނިންމުމުގައި ވެސް ތިމާ ބުރަވާ ކޮޅު ހާމަކުރަންވާނެއެވެ. ބަހުސްކުރާ މަޒުމޫނާ އެންމެ މުނާސަބު އެއް ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ސުވާލު ހޫކެއް ގެނައުމެވެ. މިސާލު: "ސްކޫލްތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމަކީ ތައުލީމީ ކުރިއެރުމެއް ހެއްޔެވެ؟ ނުވަތަ ދަރިވަރުންގެ ފޯކަސް ގެއްލުވާލާ ހުރަހެއް ހެއްޔެވެ؟"

4. އެއްކޮޅަށް ވާހަކަދައްކާ ލިޔުން (One-sided Argument): މި ބާވަތުގެ މަޒުމޫނުތަކުގައި ފެށުނީއްސުރެ ހުންނާނީ ވަކި ކޮޅަކަށް ބުރަވެފައެވެ. އެހެންކަމުން ހޫކު ޖުމުލަ ވާންވާނީ ބޮޑު ދަޢުވާއަކަށެވެ. މިސާލު: "ޒަމާނީ ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސްއާ ނުލައި އެއްވެސް ސިނާއަތަކަށް ދެމިއޮތުމަކީ މުސްތަހީލު ކަމެކެވެ."

5. ދެ ކޮޅު ހާމަކުރާ ލިޔުން (Balanced/discursive): މި ބާވަތުގެ މަޒުމޫނަކީ ދެ ފަރާތުގެ ހުއްޖަތްތައް ހަމަހަމަކޮށް ގެންނަން ޖެހޭ ލިޔުމަކަށް ވާތީ ހޫކު ޖުމުލަ ވެސް ވާންވާނީ ދެކޮޅަށް ވިސްނޭނެ ނިއުޓްރަލް (ކޮޅެއް ނުނަގާ) ބުނުމަކަށެވެ.މިސާލު: "ސޯޝަލް މީޑިއާއަކީ އެކަނިވެރިކަން ފިލުވައިދޭ ބޭހެއްގެ ގޮތުގައި ބައެއް މީހުން ދެކޭ އިރު، އަނެއް ބަޔަކު އެއީ އެކަނިވެރިކަން އިތުރުކުރާ ވިހައެއްގެ ގޮތުގައި ސިފަކުރެއެވެ."

ހޫކު ޖުމުލައަކީ ލިޔުމެއްގެ ފުރާނައެވެ. ކިޔުންތެރިޔާގެ ހިތް އަތުލައި، ލިޔުމުގެ ފުންމިނަށް އޭނާ ގެންގޮސްދޭ މި ވަރުގަދަ ފެށުމަކީ ކާމިޔާބީގެ ތަޅުދަނޑިއެއްގެ ގޮތުގައި، ކޮންމެ ލިޔުންތެރިއަކު ވެސް ބޭނުންކުރަންޖެހޭ އުކުޅެކެވެ. ފުރިހަމަ ހޫކަކުން ފަށާ ކޮންމެ ލިޔުމަކީ ކިޔުންތެރިޔާގެ ހަނދާނުން ފޮހެލަން ދަތި، މާނަފުން އަސަރެއް ކުރާނެ ލިޔުމެއްކަން ކަށަވަރެވެ. އެހެންކަމުން، މުދައްރިސްގެ ނަސޭހަތަކީ، ލިޔުމުގެ ފުރަތަމަ ޖުމުލައަށް ދޭ ސަމާލުކަން ދުވަހަކުވެސް ކުޑަނުކުރުމެވެ. ހަނދާންކުރާށެވެ! ތިބާގެ ލިޔުމަކީ އޮއްޓަރުގެ ގޮތުން ކިތަންމެ ފޭރާންހެޔޮ ލިޔުމަކަށް ވިޔަސް، ކިޔުންތެރިޔާ އެއަށް 'ދަމައިގަންނާނީ' ތިބާ ކުރަހާލާ ވަރުގަދަ ފުރަތަމަ ސޫރައިންނެވެ. ވީމާ، ކޮންމެ ލިޔުމެއް ވެސް ފަށާއިރު، ކިޔުންތެރިޔާގެ ހިތާއި ސިކުނޑިއާ ކުޅެލާ ފަދަ ޖާދުވީ ހޫކަކުން ތިބާގެ ގަލަމުގެ ބާރު ދައްކާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *