މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުރިއަށް ގެންދާ "އިނޮވޭޓްހަބް" ޕްރޮގްރާމްގެ ދެވަނަ ބެޗަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.
އިނޮވޭޓްހަބަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އުފައްދާފައިވާ އީޖާދީ ޚިޔާލުތަކާއި ވިޔަފާރީގެ ކުރިއެރުން އިތުރުކުރުމަށް މަގުފަހިކޮށްދޭ ޕައިނިއަރިންގ އިނީޝިއޭޓިވްއެކެވެ.
އެމްއެންޔޫގެ އިނޮވޭޓްހަބް ލޯންޗް ކޮށްފައި ވަނީ 2024 އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.
އިނޮވޭޓްހަބްގެ އަމާޒަކީ އެ ޔުނިވަރސިޓީން ކިޔަވަމުންދާ ދަރިވަރުންނަށް އީޖާދާއި ވިޔަފާރިއެއް ފަށައި ފުޅާކުރުމަށް ހިތްވަރުދިނުމެވެ. މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް މެންޓަރޝިޕް، އަދި މާލީ އެހީތެރިކަމާއި ބައިނަލްއަގުވާމީ އެއްބާރުލުމާއެކު ވިޔަފާރީގެ އައު ޚިޔާލުތައް ޑިވެލޮޕް ކުރުމަށް މުހިންމު ފުރުސަތުތަކެއް ފަހިކޮށްދެއެވެ.
އެމްއެންޔޫގެ "އިނޮވޭޓްހަބް"ގައި ބައިވެރިވާ ފަރާތްތަކަށް 500،000 ރުފިޔާއާ ހަމައަށް ދޭ މާލީ އެހީ އިތުރުކޮށް އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި، ބައިނަލްއަގުވާމީ ޕާޓްނަރުންގެ މެންޓަރޝިޕްގެ ފުރުޞަތު ހޯދައިދެއެވެ. މީގެ އިތުރުން"އިނޮވޭޓްހަބް"ގައި އުފެއްދުންތައް ތަރައްގީކޮށް ލޯންޗް ކުރުމަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ ވަސީލަތްތަކާއި، ޓޫލްސް ފޯރިކޮށްދެއެވެ. މި ޕްރޮގްރާމްގެ ދަށުން ބައިނަލްއަޤްވާމީ ޕާޓްނަރުންގެ އިންސްޓިޓިއުޓްތަކަށް ޒިޔާރަތްކޮށް، ދުނިޔޭގެ މާކެޓްތައް ބަލާލުމުގެ ފުރުޞަތު ވެސް ފަހިކޮށްދެއެވެ.
"އިނޮވޭޓްހަބް"ގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 30 ގެ ނިޔަލަށެއެވެ.
advertisment
ހިޔާލު