ޢިލްމަކީ ނޫރެއް، އުރެދޭ އަޅަކަށް އެއެއް ނުލިބޭނެ: ޑރ. ޒާހިރު

ޢިލްމްގެ މަގުގައި ކާމިޔާބީއާ ހަމައަށް ދާން ބޭނުންވާ މީހާ އުރެދުމާ ގޯސްކަންތައްތަކުން ދުރުވެގެން ހުރުމަކީ ވަރަށް ބޭނުންތެރި މުހިންމު ކަމެއް ކަމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ބިން ޤާސިމް ވިދާޅުވެއްޖެއެވެ.

އިމާމް ޝާފިއީ ފާނުގެ ހިތުދަސްކުރުމުގެ ބާރަށް ކޮންމެ ވެސް ވަރެއްގެ އުނިކަމެއް އަތުވެއްޖެކަމުގެ އިހުސާސް ކުރެއްވިގެން އެކަލޭގެފާނުގެ އުސްތާޛުގެ އަރިހުގައި ޝަކުވާ ދެންނެވުމުން، ފާފަތަކުން ދުރުވުމަށް ދެންނެވި ހާދިސާއަށް އިޝާރާތް ކުރައްވައި ޑރ. އަލީ ޒާހިރު ވިދާޅުވީ "އިލްމަކީ ނޫރެއް، އުރެދޭ އަޅަކަށް އެއެއް ނުލިބޭނެ" ކަމަށެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޑރ. ޒާހިރު ވިދާޅުވީ، ތައުލީމު ޙާޞިލުކުރަން އުފުލާ ބުރައަކީ އެ ހާޞިލު ކުރެވުމުން ހިތްހަމަޖެހުމަކަށް ބަދަލުވެގެންދާ އެއްޗެއް ކަމަށެވެ.

"އިލްމަކީ ހޯދާ ކަރުދާސްކޮޅެއް ނޫން. އިލްމް ހާޞިލްކުރުމުގެ މާނައިގެ ތެރޭގައި ވަރަށް ގިނަ ކަންކަން ހިމެނޭ. އެއީ ހަމައެކަނި ކުލާސްރޫމުގެ ހަތަރު ފާރުގެ ތެރެއިން އުނގެނޭ އެއްޗެއް ނޫން. އެއީ، އެމީހާ ހެދިބޮޑުވާ މުޖްތަމައުގެ ތެރެއިން ތިމާއަށްވުރެ އިލްމީ ގޮތުން ޤާބިލުމީހުންނާއި ދުނިޔޭގެ ތަޖުރިބާ ލިބިފައިވާ ތަފާތު މީހުންގެ ފަރާތުން ވެސް އުނގެނޭ އެއްޗެއް" ޑރ. ޒާހިރު ވިދާޅުވިއެވެ.

ޑރ. ޒާހިރު ވިދާޅުވީ، ދަސްވެނީން އިލްމު އުނގެނުމުގައި ވަރަށް ބުރަ އުފުލާފައިވާނެ ކަމަށާއި ޔުނިވަރސިޓީއެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތަށް ދަރިވަރުންނަށް އާދެވޭނީ އުނަދގޫތަކެއް ކަނޑައްތު ކުރުމަށްފަހު ކަމަށެވެ. ރެއާދުވާލު ކިޔެވުމުގެ ތަފާތު މަސައްކަތްތަކުގައި އުޅެންޖެހި، ދުނިޔޭގެ ދިރިއުޅުމުގެ މަސައްކަތުގެ ތެރޭގައި، އާއިލާތަކުގެ ޒިންމާތައް އުފުލަމުން ކިޔެވުމުގެ ބުރަ މަސައްކަތް އުފުލުމަކީ މިއަދު ދިވެހިރާއްޖޭގައި އޮތް ސަޤާފަތް ކަމަށާއި އެއީ ދިވެހިރާއްޖޭގެ ހާލަތުކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މާޒީއަށް ބަލާއިރު މި އުއްމަތުގެ ހެޔޮލަފާ ބޭފުޅުން އިލްމް ހޯދުމަށްޓަލައި އުފުއްލެވި ބުރަ، އަޅުގަނޑުމެން މިއަދު އުފުލާ ބުރައާ އަޅާބަލާއިރު ވަރަށް ތަފާތު ކަމަށެވެ.

"އަޅުގަނޑުމެން އުފުލާ ބުރަ ލުއިކޮށްދޭ ކަމެއްގެ ގޮތުގައި އެބޭފުޅުން އުފުއްލެބި ބުރައިގެ މަތިން ހަނދާންކޮށްލަންޖެހޭ" ޑރ. ޒާހިރު ވިދާޅުވިއެވެ.

އައިޔޫއެމްގެ ދަސްވެނީންނަށް ޑރ. ޒާހިރު ހަނދާންކޮށްދެއްވީ، އެ ޔުނިވަރސިޓީގެ ވިޝަންއާއި މިޝަންގައި ވަރަށް މުހިންމު ނުކުތާތައް ފާހަގަކޮށްފައި ހުންނާނެ ކަމަށާއި އެ ރީތި ސިފަތައް އަށަގަންނުވައިގެން މުޖުތަމަޢަށް ފައިދާހުރި ފަރުދެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އަޒުމު ކޮންމެ ދަރިވަރެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމެވެ.

އައިޔޫއެމް ހިންގި ކޯސްތަކުން މިދިޔަ އަހަރު 588 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އައިޔޫއެމްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން އިތުރު  ކެމްޕަސްތަކާއި ސެންޓަރުތައް ޤާއިމް ކުރުމުގެ މަޝްރޫއެއް ވެސް މިހާރު ވަނީ ފަށާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *