ކާމިޔާބެއްގައި ނަޒާހަތްތެރިކަން ނެތްނަމަ އެއީ ކާމިޔާބީއެއް ނޫން ކަމަށާއި ޓެކްނޮލިޖީގެ ކުރިއަރާފައިވާ މި ޒަމާނުގައި ވެސް، ބުރަކަށް މަސައްކަތް ކުރުމަކީ އަދިވެސް ކާމިޔާބީގެ ތަޅުގަނޑި ކަމަށް ބޯހިޔަވަހިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކަމަނިކުފާނު ވިދާޅުވި ގޮތުގައި، ޓެކްނޮލޮޖީއަކީ ކުރިއަރާނެ އެއްޗެއްކަމަށާއި މިއީ އާޓިފިޝަލް އިންޓަލިޖެންސްގެ ޒަމާން ނަމަވެސް މަސައްކަތުގެ އަޚްލާޤާއި ބުރަކޮށް މަސައްކަތް ކުރުމަކީ ކާމިޔާބު ހޯދުގައި މިއަދުވެސް އަސާސީ ކަމެކެވެ.
ކޮންމެ ފަދަ ކާމިޔާބެއްގައި ވެސް ނަޒާހަތްތެރިކަން ނެތްކަމުގައި ވާނަމަ އެއީ ކާމިޔާބީއެއް ނޫންކަން ބަޔާންކުރައްވައި އޭނާ ވިދާޅުވީ، އެހެން މީހެއްގެ ހައްޤަކަށް އަރައިގަނެ އެހެން މީހެއްގެ އަބުރުލަގާލައިގެން އެހެން މީހެއްގެ ދިރިއުޅުން ހަލާކުކޮށްލައިގެން އެހެން މީހަކު ހިތްދަތިކޮށްލައިގެން ތިމާ ހޯދާ ކާމިޔާބީއަކީ އެއީ ކާމިޔާބީއެއް ނޫންކަމަށާއި އެއިން ލިބޭނެ ހަޤީޤީ މަންފާއެއް ނޯންނާނެ ކަމަށެވެ.
އަދުގެ ޖީލުތަކުގެ ވިސްނުން ތަރައްޤީވެގެންދާއިރު އެއާ އެއްވަރަށް އަޚްލާޤު ތަރައްޤީ ނުވާނަމަ މުޖްތަމައު ވެއްޓޭނީ އަނދަވަޅަކަށް ފާހަގަކުރައްވައި މުއްޠަލިބު ވިދާޅުވީ، މިއަދުގެ ޖީލުތަކަކީ އަދި އަންނަން އޮތް ޖީލުތަކަކީ އެތައް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ޖީލުތަކެއް ކަމަށެވެ. އެގޮތުން މޫސުމީ ބަދަލުގެ ނުރައްކަލާއި ނަފުސާނީ ބަލިމަޑުކަމާއި ސިޔާސީ ދެކޮޅުވެރިކަމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މުއްސަނދިކަމާއި ފަގީރުކަމާ ދެމެދު އޮތް ތަފާތު ބޮޑުވަމުން ދިއުމާއި އާޓިފިޝަލް އިންޓަލިޖެންސާއެކު ފެތުރޭ ދޮގާއި ފިތުނަފަސާދައިގެ ވަބާ އިތުރުވެގެން ދިއުމާއި ޓެކްނޮލޮޖީގެ ގޮތުން އެންމެންނާ ގުޅިފައި ހުރި ނަމަވެސް އިހުސާސްވާ އެކަނިވެރިކަން މުއްޠަލިބު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދަސްވެނިންނަށް ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، މުޖްތަމައު ބޭނުންވަނީ އެ ބޭފުޅުން މިކަންކަމާ ކުރިމަތިލާން ތައްޔާރުވެފައި ތިބެން ކަމަށާއި މުޖްތަމައުގައި އުފެދޭ މިފަދަ ކަންތައްތައް ހައްލުކުރާ ޒިންމާދާރު ބަޔަކަށް ވުމަށް ކަމަށެވެ.
"ކާމިޔާބީ ވާންޖެހޭނީ މުޖްތަމައަށް ފައިދާ ހުރި ކަމަކަށް. ސުވާލަކަށް ވަނީ ކާމިޔާބު މީހަކަށް ވުމަކަށް ނޫން. ސުވާލަކަށް ވަނީ ކާމިޔާބު މީހަކަށް ވެގެން މުޖްތަމައަށް ކޮށްދެވޭނީ ކޮންފައިދާއެއްތޯ" އައިޔޫއެމްގައި މިއަދު ބޭއްވި ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގައި ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސޯޝަލްމީޑިއާގެ މިޒަމާނުގައި ތިމާގެ ޕްރޮފެޝަން ކުރިއަރުވާއިރުގައި ތިމާގެ އިމޭޖް ތިމާގެ ބްރޭންޑް އުފައްދާ ޕްރޮމޯޓްކުރުމަށްވުރެ ދިރިއުޅުން ބިނާކުރަން އިސްކަންދޭންޖެހޭ ކަމަށެވެ. މަސައްކަތް ފަށައިގަންނައިރުގައި އެހެން މީހުންގެ އެޓެންޝަން ހޯދުމަށްޓަކައި މަޝްހޫރުވުމުގެ ބަދަލުގައި ތިމާގެ ޕްރޮފެޝަންގައި ކުރިއަށް ދިއުމަށް ބިންގާއަޅައިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް މައްޠަލިބު ދަސްވެނީންނަށް ހަނދާން ކޮށްދެއްވިއެވެ.

"ތިމާ ދިރިއުޅެނީ އެހެން މީހުންނަށްޓަކައި ކަމަށް ވެގެން ނުވާނެ. ތިމާ ކުރާ ކޮންމެ ކަމަކީ ސޯޝަލް މީޑިއާގައި އެހެން މީހުންނަށް ދައްކަން ކުރާ ކަމަކަށް ވެގެން ނުވާނެ. ކައިވެނި ހަފުލާއަކީ އެހެން މީހުންނަށް ދެއްކެން ކުރާ ކަމަކަށް ވެގެން ނުވާނެ. ހަމަ އެބީދައިން ހޯދާ ތަޢުލީމަކީ ވެސް އެހެން މީހުންނަށް ދެއްކުމަށްޓަކައި ކުރާ ކަމަކަށް ވެގެން ނުވާނެ. އޭގެ ބަދަލުގައި އެކަން ކުރަންވާނީ ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް އެކަން ކުރަން ވާނީ އާއިލާއެއް ބިނާކުރުމަށް. އެކަން ކުރަންވާނީ މުޖްތަމައަށް މަންފާ ހޯދައިދިނުމަށް"
އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ މާދަމާގެ މުސްތަޤުބަލް ބިނާވެފައި އޮންނާނީ މިއަދު ތައުލީމު ހާޞިލްކޮށްގެން ނުކުންނަ ޒުވާނުން ނިންމާ ނިންމުންތަކެއްގެ މައްޗަށް ކަމަށާއި ޤައުމު ބިނާކުރުމުގައި ކުރިއަށްދާން ގަސްދުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ. "އެހެން ކަމުން ޤައުމު އިސްކޮށް މިގައުމަކީ އަޅުގަނޑުމެންގެ އަބަދުވެސް ވަޒަން ކަމުގައި ދެކިގެން މަސައްކަތް ކުރުމަށް" ވަޒީރު އިލްތިމާސް ކުރެއްވިއެވެ.
advertisment
ހިޔާލު