ވިޔަފާރިއަށް ކުދިން އަހުލުވެރި ކުރުވަން ކުރިއަށް ގެންދިޔަ ފެއަރ މި އަހަރު އައްޑޫގައި، 71 ކުދިން ބައިވެރިވި

ޤަޢުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އިންތިޒާމްކޮށްގެން ކުޑަކުދިން ވިޔަފާރިއަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދިޔަ "ޔަންގް އޮންޓޮޕްރޮނިއަރ ފެއަރ" އަށް އާއްޑޫ ސިޓީން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

"ޔަންގް އެންޓޮޕްރޮނިއަރ ފެއަރ" އަކީ ޤަޢުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 2025 ވަނަ އަހަރު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ތަޢާރަފު ކުރި ހަރަކާތެކެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީހުން އިންތިޒާމްކޮށް އައްޑޫ ސިޓީ ކައުންސިލާއި މޯލްޑިވްސް އިސްލާމިކް ބޭންކާ ގުޅިގެން 2026 ވަނަ އަހަރުގެ ޤަޢުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ޔަންގް އެންޓޮޕްނިއަރ ފެއަރ – އެމްޕަވަރިންގ ދަ ނެކްސްޓް ޖެނެރޭޝަން" ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހު ހަވީރު އައްޑޫ ސިޓީ، ސިޓީ ސްކުއަރގައެވެ. "ޔަންގް އެންޓޮޕްރޮނިއަރ ފެއަރ"ގެ މަގުސަދަކީ 12  އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ ތަފާތު ހުނަރުތަކާއި އުފެއްދުންތެރިކަން ދައްކުވައިދީ، ވިޔަފާރީގެ ދާއިރާ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި ގޮތުން، އައްޑޫ ސިޓީން 31 ސްޓޯލަކުން 71 ކުދިން މި ފެއަރގައި ބައިވެރިވެ އެ ކުދިންގެ ވިޔަފާރީގެ ހުނަރުތައް ވަނީ ދައްކައިލައިފައެވެ.

މި ހަރަކާތުގައި ބައިވެރިވި ކުދިންގެ ވިޔަފާރި ސްޓޯލްތަކުގައި އެކި ބާވަތްތަކުގެ ތަފާތު ކާބޯތަކެއްޗާއި، އާޓް، ކްރޯޝޭކޮށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި، ފޮޓޯ ބޫތު، ޕްރީ-ލަވްޑް ފޮތް އަދި ހެދުން ފަދަ ތަކެތި ވިއްކާފައިވެއެވެ.

"ޔަންގް އޮންޓޮޕްރޮނިއަރ ފެއަރ"އަށް ކުދިން ތައްޔާރުކުރުމުގެ ގޮތުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ބިސްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާ ގުޅިގެން "ސްމޯލް ބިސްނަސް ސެޓްއަޕް ފޮރ ޔަންގް އެންޓޮޕްރިނިއަރ" އާ ގުޅޭ ސެޝަންއެއް މި ފެއަރގެ ބައިވެރިންނަށް އަމާޒުކޮށް ނަގައިދީފައިވެއެވެ. މީގެ އިތުރުން، ފެއަރގެ ސްޓޯލްތަކުގެ ހުރިހާ ބައިވެރިންނަށާއި ބެލެނިވެރިންނަށް އަދި ވޮލަންޓިއަރުންނަށް އަމާޒުކޮށްގެން މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންދެވިފައިވެއެވެ.

މި ފެއަރ ކުރިއަށް ގެންގޮސްފައިވަނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުއެވެ. މިގޮތުން މި ފެއަރގެ މެއިން-ޕަރޓްނަރ މޯލްޑިވްސް އިސްލާމިކް ބޭންކު، ކޯ-ޕަރޓްނަރ އައްޑޫ ސިޓީ ކައުންސިލް، ގޯލްޑް ޕަރޓްނަރ މިލްގްރޯ، ސިލްވަރ ޕަރޓްނަރ އެސް.ޓީ.އޯ އަދި އެމް.ޕީ.އެލް، ޓްރެވަލް ޕަރޓްނަރ މޯލްޑިވިއަން، ޕްރިންޓިންގ ޕަރޓްނަރ އެމް.ސެވަން، ސެޝަން ޕަރޓްނަރ ބިސްނަސް ސެންޓަރ ކޯޕރޭޝަން، އަދި ފްރެންޑްސް އޮފް ދަ ފެއަރ ފެނަކަ ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *