ވިލާ ކޮލެޖުގެ މި އަހަރުގެ އޯޕަން ޑޭ، އާންމުކޮށް ބާއްވާ އޯޕަން ޑޭތަކާ މުޅިން ތަފާތު ގޮތަކަށް، "ވިލާ ކޮލެޖް ކެމްޕަސް ކުއެސްޓް: ކޮމިކް އެޑިޝަން 2026″ ގެ ނަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަންނަ ހަފުތާގެ ހުކުރު އަދި ހޮނިހިރު (15 އަދި 16 މެއި 2026) ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އަށް، ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
މިއީ ވިލާ ކޮލެޖުން ފަހިކޮށްދޭ ތަޢުލީމީ ފުރުޞަތުތައް ތަޢާރަފުކޮށްދިނުމާއެކު، ޕޮޕް ކަލްޗަރ، ގޭމިންގ، ކޮސްޕްލޭ އަދި އެކިއެކި ތަޢުލީމީ ހަރަކާތްތައް އެއްކޮށް ފެސްޓިވަލެއްގެ ގޮތުގައި ބާއްވާ، މޯޕަން ޑޭއެކެވެ. މިއީ މިހާތަނަށް އެ ކޮލެޖުން މިފަދަ ގޮތަކަށް އިންތިޒާމުކުރާ އެންމެ ބޮޑު ހަރަކާތް ކަމުގައި އެކޮލެޖުން ފާހަގަ ކުރެއެވެ. ދެ ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނާއި ވިލާ ކޮލެޖާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
މި އޯޕަން ޑޭގެ އެންމެ ޚާއްޞަ އެއް ހަރަކާތަކީ "ކެމްޕަސް ކުއެސްޓް" އެވެ. މި ކުއެސްޓުގައި ބައިވެރިވުމަށް ޚާއްޞަ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ރަޖިސްޓަރީވުމުން، ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށްވެސް "ޑިޖިޓަލް ހީރޯ ޕާސްޕޯޓެއް" ލިބިގެންދާނެއެވެ. ފެސްޓިވަލްގެ އެންމެ ޚާއްޞަ އެއް ކަމަކީ، ވިލާ ކޮލެޖުގެ ފެކަލްޓީތަކާއި ޑިޕާޓްމަންޓްތައް ޕޮޕް ކަލްޗަރގެ ތަފާތު ތީމްތަކަށް ބަދަލުކޮށް، ޒޯންތަކެއްގެ ގޮތަށް ފަރުމާކުރެވިފައި ވުމެވެ. ކޮންމެ ޒޯނެއްގައިވެސް އެ ތީމާ ގުޅޭ ޝައުޤުވެރި ޗެލެންޖުތަކާއި ހަރަކާތްތައް ކުރިއަށްދާނެއެވެ. ކޮންމެ ޒޯނަކުންވެސް ދޭ ޗެލެންޖެއް ފުރިހަމަކުރުމަށްފަހު، ކިއު.އާރް ކޯޑެއް ސްކޭން ކުރުމުން ޑިޖިޓަލް ސްޓޭމްޕެއް ލިބޭނެއެވެ. ހުރިހާ ޒޯނަކުން ސްޓޭމްޕް ހަމަކުރާ ފަރާތްތަކަށް ގްރޭންޑް ޕްރައިޒް ޑްރޯގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއްވެސް މި ދެ ދުވަހު ކުރިއަށްދާނެއެވެ. އޭގެ ތެރެއިން މެއިން ސްޓޭޖުގައި ކުރިއަށްދާނެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ "ކޮސްޕްލޭ ރޭމްޕްވޯކް ކޮމްޕެޓިޝަން" އެވެ. އެކި ޕޮޕް ކަލްޗަރ ކެރެކްޓާތަކުގެ ކޮސްޓިއުމްތަކާއެކު ބައިވެރިވެވޭ މި މުބާރާތުގައި، ހުށަހެޅުމުގެ ފެންވަރާއި، ފަރުމާކުރުމަށް ކުރުމުގެ ހުނަރުތަކަށް ބަލައި އެންމެ މޮޅު 3 ބައިވެރިންނަށް އެލް މޮބައިލްއުން ހުށަހަޅާ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން މެއިން ސްޓޭޖުގައި ލައިވް މިއުޒިކާއި ދަރިވަރުންގެ ޓެލެންޓް ޝޯ އަދި އެހެނިހެން ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.
ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފުޅާވަމުން އަންނަ ގޭމިންގ ކޮމިއުނިޓީއަށް ޚާއްޞަކޮށްގެން، ދިރާގު ގޭމަރސް ގިލްޑްއާ ގުޅިގެން ޚާއްޞަ "ގޭމިންގ އެންޑް އީ-ސްޕޯޓްސް ޒޯން" އެއް ވެސް މި ފެސްޓިވަލުގައި ވަނީ ޤާއިމުކޮށްފައެވެ. މި ޒޯނުގައި ޕީ.އެސް 5 ސްޓޭޝަންތަކާއި، ކެޝުއަލް ގޭމިން ސްޓޭޝަންތަކާއި، ރޭސިން ސިމިއުލޭޝަން އަދި ވީ.އާރް (VR) ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ދެ ދުވަހަށް ދެމިގެންދާ މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ލުއި ކެއިންބުއިމުގެ އިންތިޒާމުތައް "ފުޑް ސްޓޯލް ޒޯން" އިން ލިބެން ހުންނާނެއެވެ. މި ޒޯނުގައި ތަފާތު ޑެޒަރޓްތަކާއި، އޭޝިއަން ކުއިޒިން، ސްޕެޝަލްޓީ ކޮފީ، ޖަޕަނީޒް ސްޓްރީޓް ފުޑް އަދި އެކި ބާވަތުގެ ސްނެކްސް ލިބެން ހުންނާނެއެވެ.
މުނިފޫހިފިލުވުމާއި ކުޅިވަރުގެ ހަރަކާތްތަކާއެކުވެސް، މި ހަރަކާތުގެ ތެރޭގައި ތަޢުލީމީ ފުރުޞަތުތަކަށް ވަރަށް ބޮޑަށް ވަނީ އިސްކަންދެވިފައެވެ. އެގޮތުން، މި ހަރަކާތް ކުރިއަށްދާ ވަގުތުތަކުގައި ވިލާ ކޮލެޖުގައި ހިންގާ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އަދި ކޯސްތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް ވަގުތުން ކޯހަށް ހޮވުނު ކަމުގެ ލިޔުން (އޮފަރ ލެޓަރ) ޙަވާލުކުރުމާއި، ވަގުތުން ކޯހަށް ރަޖިސްޓަރީވުމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ދަރިވަރުންނަށް އަމާޒުކޮށްގެން ކެރިއަރ ސްކްރީނިންގ އަދި ކެރިއަރ ގައިޑެންސް ދިނުމުގެ ޚިދުމަތްވެސް ކުރިއަށްދާނެއެވެ.
މެއި 2026 ގެ އިންޓޭކަށް ޝައުޤުވެރިވާ ދަރިވަރުންނާއި، ޕޮޕް ކަލްޗަރ އަދި ގޭމިންގ އަށް ލޯބިކުރާ ޒުވާނުންގެ އިތުރުން އާންމުކޮށް އެންމެހާ ފަރާތްތަކަށް ވިލާ ކޮލެޖުން ވަނީ މި ތަފާތު ފެސްޓިވަލުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު އަރުވާފައެވެ.
advertisment
ހިޔާލު