ދަސްވެނީންގެ ދައުރަކީ، ދަތިތަކުގައި އުޅޭ މީހުންނަށް ހިތްހަމަޖެހުމެއް. ބަލިކަށި މީހުންނަށް ބާރެއް. އަދި އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް އުއްމީދެއް ގެނެސްދިނުން
އިންސާނާގެ އަގުވަޒަން ކުރެވެނީ އޭނާގެ ކިބައިގައި ހުންނަ އޯގާތެރިކަމާ އަނެކުންނަށް ކުރާ އިހްތިރާމުގެ މައްޗަށް ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ވައިސް ޗާންސްލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމް ވިދާޅުވެއްޖެއެވެ.
ފުރަތަމަ ޓާމުގައި ދަސްވެނިވި ދަރިވަރުންނަށް ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗާންސްލަރ ޑރ. ޝެހެނާޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އިސްލާމީ އަޚްލާޤާސުލޫކުގެ މަތިވެރި ޚިދުމަތްތަކުން ޒީނަތްތެރިވެފައިވާ ހުނަރުވެރި ޖީލެއްބިނާކުރުން ކަމަށާއި ދެވޭ ފެންވަރު ރަނގަޅު ތައުލީމާކާއެކު އިންސާނާގެ އަގުވަޒަން ކުރެވެނީ އޭނާގެ ކިބައިގައި ހުންނަ އޯގާތެރިކަމާ އަނެކުންނަށް ކުރާ އިހްތިރާމުގެ މައްޗަށް ކަމަށެވެ. އިސްލާމްދީނުގައި އިލްމަކީ އަޚްލާޤީ އަގުތަކާ ވަކިކުރެވޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ޒިންމާދާރުކަމާ މަޑިމޮޅިކަމާ އޯގާތެރިކަމާ އަދި އަނެކުންނަށް ޚިދުމަތް ކުރުމާ
ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން ޑރ. ޝެހެނާޒު ވަނީ ދަސްވެނީންނަށް ހަނދާންކޮށްދެއްވާފައެވެ.
އިލްމަކީ އަމާނާތެއް ކަމަށާއި އިލްމުލިބިފައިވާ މީހުންގެ ކިބައިން އެދެވެނީ އިންސާނިއްޔަތައް ފައިދާހުރި ގޮތެއްގައި އެ އިލްމް ބޭނުން ކުރުންކަން ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
"އުނެގެނުމަކީ ހަމައެކަނި ފިކުރީ މަސައްކަތެއްނޫން. އެއީ އަޚްލާޤީ، އިޖްތިމާއީ ޒިންމާއެއްވެސްމެ" މިއަދު ފެށި ދަސްވެނިވުމުގެ ރަސްމިއްޔާޔުގެ ފުރަތަމަ ދަންފަޅީގައި ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
ދަސްވެނީންނަށް އޭނާ ވިދާޅުވީ، ދަސްވެނިވާ ދުވަހަކީ ހަމައެކަނި ކާމިޔާބީ ފާހަގަކުރާ ދުވަހެއެއް ނޫން ކަމަށާއި އެއީ އަމިއްލަ ނަފުސަށް ބަލާލާ، އުފުލަންޖެހޭ ޒިންމާތަކާއި ދިރިއުޅުމުގެ އާ މަރުހަލާއަކަށް ކުރާ ދަތުރެއްގެ ފެށުން ކަމަށެވެ. ކުރިއަށް ފިޔަވަޅުއަޅަމުންދާއިރު ހަނދާންކުރަންވީ، ތި ހޯދި ތައުލީމަކީ ހަމައެކަނި އަމިއްލަ ނަފުސަށް ލިބުނު އެއްޗެއް ނޫންކަމާ އަނެކުންނަށްޓަކައި ދޭންޖެހޭ ހަދިޔާއެއްކަން ޑރ. ޝެހެނާޒު ދަސްވެނީންނަށް ހަނދާންކޮށްދެއްވިއެވެ.
މަޝްހޫރު ލިޔުންތެރިޔާ ހެންރީ ޖޭމްސް ވިދާޅުވެފައިވާ ފަދައިން އިންސާގެ ދިރިއުޅުމުގައި ތިން ކަމެއް ވަރަށް މުހިންމުކަން ޑރ. ޝެހެނާޒު މިސާލެއްގެ ގޮތުގައި ނެންގެވިއެވެ. ފުރަތަމަ ކަމަކީ އޯގާތެރިވުމެވެ. ދެވަނަ އަދި ތިންވަނަ ކަމަކީ ވެސް އޯގާތެރިކަމެވެ. "އޭނާ މި ލަފުޒު ތަކުރާރުކުރައްވާފައި ވަނީ އޯގާތެރިކަމަކީ ދެވަނަ ދަރަޖައިގައި ސިފައެއްގެ ބަދަލުގައި އިންސާނީ ހުރިހާ މުއާމަލާމާތެއްގެ އިހުސާސް ކަމަށްވާތީ. މިއީ ހަމައެކަނި ބުނެލާ ބަހެއްނޫން. މިއީ ދިރިއުޅުމުގެ އުޞޫލު" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ދަސްވެނީންނަށް އޭނާ ކުރެއްވި އިލްތިމާސަކީ، "ދަސްވި އިލްމުގެ ބޭނުން ފުރިހަމައަށް ހިފައި އުއްމީދުތައް ޒިންމާދާރުކަމާއެކު ކުރިއަށް ގެންދިއުމަށެވެ.
"ތިޔަ ދަސްވެނީންގެ ދައުރަކީ ދަތިތަކުގައި އުޅޭ މީހުންނަށް ހިތްހަމަޖެހުމެއް. ބަލިކަށި މީހުންނަށް ބާރެއް. އަދި އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް އުއްމީދެއް ކަމުގައި ހެދުން" ޑރ. ދަސްވެނީންނަށް އިރުޝާދެއްގެ ގޮތުގައި ވިދާޅުވިއެވެ.
"ދިރިއުޅުމުގެ ހިތްދަތިކަމާ ހިތާމައާ ކުރިމަތިލާއިރު ވެސް އޯގާތެރިކަން ދޫކޮށްނުލުން. އޯގާތެރިކަމަކީ ބަލިކަށިކަމެއްނޫން. އެއީ އިންސާނާގެ އެންމެ މަތިވެރި އެންމެ ޝަރަފުވެރިބާރު"
އޭނާ ވިދާޅުވިގޮތުގައި، އެމްއެންޔޫގެ ޝަރަފުވެރިކަމަކީ ހަމައެކަނި ދެވޭ ތައުލީމުގެ ފެންވަރެއް ނޫނެވެ. އެއީ އެ ތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާއި އަދި ބެލެނިވެރިންނާއި މުޖްތަމައުގެ އެންމެން ގުޅިގެން ކުރާ މަސައްކަތެވެ. އަޅުގަނޑުމެން އެންމެންނަކީ އެކަކު އަނެކަކަށް އަޅާލާ އޯގާތެރިކަމާއެކު މަސައްކަތްކުރާ ބަޔެއް ކަމަށާއި ކާމިޔާބީގެ ސިއްރަކީ ގުޅިގެން ކުރާ މަސައްކަތްކަން ޑރ. ޝެހެނާޒު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ދަރިވަރުން، ދަރިވަރުންގެ ޔޫނިއަންގެ އިސްވާރުން ދައްކަވާ ލާމަސީލު ލީޑަރޝިޕާ ޒިންމާދާރުކަން ފާހަގަކުރަން. ތިޔަ ދަރިވަރުން ވަނީ ލީޑަރޝިޕަކީ ހަމައެކަނި މަޤާމެއްނޫން ކަމާއި އެއީ ޚިދުމަތާއި އަނެކުންނަށް އަޅާލުންކަން ސާބިތުކޮށްދީފައި. ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކުރުމުގައި ތިޔަ ދަރިވަރުން ކުރާ މަސައްކަތަށް ސާބަސް ދެން"
ޑރ. ޝެހެނާޒު ވަނީ، އެމްއެންޔޫގެ އިދާރީ، އެކަޑަމިކް މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އެ ޔުނިވަރސިޓީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާފައެވެ.
advertisment
ހިޔާލު