ވިލާ ކޮލެޖުގެ 14 އެކަޑެމިކް މުވައްޒަފަކަށް "ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް އިން ޓީޗިންގ އިން ހަޔަރ އެޑިޔުކޭޝަން"ގެ ފުލް ސްކޮލަރޝިޕް ދީފި
ވިލާ ކޮލެޖުގެ ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، އެކަޑެމިކް މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ކޮލެޖުގެ 14 މުވައްޒަފުންނަށް "ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް އިން ޓީޗިންގ އިން ހަޔަރ އެޑިޔުކޭޝަން"ގެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފުލް ސްކޮލަރޝިޕް ދީފިއެވެ.
2026 ވަނަ އަހަރުގެ މެއި ސެމެސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ މިސްކޮލަރޝިޕްތަކުގެ މަޤުސަދަކީ މަތީ ތަޢުލީމުގެ ދާއިރާގައި ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމަށާއި، ކިޔަވައިދިނުމުގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް މުވައްޒަފުންގެ އަހުލުވެރިކަން އިތުރު ކުރުމެވެ.
މި ޕްރޮގްރާމަކީ މުދައްރިސަށް އިސްކަންދޭ މޮޑެލަކުން، ދަރިވަރުންނަށް އިސްކަންދޭ އުޞޫލަކަށް ކިޔަވައިދިނުން ބަދަލުކުރުމަށް ގެނެވޭ ފަންނީ ބޮޑު ބަދަލެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުން އުނގެނޭ ގޮތާއި، އެސެސްމަންޓްތައް ހަރުދަނާކުރުމާއި، ކޮންމެ ދަރިވަރެއްގެ ބޭނުންތަކަށް ވަކިވަކިން ފަރުވާތެރިވެ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް މުވައްޒަފުންނަށް ދަސްވެގެންދާނެއެވެ. ވިލާ ކޮލެޖުން ދަނީ، މި ޕްރޮގްރާމަށް އިނގިރޭސިވިލާތުގެ "ސްޓާފް އެންޑް އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން" (SEDA) ގެ ޓީޗަރ އެކްރެޑިޓޭޝަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ސްޓާފް އެންޑް އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން އަކީ، މަތީ ތަޢުލީމުގައި ޓީޗިންގ ޑިވެލޮޕްމަންޓަށް ބެންޗްމާކް ކަނޑައަޅާ، ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ ޕްރޮފެޝަނަލް އިދާރާއެކެވެ. މި އެކްރެޑިޓޭޝަން ލިބުމާއި އެކު، ވިލާ ކޮލެޖުން ދޭ ސަނަދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ބަލައިގަންނަ، ސަނަދަކަށް ވެގެންދާނެއެވެ.
މި ޕްރޮގްރާމަކީ ކޮލެޖުގެ ހުރިހާ އެކަޑެމިކް ޑިޕާރޓްމަންޓްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ކިޔަވައި ދެއްވާ ބޭފުޅުންގެ ފެންވަރު ރަގަޅު ކުރުމަށް 2019 އަހަރު ފެށުނު މި މަސައްކަތުގެ ދަށުން މިހާތަނަށް 25 މުވައްޒަފުންވަނީ މި ޕްރޮގްރާމް ފުރިހަމަކޮށަފައެވެ. ވިލާ ކޮލެޖުގެ އަމާޒަކީ ކޮލެޖުގެ ކޮންމެ ލެކްޗަރަރއަކީ ވެސް ދަރިވަރުންނަށް އެންމެ ފުރިހަމަ ގޮތުގައި އުނގަންނައިދިނުމުގެ ހުނަރު ލިބިފައިވާ ފަންނީ މާހިރަކަށް ހެދުމެވެ.
advertisment
ހިޔާލު