ކީސްޓޭޖް 1 އާއި 2ގެ ކުދިންނަށް ޚާއްޞަކޮށްގެން އަލިމަސް އިންސްޓިޓިއުޓްގެ "ބަސްކާޑު" ނެރެފި

އަލިމަސް އިންސްޓިޓިއުޓްގެ ފަރާތުން ތައްޔާރު ކުރި ބަސްކާޑު" ސެޓު ނެރެފިއެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުގައި ބޭއްވި ހަވީރުގައި މި "ބަސްކާޑު" ނެރެދެއްވީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދެވެ.

އަލިމަސް އިންސްޓިޓިއުޓްގެ "ބަސްކާޑު" ސެޓް ތައްޔާރުކުރުމުގައި ބަލާފައި ވަނީ، ދިވެހި ބަހުގެ ހަތަރު ހުނަރަށެވެ. މި ބަސްކާޑް ސެޓްގެ ސަބަބުން ދަރިވަރުންގެ މެދުގައި ދިވެހި ބަހަށް އޮންނަ ޝައުގވެރިކަމާއި ކިޔުން ތެރިކަމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމަށް އަލިމަސް އެކެޑަމީން ދެކެއެވެ.

ޤައުމީ މަންހަޖުގެ ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ނެރުނު މި ބަސްކާޑު ސެޓްގެ ސަބަބުން ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދިވެހިބަހުގެ ލަފުޒުތަކާއި އޭގެ މާނަ ދަސްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އަލިމަސް އިންސްޓިޓިއުޓުން ބުންޏެވެ. އަދި މިއީ، މުނިފޫހިފިލުވުމުގެ ތެރެއިން ބަސް އުނގަންނައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް އެ އިންސްޓިޓިއުޓުން ދެކެއެވެ.

އަލިމަސް އިންސްޓިޓިއުޓުން އަންނަނީ ދިވެހިބަހަށް އަހުލުވެރިކުރުވުމަށް ތަފާތު އުފެއްދުންތައް ތައްޔާރުކޮށް ނެރެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *