މޫސާ ނިމާލް
ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނާ ހަވާލުކުރައްވާފައިވާ އެންމެ އަގުބޮޑު އަމާނާތެވެ. އެކުދިންނަކީ ހުދު ފޮތިގަނޑެއް ފަދަ ސާފު ބައެކެވެ. އެ ފޮތިގަނޑުގައި ކުލަޖައްސައި، ރީތި ކުރެހުމަކަށް ހެދުމުގެ ބޮޑު މަސްއޫލިއްޔަތު އޮތީ ބެލެނިވެރިންގެ އަތްމަތީގައެވެ. ދިވެހި މުޖުތަމައަށް ބަލާއިރު، ދަރިން ބޮޑެތިކުރުމުގައި އަޅުގަނޑުމެން އާންމުކޮށް ގެންގުޅެނީ "އަމުރުވެރި" ނުވަތަ "އިމެއްނެތް މިނިވަންކަމުގެ" އުސޫލުތަކެވެ. ނަމަވެސް، ޒަމާނީ ދިރާސާތަކާއި ނަފްސާނީ އިލްމުވެރިން މިހާރު އިރުޝާދުދެއްވަނީ "ޕޮޒިޓިވް ޕޭރެންޓިންގ" ނުވަތަ ހެޔޮގޮތުގައި ދަރިން ބޮޑެތިކުރުމުގެ އައު އުސޫލުތަކަށެވެ.
މަޝްހޫރު ނަފްސާނީ ތެރަޕިސްޓް ރީރީ ތުރިވޭދީ ބަޔާންކުރައްވާ ގޮތުގައި، ދަރިން ތަރުބިއްޔަތުކުރުމަކީ ހަމައެކަނި ކުއްޖާގެ ކުށްތައް އިސްލާހުކުރުމެއް ނޫނެވެ. އެއީ އެ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބިނާކުރުމަށް މަގުދައްކައިދޭ "ސަމުގާއެއް" ފަދަ މަސައްކަތެކެވެ.

މި ލިޔުމުގައި މި ބަލާލަނީ ދިވެހި ބެލެނިވެރިންނަށް ކާމިޔާބު ތަރުބިއްޔަތަކަށް ބޭނުންކުރެވިދާނެ މުހިންމު އިލްމީ އުސޫލުތަކަށެވެ.
-
އިސްލާހުކުރުމުގެ ކުރިން ލޯބި ދިނުން:
ގިނަ ބެލެނިވެރިންނަށް ހީވެފައި އޮންނަނީ ދަރިންނާ ވާހަކަދެއްކުމުގެ މައިގަނޑު ބޭނުމަކީ ނަސޭހަތްދީ، ކުށްތައް ރަނގަޅުކުރުން ކަމަށެވެ. ނަމަވެސް، ކުއްޖާއާއި ބެލެނިވެރިޔާގެ މެދުގައި އޮންނަ ލޯތްބާއި ގުޅުން ވަރުގަދަ ނޫންނަމަ، ތިބާ ބުނާ ބަހެއްގެ އަސަރެއް އެކުއްޖާއަކަށް ނުކުރާނެއެވެ.
ރަނގަޅު ގޮތަކީ: ދުވާލަކު 10 ފަހަރު ދަރިފުޅާ މުއާމަލާތް ކުރާނަމަ، އޭގެ ތެރެއިން 8 ފަހަރު އެ ކުއްޖާއަށް ލޯބިދީ، ގާތްކަން ބޭއްވުމެވެ. އިސްލާހުކުރުމަށް ބޭނުންކުރާނީ ބާކީ އޮތް 2 ފަހަރެވެ.
-
ބިރުނުގަންނުވައި ވިސްނައިދިނުން:
ދިވެހި މުޖުތަމައުގައި "ބިރުދެއްކުން" ބޭނުންކޮށްގެން ކުދިން ކިޔަމަންކުރުވުމަކީ މިހާރުވެސްކުރެވޭ ކަމެކެވެ. ނަމަވެސް ނިއުރޯސައިންސްގެ ހޯދުންތަކުން އެނގޭގޮތުގައި، ކުއްޖާ ބިރުގަންނަ ވަގުތު އޭނާގެ ސިކުނޑީގެ ވިސްނާ ބައި މަސައްކަތް ހުއްޓާލައެވެ. ބަދަލުގައި، ކަންކަން ކުރަންވީ ރަނގަޅު ގޮތާއި އޭގެ ސަބަބުތައް މަޑުމައިތިރިކަމާއެކު ބުއްދިވެރިކަމާއެކު ކިޔައިދޭށެވެ.

-
ކުއްޖާ ހުރިގޮތަށް ބަލައިގަތުން:
ކޮންމެ ކުއްޖަކީ ތަފާތު ހުނަރެއް ލިބިފައިވާ ކުއްޖެކެވެ. ކޮންމެހެން ކޮންމެ ކަމަކުން "ޗެމްޕިއަނަކަށް" ހަދަން މަސައްކަތްކުރުމުގެ ބަދަލުގައި، ކުއްޖާގެ ކިބައިގައި ހުރި ގުދުރަތީ ހުނަރުތަކާއެކު އެ ކުއްޖާ ބަލައިގަންނާށެވެ. މިގޮތަށް ބަލައިގަތުމުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެއެވެ.
-
ނާކާމިޔާބީއާއި ކުށްތަކަށް ފުރުސަތު ދިނުން:
ދަރިފުޅު ކުށެއް ކޮށްފާނެތީ ނުވަތަ ނާކާމިޔާބުވެދާނެތީ މާ ބޮޑަށް ހިމާޔަތް ކުރުމަކީ ދަރިފުޅުގެ ކުރިއެރުމަށް އޮތް ހުރަހެކެވެ. ދިރިއުޅުމުގެ މައްސަލަތައް ހައްލުކުރަން ދަސްވާނީ އަމިއްލައަށް ކަންކަން ތަޖުރިބާކޮށް، ކުށްތަކުން ފިލާވަޅު ލިބިގެންނެވެ. މާދަމާގެ ދިރިއުޅުމުގައި ކުރިމަތިވާނެ ގޮންޖެހުންތަކަށް ކުއްޖާ ތައްޔާރުވާނީ މިއަދު އޭނާއަށް ކުށްކުރަން ފުރުސަތު ދީގެންނެވެ
5 – އަމިއްލައަށް ކަންކަން ކުރަން ހިތްވަރު ދިނުން:
ކުއްޖާގެ އުމުރާ ގުޅޭގޮތުން އަމިއްލައަށް މައްސަލަތައް ހައްލުކުރަން ފުރުސަތު ދޭށެވެ. ސުކޫލް ޕްރޮޖެކްޓްތަކާއި ރަހުމަތްތެރިންގެ މެދުގައި ޖެހޭ ކުދިކުދި މައްސަލަތަކުގެ ތެރެއަށް ބެލެނިވެރިޔާ މާ ބޮޑަށް ވަދެގަންނަ ނަމަ، ކުއްޖާގެ އަމިއްލަ ވިސްނުން ތަރައްގީއެއް ނުވާނެއެވެ. ކުއްޖާއަށް އިރުޝާދު ދީފައި އަމިއްލައަށް އެކަމުން އަރައިގަންނަން ދަސްކޮށްދޭށެވެ.
6- އުމުރާ ގުޅޭ މިނިވަންކަން ދިނުން:
އަމިއްލައަށް ކެއުމާއި، ހެދުން އެޅުމާއި، ފިލާވަޅު ހެދުން ފަދަ ކަންކަން ކުރުމުގެ މިނިވަންކަން ކުއްޖާއަށް ދޭށެވެ. މިނިވަންކަމާއެކު ޒިންމާދާރުކަންވެސް އަންނާނެއެވެ. މީގެ ސަބަބުން ކުއްޖާގެ ހިތްވަރު ގަދަވެ، އަމިއްލަ ޝުއޫރުތައް ފާޅުކުރަން ދަސްވާނެއެވެ.
7- ނަމޫނާ ބެލެނިވެރިޔަކަށް ވުން:
ކުދިންނަކީ މައިންބަފައިންގެ "ލޯގަނޑެވެ". ކުދިން ކަންކަން ދަސްކުރަނީ ނަސޭހަތް އަޑުއެހުމުގެ ބަދަލުގައި މައިންބަފައިންގެ އުޅުން ފެނިގެންނެވެ. ތިބާގެ ދަރިފުޅަކީ ތެދުވެރި، އަދަބުވެރި ކުއްޖަކަށް ހަދަން ބޭނުންނަމަ، ފުރަތަމަ ތިބާގެ އަމަލުތަކުން އެކަން ދައްކާށެވެ.
8- ތެދުވެރިކަމާއެކު މުއާމަލާތްކުރުން:
ދަރިންނާ ހާމަކަން ބޮޑު ގޮތެއްގައި ވާހަކަދައްކާށެވެ. މައިންބަފައިންނަށް ކަމެއްގައި ކުށެއް ކުރެވިއްޖެނަމަ މާފަށް އެދުމަކީ ދަރިންނާ އޮންނަ ގުޅުން ބަދަހިވެ، މައިންބަފައިންނަކީވެސް އިންސާނުންކަން އެކުދިންނަށް ވިސްނައިދޭނެ ކަމެކެވެ. މިއީ ދަރިފުޅާއި ތިބާއާ ދެމެދު އޮތް އިތުބާރު ދިހަގުނަ އިތުރުކޮށްދޭނެ ކަމެކެވެ.
9- ފުރިހަމަވާން ނޫޅުން:
"ޕާފެކްޓް ޕޭރެންޓް" ނުވަތަ ހުރިހާ ކަމެއްގައި ފުރިހަމަ މީހަކަށް ވާން މަސައްކަތް ނުކުރާށެވެ. ބައެއް ދުވަސްދުވަހު ކެތްތެރިކަން ކުޑަވެ، ރުޅި އާދެވުމަކީ އިންސާނުންގެ ގޮތުން ވެދާނެ ކަމެކެވެ. މުހިންމީ އެފަދަ ހާލަތްތަކުގައި ދަރިފުޅާ އޮންނަ ގުޅުން އަލުން ރަނގަޅުކުރުމެވެ.
ދަރިން ތަރުބިއްޔަތުކުރުމަކީ ބުރަ ނަމަވެސް އުފާވެރި ދަތުރެކެވެ. އަޅުގަނޑުމެންގެ ދިވެހި އާއިލާތަކުގައި ލޯތްބާއި، އިހުތިރާމާއި، ހުޅުވާލެވިފައިވާ މުއާމަލާތްތަކަށް އިސްކަންދީ، މި ޕޮޒިޓިވް ޕޭރެންޓިންގ އުސޫލުތައް ހިފަހައްޓައިފިނަމަ، ނަފްސާނީ ގޮތުން ދުޅަހެޔޮ، ގައުމަށް ބޭނުންތެރި ޖީލެއް ބިނާކުރެވޭނެކަން ކަށަވަރެވެ.
advertisment
ހިޔާލު