މަޖީދިއްޔާ ސްކޫލުގެ މުދައްރިސުންނާއި މުވައްޒަފުންނަށް އެ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު މުޖާހިދު ތަޢުރީފު ކުރައްވައިފިއެވެ. މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އެ ސްކޫލުގައި ބޭއްވި އެސެމްބްލީގައި ޕްރިންސިޕަލް މުޖާހިދު ވިދާޅުވީ، ޕްރިންސިޕަލްކަމާ ހަވާލުވެ އެންމެ ފުރަތަމަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއާ ބައްދަލުވި ދުވަހު، މަޖީދިއްޔާއާ މެދު ކުރާ އުއްމީދާއި މަޖީދިއްޔާ ސްކޫލް ކުރިއަށް ގެންދަން ބޭނުންވާ މިންވަރާއި މަޖީދިއްޔާ ސްކޫލް ދެކެން ބޭނުންވާ ގޮތަކީ ކޮބައިކަން ވަރަށް ސާފުކޮށް ވިދާޅުވެދެއްވި ކަމަށެވެ.
"އަޅުގަނޑު ސްކޫލަށް އަންނަ ކޮންމެ ދުވަހަކު އެ ވާހަކަތަކުގެ މަތިން ހަނދާންކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިނިސްޓަރަށް ދޭ ޔަޤީންކަމަކީ މަޖީދިއްޔާ ސްކުލަކީ އެ ސްކޫލުގެ ފަޚުރުވެރި ތާރީޚާއެއްގޮތަށް މުސްތަގުބަލުގައި ވެސް ކުރިއަށް އޮތްތަނުގައިވެސް ދިވެހިރާއްޖޭގެ އެއްވަނަ ސްކޫލުގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރާނަމޭ" ޝަރަފުވެރި މެހުމާނެއްގެ ގޮތުން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ބައިވެރިވެވަޑައިގެންނެވި އެސެމްޕްލީގައި މުޖާހިދު ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ، ބަދަލުތައް ގެނައުމުގައި މުވައްޒަފުންގެ ފަރާތުން ފެންނަނީ އާދަޔާޚިލާފު ހިތްވަރެއްކަން ފާހަގަކުރައްވައި އޭނާ ވަނީ މުވައްޒަފުންނަށް ތައުރީފު ކުރައްވާފައެވެ.
މުޖާހިދު ވިދާޅުވީ، ސްކޫލަށް ގެނެވޭ ކޮންމެ ބަދަލަކާއި ކުރާ ކޮންމެ ކަމެއްގައި ސްކޫލުގެ ޓީޗަރުން، ސްކޫލުގެ މުވައްޒަފުން އެ ކަންކަން ނަގަނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.
"އެބޭފުޅުން ފަތުރަނީ އޭގެ މީރުވަސް ނަތީޖާއަކަށް ވެގެން ދިޔައީ އަޅުގަނޑުމެންނަށް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެސް ވަރަށް ގިނަ ކަންތައްތައް ކުރަން ފަސޭހަވެގެން ދިއުން. އެކަން ފާހަގަކޮށް ޓީޗަރުންނާ އިދާރީ މުވައްޒަފުންނާ ސަޕޯޓް ސްޓާފުންނަށް ވަރަށް އިޚްލާސްތަރިކަމާއެކު ޝުކުރު އަދާކުރަން" ބަދަލުތަކަށް މަޖީދިއްޔާ ސްކޫލް ހޭނެމުންދާކަން ފާހަގަކުރައްވައި މުޖާހިދު ވިދާޅުވިއެވެ.
މަޖީދިއްޔާ ސްކޫލަކީ އަމާނާތެއްކަން ފާހަގަކުރައްވައި މުޖާހިދު ވިދާޅުވީ" މަޖީދިއްޔާ ސްކޫލަކީ ފަޚުރުވެރި ލެގަސީއެއް. މަޖީދިއްޔާ ސްކޫލަކީ ޝަރަފުވެރި މާޒީއެއް. އަޅުގަނޑަށް ޔަގީން މަޖީދިއްޔާއިން ކިޔެވި ކޮންމެ ދަރިވަރެއްގެ ވެސް ހިތުގައި ޖަހާ ވިންދަކަށް ވާނީ މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރުން" ކަމަށެވެ.

ދެން މުޖާހިދު ވިދާޅުވީ އަޅުގަނޑުމެންނަށް މާޒީއެއްގެ ތެރޭގައި ދިރިއެއް ނޫޅެވޭނެ ކަމަށާއި ލެގަސީއެއް ހަމައެކަނި އޮތުމަކުން ނުފުދޭ ކަމަށެވެ.
"އަޅުގަނޑުމެންގެ މިއަދު ރަނގަޅު ކުރަންޖެހޭ. އަދި އަޅުގަނޑުމެންގެ މާދަމާ މާ ބޮޑަށް ވެސް ރަނގަޅު ކުރަންޖެހޭ" މުޖާހިދު ވިދާޅުވިއެވެ.
މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުމާ ގުޅުވައިގެން އެ ސްކޫލުގެ އައު އިމާރާތް އަންނަ އަހަރު ނިންމައި ހުޅުވަން އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޓެކްނޮލޮޖީގެ އައު މަރުހަލާއަކަށް ކިޔެވުން ބައްޓަން ކުރެވިގެންދާނެ މުހިންމު ބިނާއެއްގެ ގޮތުގައި އެ ސްކޫލްވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.
advertisment
ހިޔާލު