ޑރ. އާސޔަތު މުޙައްމަދު ދީދީ
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި އިޞްލާޙުތައް ގެނައުމަށްޓަކައި ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވުމާއި، މި ދާއިރާގައި އަޅުގަނޑު ހޭދަކުރި މުއްދަތުގެ ތަޖުރިބާއަށް ބިނާކޮށް، މި ސިޔާސަތާ ގުޅޭގޮތުން އަޅުގަނޑުގެ ތަޞައްވުރު ހިއްސާކޮށްލާނަމެވެ. މިއީ ފަހަރެއްގައި އެންމެ މަގުބޫލު ވިސްނުމަށް ނުވެދާނެއެވެ. ނަމަވެސް، އަޅުގަނޑުގެ ހިޔާލުތައް މަގުބޫލު ވިސްނުމަށް ބިނާކުރުމުގައި ބަދަލުގައި، އިލްމީ ހޯދުންތަކާއި ފެންނަން ހުންނަ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް، އަޅުގަނޑަސް ވިސްނޭ އެންމެ ފައިދާހުރި ގޮތް ހާމަކުރުމަކީ އަޅުގަނޑު އަބަދުވެސް އިސްކަންދީގެން ކުރެވޭތޯ ބަލާ ކަމެކެވެ.
އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބަލައިގަންނަންޖެހޭ ހަގީގަތަކީ، މާލޭގެ ސްކޫލްތަކާއި ޕުރައިވެޓް ސްކޫލްތަކުގެ ހަގީގަތާއި، ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ސްކޫލްތަކުގެ މެދުގައި ބޮޑެތި ފަރަގުތަކެއް ހުރިކަމެވެ. އެހެންކަމުން، ސިޔާސަތުތައް ބައްޓަންކުރަންވާނީ ވަކި ސަރަހައްދަކަށް ނުވަތަ ވަކި ބަޔަކަށް އެކަނި އިސްކަންދިނުމުގެ ބަދަލުގައި، މުޅި ތަޢުލީމީ ނިޒާމުގެ ޝާމިލު ބޭނުންތަކަށް ރިއާޔަތްކޮށްގެންނެވެ. މިނިސްޓްރީގެ އައު ސިޔާސަތު ކަނޑައެޅުމުގައި މިފަދަ ފުޅާ ތަޞައްވުރެއް ގެންގުޅުއްވާފައިވާކަމީ، މުޅި ނިޒާމަށް ލިބިގެންދާނެ ވަރަށް އުންމީދީ ކުރިއެރުމެކެވެ.

ދެވަނަ ކަމަކަށް، ކުޅިވަރު އެކަޑަމީތަކުން މާޒީއާ މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތްތަކެކެވެ. މަޒީގައި ކުޅިވަރު ހަރަކާތް ހިންގޭނެ ހަމައެކަނި މާހައްލަކީ ސްކޫލްކަމަށް ވިޔަސް މިއަދި މިވަނީ އެހަގީގަތް ބަދަލްވެފައެވެ. ހަގީގަތަކީ މިހާރު އިންޓަރ ސްކޫލް ހަރަކާތްތަކުގައި ކާމިޔާބީ ހޯދާ ގިނަ ދަރިވަރުންގެ ކުރިއެރުން ގުޅިފައިވަނީ، ބެލެނިވެރިން ކުރައްވާ ބޮޑެތި ހަރަދުތަކާއި އެކަޑަމީތަކުގައި ތިއްބެވި ކުޅަދާނަ ކޯޗުންގެ ބުރަ މަސައްކަތާ ކަމެވެ. އެހެންކަމުން، މިވަގުތަކީ ގައުމީ ފެންވަރުގެ ކުޅުންތެރިން ތަމްރީނުކުރުމުގެ ޒިންމާ، ތަޖުރިބާއި ހުނަރު ލިބިފައިވާ މިފަދަ ފަރާތްތަކާއި ހަވާލު ކުރަންވީ ވަގުތެވެ. ވީމާ، ތަޢުލީމީ ވުޒާރާގެ އައު ސިޔާސަތަކީ، ތަޢުލީމީ ނިޒާމުގެ އިތުރުން ކުޅިވަރާ ގުޅޭ ފަރާތްތައް އިތުރަށް ބާރުވެރި ކުރުވާ، ދަރިވަރުންނަށް ސްކޫލްތަކުގެ ތެރެއިން ލިބެނީ ހަމަހަމަ ފުރުސަތުތަކެއްކަން ކަށަވަރު ކުރުމަށް މިވަގުތަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
ތިންވަނަކަމަށް، ސްކޫލްތަކުގެ މައިގަނޑު އަމާޒަކަށް ވާންޖެހޭނީ ދަރިވަރުންގެ ކިބައިގައި ހުންނަ އަސާސީ ހުނަރުތައް ތަރައްގީކުރުމެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި ސްކޫލްތަކުގައި ތިއްބަވާ ސްޕޯޓްސް ސުޕަވައިޒަރުންގެ ދައުރު ފުދެއެވެ. ސްކޫލްގެ ހަރަކާތްތަކުގެ ތެރެއިން ހާއްސަ ހުނަރެއް ހުރި ދަރިވަރަކު ފާހަގަކުރެވިއްޖެ ނަމަ، އެ ކުއްޖަކަށް އިތުރު ތަމްރީނު ހޯދައިދިނުމަށް ބެލެނިވެރިންނަށް އިރުޝާދުދީ އެކަމުގައި އެހީތެރިވުމަކީ ސްކޫލަށް ކުރެވިދާނެ ކަމެކެވެ. ސްކޫލްގެ އަމާޒަކަށް ވާންވާނީ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ ނިޒާމެއްގެ ތެރެއިން، ދަރިވަރުންގެ އަސާސީ ހުނަރުތައް ކުރިއަރުވައި، އުނގެނުމާއި އުނގަންނައިދިނުމުގެ ތެރެއިން ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކު ބިނާކުރުމެވެ. އަދި ނުރަނގަޅު ވާދަވެރިކަމެއް ނެތް މާހައުލެއްގައި، ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމާއެކު ހެދިބޮޑުވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްމެ ކަށަވަރުކޮށްދިނުމެވެ.
މިފަދަ ބަދަލަކަށް އަމާޒުކުރާއިރު ވިސްނާލުން މުހިންމު އިތުރު ކަންތައްތަކެއް ފާހަގަކޮށްލާނަމެވެ:
- ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވަނީ ކޮންމެ އުމުރުފުރާއެއްގެ ޖުމްލަ އާބާދީގެ ވަރަށް ކުޑަ އިންސައްތައެކެވެ. މިއީ ގާތްގަނޑަކަށް 5 އިންސައްތައަށް ވުރެ ވެސް މަދު އަދަދެކެވެ. މިހެން މިކަން އޮތް ނަމަވެސް، ސްކޫލަށް ހޯދައިދޭން ބޭނުންވާ ރީތި ނަމާއި ޝަރަފަށްޓަކައި، ސްކޫލުގެ ގިނަ މުވައްޒަފުންގެ ވަގުތާއި، ވަސީލަތްތަކާއި، ސަމާލުކަން ހުސްކުރެވެނީ މި މަދު ދަރިވަރުންތަކަކަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ސްކޫލުގެ ބާކީ ތިބި ގިނަ އަދަދެއްގެ ދަރިވަރުންނަށް އެކަށީގެންވާ ސަމާލުކަމާއި ފުރުސަތުތައް ނުދެވޭ ގޮތް މެދުވެރި ވެއެވެ.
- މުބާރާތްތައް އިތުރުވެ، ސްކޫލްތަކަށް ނުކަތާ ވަރަށް ހަރަކާތްތައް ގިނަވުމުގެ ސަބަބުން، ކިޔަވައިދިނުމުގެ މަރުހަލާއަށް ބޮޑެތި ބުރޫތަކެއް އަރައެވެ. ވަކިން ހާއްސަކޮށް، އަތޮޅުތެރޭގެ ރަށްރަށުން މުބާރާތްތަކުގައި ބައިވެރިވުމަށް ދަރިވަރުން މާލެއަށް ކުރާ ދަތުރުތަކުގައި ގިނަ ދުވަސްތަކެއް ހޭދަވާން ޖެހުމަކީ، ދަރިވަރުންނަށާއި މުދައްރިސުންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. އަދި މި ދަރިވަރުންނާއެކު ސްކޫލުގެ މުދައްރިސުންނާއި މުވައްޒަފުން ދަތުރުކުރަން ޖެހުމަކީ ސްކޫލުގެ ހިންގުމަށާއި ކިޔަވައިދިނުމަށް އިތުރު ދަތިތަކާ ކުރިމަތިވާ ކަމެކެވެ.
- ގަބޫލުކުރަންޖެހޭ ހިތްދަތި ހަގީގަތަކީ، ގިނަ ފަހަރަށް މިފަދަ ފުރުސަތުތައް ލިބެނީ މާލީގޮތުން ތަނަވަސްކަން ހުރި އާއިލާތަކުގެ ދަރިވަރުންނަށް އެކަނި ކަމެވެ. މީގެ މައިގަނޑު ސަބަބަކީ ތަމްރީނުތަކާއި މުބާރާތްތަކުގައި ބައިވެރިވުމަށް ހިނގާ ޚަރަދު ބޮޑުވުމެވެ. ހުރިހާ ކުޅިވަރަކުން ދަރިވަރުން ތަމްރީނުކޮށްދިނުމުގެ ގާބިލުކަން ސްކޫލްތަކުގައި ނެތްއިރު، ބެލެނިވެރިން އެކަން ކުރަނީ އަމިއްލަ ޖީބުން ބޮޑެތި ޚަރަދުކޮށްގެން، އެކަޑަމީތަކަށް ނުވަތަ ޕްރައިވެޓް ކޯޗުންގެ ގާތަށް ދަރިވަރުން ފޮނުވައިގެންނެވެ. މި ތަކުލީފު މާލެއަށްވުރެ އަތޮޅުތެރޭގައި މާ ބޮޑެވެ. އެހެންކަމުން، މިއީ ސްކޫލެއްގެ ތެރޭގައި އޮންނަންޖެހޭ ހަމަހަމަ ފުރުސަތުގެ އުސޫލުގެ ތެރެއިން ހިންގޭނެ ކަމެއް ނޫނެވެ.

- މި މުބާރާތްތަކުގެ ސަބަބުން ސްކޫލްތަކުގެ މެދުގައި ވަނީ ނުރަނގަޅު އަދި ހައްދުފަހަނަޅާފައިވާ ވާދަވެރިކަމެއް އުފެދިފައެވެ. މި ވާދަވެރިކަން ގޮސްފައިވާ މިންވަރަކީ، ސްކޫލްތަކުގެ މެދުގައި ދަރިވަރުން ބަދަލުކުރުމުގެ (ޓްރާންސްފާ މާކެޓެއް ފަދަ) ނޭދެވޭ ސަގާފަތެއް އުފެދި، މުޅި ތަޢުލީމީ މާހައުލު ތަޣައްޔަރުވަމުން ދިއުމެވެ. މިފަދަ ކަންކަމަކީ ބެލެނިވެރިންނާއި ސްކޫލްތަކުގެ މެދުގައި ނުތަނަވަސްކަން އުފައްދާ ކަންކަމެވެ. މިއީ ތަރުބަވީ ނަޒަރަކުން ބެލިޔަސް، އަދި ކުޅިވަރުގެ އަޚުލާގަށް ބެލިޔަސް، އަޅުގަނޑުމެން ދަރިވަރުންނަށް ދަސްކޮށްދޭން ބޭނުންވާނެ ސިފަތަކެއް ނޫނެވެ.
- ކުޅިވަރުގެ ތެރޭގައި އޮންނަންޖެހޭ އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި ހިތްވަރުދިނުން ފަދަ މައުނަވީ ރީތި އާދަތަކުގެ ބަދަލުގައި، ކޮންމެފަދަ ގޮތަކުން ނަމަވެސް މޮޅުވާންޖެހޭނެ ކަމަށް ގަބޫލުކުރެވޭ ނޭދެވޭ ވިސްނުން ސްކޫލް މާހައުލުގައި ވަނީ ވަރަށް ބޮޑަށް އަށަގަނެފައެވެ. ސަބަބަކީ، އަމިއްލަ ކާމިޔާބީގެ އިތުރުން ސްކޫލަށް ލިބޭ ރީތި ނަމަކީވެސް ދަރިވަރުގެ ކުޅުމާ ގުޅިފައިވާ ކަމެއް ކަމަށް ދަރިވަރަށް ބުރަވެވޭތީއެވެ. މިއީ ސްކޫލް ފަދަ ތަރުބަވީ މާހައުލެއްގައި ކުޅިވަރު ކުޅުމުގެ އަސްލު މަގުސަދު ގެއްލިގެންދާ ކަމެކެވެ. މީގެ ސަބަބުން، ދަރިވަރުންނަށް އުނގެނުމާއި ހުނަރު ތަރައްގީކުރުމުގެ ބަދަލުގައި، ކޮންމެ ހާލަތެއްގައިވެސް މޮޅުވާންޖެހޭކަމުގެ ބޮޑު ނަފުސާނީ ނުތަނަވަސްކަމަކާ ކުރިމަތިލާން ޖެހެއެވެ.
މިއީ މި މައުޟޫއާ ގުޅޭގޮތުން އަޅުގަނޑުގެ ބައެއް ފަންނީ ޚިޔާލުތަކެވެ. ކޮންމެ އިސްލާހީ ބަދަލަކާ އެކުވެސް ދެކޮޅުވެރިކަމެއް ކުރިމަތިވުމަކީ އާންމު ކަމެއް ނަމަވެސް، ދަރިވަރުންގެ ކުރިމަގަށްޓަކައި ބޭނުންތެރި ހަރުދަނާ ބަދަލުތައް ކުރިއަށް ގެންދަންޖެހެއެވެ. އަޅުގަނޑުގެ އުންމީދަކީ، މި ބަދަލުތައް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށް އޮމާންކަމާއެކު މިކަން ކުރިއަށް ދިއުމެވެ. އަދި ތަފާތު ޚިޔާލުތަކެއް ހުރި ނަމަވެސް، މުޅި ނިޒާމަށް ފައިދާހުރި މި ނިންމުންތަކުގައި މިނިސްޓްރީ ސާބިތުވެ އޮތުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއެވެ.
advertisment
ހިޔާލު