ބަންގްލަދޭޝްގެ ތަޢުލީމީ ނިޒާމު ޒަމާނީކޮށް، އުނގަންނައިދިނުމުގެ ފެންވަރު މަތިކުރުމަށްޓަކައި އެ ގައުމުގެ ހޮވާލެވޭ ބައެއް ސިޓީތަކުގެ ސްކޫލްތަކުގައި 'ބްލެންޑަޑް ލާނިން' މޮޑެލް އަންނަ ހަފުތާގައި ތައާރަފުކުރަން ބަންގްލަދޭޝް ސަރުކާރުން ނިންމައިފިއެވެ.
މި ނިޒާމަކީ އާދައިގެ ކްލާސްރޫމް ތަޢުލީމާއި ޑިޖިޓަލް ޓެކްނޮލޮޖީ އެއްކޮށްލައިގެން ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދޭ އައު ގޮތެކެވެ.
ބަންގްލަދޭޝްގެ ތަޢުލީމީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންދާނީ ސާނަވީ އަދި މަތީ ސާނަވީގެ ވަކި ސްކޫލްތަކެއްގައެވެ.
މި މޮޑެލްގެ ސަބަބުން ދަރިވަރުންނަށް ސްކޫލަށް ގޮސްގެން މުދައްރިސުންގެ އެހީތެރިކަން ހޯދުމުގެ އިތުރުން، އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލައަށް ފިލާވަޅުތައް ދަސްކުރުމުގެ ފުރުސަތު ފުޅާވެގެންދާނެއެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ތަޢުލީމީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، ކުރިމަގުގެ ތަޢުލީމަށް ތައްޔާރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ގައުމުން ދެކެއެވެ.
މި މަޝްރޫޢު ކާމިޔާބުކުރުމަށްޓަކައި ބޭނުންވާ އިންޓަނެޓްގެ ހިދުމަތާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ސްކޫލްތަކުގައި ގާއިމުކުރުމުގެ މަސައްކަތް ބަންގުލަދޭޝް ސަރުކާރުން މިހާރު ދަނީ ހަލުވި މިނެއްގައި ކުރަމުންނެވެ.
އަދި މި އައު ނިޒާމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށްޓަކައި ހާއްސަ ތަމްރީނުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ މި ޕައިލެޓް ޕްރޮގްރާމުން ލިބޭ ނަތީޖާއަށް ބަލައި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ ހުރިހާ ސްކޫލެއްގައި މި ނިޒާމު ތަންފީޒު ކުރާނެ ކަމަށް ބަންގުލަދޭޝްއިން ބުނެއެވެ.
advertisment
ހިޔާލު