ލިޓްރަސީ އަދި ނިއުމަރަސީގެ ފެންވަރު ވަޒަންކުރުމަށާއި ގައުމީ މަންހަޖުގައި ބަޔާންކުރާ ހުނަރުތައް ދަރިވަރުންނަށް ހާސިލުވެފައިވާ މިންވަރު ވަޒަންކުރުމަށް ޓަކައި ކީ ސްޓޭޖް 1އަދި 2 ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން މި އަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ނެޝެނަލް އެސެސްމަންޓް އޮފް ލަރނިން އައުޓްކަމްސް (ނާލޯ) މިއަދު ފަށައިފިއެވެ.
މި އެސެސްމަންޓު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެސެސްމަންޓުގައި މި އަހަރު ބައިވެރިވާނީ 2025 ވަނަ އަހަރު ކީ ސްޓޭޖް 1އަދި 2 ނިންމި ދަރިވަރުންނެވެ. އެސެސްމަންޓު ދެނީ ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާ އިންނެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ކީ ސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ދޭ ނާލޯ އިމްތިޙާނުގެ ފުރަތަމަ ބުރު ބާއްވާފައެވެ. ކީ ސްޓޭޖް 3އަށް މި އިމްތިޙާނު މިދިޔަ އަހަރު ދޭން ފެށީ އަލަށެވެ. މިދިޔަ އަހަރު ބޭއްވި އެ އިމްތިޙާނުގައި ރާއްޖޭގެ 201 ސްކޫލަކުން 5،100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.
2008 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ނާލޯ އިމްތިޙާނުގައި މީގެ ކުރިން ބައިވެރިކުރަނީ ހަމައެކަނި ކީ ސްޓޭޖް 1 އަދި 2 ނިންމާ ދަރިވަރުންނެވެ. ނަމަވެސް މިދިޔަ އަހަރު، ފުރަތަމަ ފަހަރަށް، ކީ ސްޓޭޖް 3ގައި ހިމެނޭ ގްރޭޑް 7 އާއި 8 ގެ ދަރިވަރުން ވަނީ ބައިވެރިކޮށްފައެވެ. ނާލޯ އިމްތިހާނުގައި މި އަހަރު އިސްލާމް މާއްދާ ވަނީ ހިމަނާފައެވެ.
ގިނަ ސްކޫލުތަކުގައި ގްރޭޑް 9 ގެ ހުރިހާ ދަރިވަރުން މި އިމްތިޙާނުގައި ބައިވެރިވާއިރު، އާބާދީ ބޮޑެތި ސްކޫލުތަކުގައި ހޮވާލެވޭ ބައެއް ދަރިވަރުން ބައިވެރިވެއެވެ.
ނާލޯ އަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ޙާލަތާއި، ސްކޫލުތަކުގައި ތަންފީޒުކުރަމުން އަންނަ ޤައުމީ މަންހަޖުގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސިލްސިލާކޮށް ކުރިއަށްގެންދާ އެސެސްމެންޓެކެވެ.
advertisment
ހިޔާލު