އިތުރު ތިން ސްކޫލެއްގައި ގުރޭޑް އެގާރައަށް ކިޔަވައިދޭން ފަށައިފި

ދާންދޫ ސްކޫލް
ދާންދޫ ސްކޫލްގެ ގުރޭޑް އެގާރައަށް ކިޔަވައިދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރިންސިޕަލް ގުރޭޑް އެގާރައިގެ ދަރިވަރަކަށް ސޭޝް ހަވާލުކޮށް ދެއްވަނީ

އިތުރު ތިން ސްކޫލެއްގައި ގުރޭޑް އެގާރަ އުފައްދައި ކިޔަވައިދޭން ފަށައިފިއެވެ.

އޭލެވެލްއަށް އަލަށް ކިޔަވައިދޭން ފެށީ އއ. ތޮއްޑޫ ސްކޫލާއި، ވ. ކެޔޮދޫ ސްކޫލާއި، ގއ. ދާންދޫ ސްކޫލްގައެވެ.

ދަރިވަރު ނޫހަށް، އެ މިނިސްޓްރީން ބުނީ އަލަށް ކިޔަވައިދޭން ފެށި ސްކޫލްތަކާއެކު ސަރުކާރުގެ 34 ސްކޫލެއްގައި އޭލެވެލްއަށް މިހާރު ކިޔަވައިދޭ ކަމަށެވެ. އެ ސްކޫލްތަކުގައި 1173 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އެންމެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދަނީ ސީއެޗްއެސްއީގައެވެ. އެ ސްކޫލުން މިއަހަރު ގުރޭޑް 11އަށް ކިޔަވަން ފެށި ކުދިންގެ އަދަދު 530 އަށް އަރައެވެ.

ދާންދޫ ސްކޫލް
ދާންދޫ ސްކޫލްގެ ގުރޭޑް އެގާރައަށް ކިޔަވަން ފެށި ދަރިވަރުން

 

ދާންދޫ ސްކޫލްގެ ޕްރިންސިޕަލް ފަހީމާ އަހުމަދު ދަރިވަރު ނޫހަށް ވިދާޅުވީ އެ ސްކޫލްގައި ގުރޭޑް އެގާރަ އުފައްދަން މަސައްކަތް ފެށިއިރު، 17 ކުދިން ތިބި ނަމަވެސް ތަފާތު ސަބަބުތަކާހުރެ، ކިޔަވަން ފެށިއިރު ތިބީ އެގާރަ ކުދިން ކަމަށެވެ.

" ވަރަށް އުއްމީދާއެކު، އެގާރަ ކުދިންނާއެކު އޭލެވެލް މި ފެށީ" ފަހީމާ ވިދާޅުވިއެވެ.

ތޮއްޑޫ ސްކޫލުން ގުރޭޑް އެގާރަ ފެށީ ދިހަ ކުދިންނާއެކުގައެވެ. އެ ސްކޫލްގައި ގުރޭޑް އެގާރަ އުފެއްދީ ރަށުން ބޭރުގެ ހަތަރު ކުދިން ހިމަނައިގެންނެވެ. އެ ކުދިންނަށް ޚާއްޞަ އިނާޔަތެއްގެ ގޮތުގައި މަހަކު އެއްހާސް ރުފިޔާގެ ޕޮކެޓްމަނީއެއް ތޮއްޑޫ ކައުންސިލުން ދެ އެވެ.

ކެޔޮދޫ ސްކޫލް
ކެޔޮދޫ ސްކޫލްގެ ގުރޭޑް އެގާރައަށް ކިޔަވަން ފެށި ދަރިވަރުން

ކެޔޮދޫ ސްކޫލްގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވީ އެ ސްކޫލްގައި ގުރޭޑް އެގާރަ ފެށީ ހަ ކުދިންނާ އެކުގައިކަމަށެވެ.

" ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް އޭލެވެލް ފެށުނީ ހަ ކުދިންނާއެކު. ރަށުން ބޭރުގެ އެއްވެސް ކުއްޖެއް އޭލެވެލްގައި ބައިވެރިވާން ނާދޭ. ހުރިހާ ދަރިވަރުންނަކީ ވެސް މި ރަށުގެ ކުދިން" ޒައީމާ ވިދާޅުވިއެވެ.

ކެޔޮދޫ ސްކޫލަކީ ވ. އަތޮޅުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *