"އައިވޮންޑަރ" ގެ ނަމުގައި އަމީނިއްޔާގައި ސެންސަރީ ރޫމެއް ހުޅުވައިފިއެވެ. ސެންސަރީ ރޫމް ތަރައްޤީ ކުރީ ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކުގައެވެ.
މިއަދު ހަވީރު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ސެންސަރީ ރޫމް ހުޅުވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އާމިނަތު ޒީނިޔާއެވެ.
އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވީ، އެ ސްކޫލުގައި އިންކުލޫސިވް އެހީތެރިކަން ފޯރުކޮށްދޭ 175 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ގިނަ ދަރިވަރުންނަކީ އޯޓިޒަމާއި އޭޑީއެޗްޑީ ހުންނަ ކުދިން ކަމަށެވެ.

އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސެންސަރީ ރޫމެއް ވަރަށް މުހިންމުވެފައިވާ ދަނޑިވަޅެއްގައި ބޭންކް އޮފް މޯލްޑިވްސް ވެދެއްވި އެހީތެރިކަމަށް ޕްރިންސިޕަލް ރިންޒީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ރިންޒީ ވިދާޅުވީ، އެހެން ކުދިންނާ ޚިލާފަށް އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިން ވަރަށް ފަސޭހައިން ހާސްވެ ނުތަނަވަސްކަން އުފެދިގެންދޭ ކަމަށެވެ. އަޑުގަދަވުމާ އަލިގަދަވުމާ ވަސްގަދަވުމުން ފަދަ އިހުސާސްތައް ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ސެންސަރީ ރޫމް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި އަދި އެއީ ރައްކާތެރިކަމާއެކު މަޑުކޮށްލައިގން އެފަދަ ކުދިން ތިބޭ ތަނަކަށް ވެސް އެތަންވާ ކަމަށެވެ.
ރިންޒީ ވިދާޅުވީ، ޒަމާނީ ވަޞީލަތްތަކާއެކު ހުޅުވި ސެންސަރީ ރޫމުން، ދަރިވަރުންގެ އިހުސާސްތަކާއި ޖަޒުބާތުތައް ކޮންޓްރޯލްކޮށް ކިޔެވުމުގެ ތެރެއަށް ވަދެވޭނެ މަގު ފަހިކޮށްދެވޭނެ ކަމަށެވެ. އަދި ދަރިވަރުން ކިޔެވުމަށްދޭ ސަމާލުކަމާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި އަމިއްލަ އިހުސާސްތައް ދެނެގަތުމާއި އަދި މުއާޞަލާތު ކުރުމުގެ ހުނަރު ކުރިއެރުވޭނެ ކަމަށެވެ.

" ހަށިގަނޑުގެ ހަރަކާތްތަކާ ހިއްސުތަކާ ހުންނަ ގުޅުން ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ. ހުރިހާ ގޮތަކުން އައިސީޕީގެ ހުރިހާ ލަނޑުދަނޑިއެއް ޙާޞިލް ކުރުމަށް ސެންސަރީ ރޫމުގެ ސަބަބުން މުދައްރިސުންނަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ" ސެންސަރީ ރޫމު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިންޒީ ވިދާޅުވިއެވެ.
ރިންޒީ ވިދާޅުވީ، ސެންސަރީ ރޫމުގެ ބޭނުން ކުރާނީ ހަމައެކަނި ކުރާނީ އެ ސްކޫލުގެ ޑްރީމް ކުދިން ނޫން ކަމަށާއި އެ ސްކޫލުގައި މިވަގުތު ކިޔަވަމުންދާ 1700 އެއްހާ ދަރިވަރުންނާއި 223 މުވައްޒަފުންނަށް އެތަނުގެ ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އެތަނުގެ ބޭނުން އެންމެ ހެޔޮގޮތުގައި ދަރިވަރުންނަށް ބޭނުން ކުރެވޭނެ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މުދައްރިސުންނަށް ރިންޒީ އިލްތިމާސް ކުރައްވާފައެވެ.
advertisment
ހިޔާލު