ދިއްދޫގައި ދަރިވަރުންގެ ދަނާލެއް ޤާއިމުކުރަން އެމްޓީސީސީއަށް

ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަށާޖެހޭ ސިޔާސަތުގެ ދަށުން، ހއ. ދިއްދޫގައި ދަރިވަރުންގެ ދަނާލެއް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ޙިކްމާއެވެ. މަޝްރޫޢުގެ މަސައްކަތާ ހަވާލުވި ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދް ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، މިއީ އެކި ސަބަބުތަކާހުރެ ޢަމަލީ ސިފައެއް ނައިސް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތް މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން، މިފަދަ މަޝްރޫޢުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމެވި ނިންމެވުމާއެކު، މިއަދު މި މަޝްރޫޢުގެ މަސައްކަތް ޢަމަލީ ގޮތުން ފެށިގެން ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކު ހުރި ރަށަކުން ނުވަތަ އެންމެ ކައިރި ރަށަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ފަހިކޮށްދިނުން ކަމުގައިވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ހޯދޭނެ ފަހި މާޙައުލެއް ބިނާކޮށްދިނުމެވެ. ދިއްދޫގައި ތަރައްޤީކުރާ މި އެކަމަޑޭޝަން ބްލޮކަކީ ފާޚާނާއާ އެކު ފަރުމާކުރެވިފައިވާ ޒަމާނީ ފެންވަރުގެ 32 ކޮޓަރިތަކެއް ހިމެނޭ ތަނެކެވެ. މީގެ އިތުރުން، ދަރިވަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ކިޗަން، ޑައިނިންގ، ލޯންޑަރީ، ޖިމް އަދި ރެކްރިއޭޝަން އޭރިއާއެއްވެސް މި އިމާރާތުގައި ޤާއިމުކުރެވޭނެއެވެ.

ދިއްދޫގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ތަރައްޤީ ކުރަމުންދާ ޖޫނިއަރ ކޮލެޖަކީ ހޮސްޕިޓަލިޓީ، އޮޓޮމޯޓިވް، ވެލްޑިންގ އަދި އިންޖިނިއަރިންގ ފަދަ ޓެކްނިކަލް ދާއިރާތަކުން ޒުވާނުން ވޮކޭޝަނަލްކޮށް ތަމްރީނުކުރުމަށް ޚާއްޞަ ކުރެވިފައިވާ މަރުކަޒެކެވެ. މިއަދު ސޮއިކުރެވުނު މަޝްރޫޢުގެ ސަބަބުން، އެ ކޮލެޖުން ތަޢުލީމު ހާސިލުކުރުމަށް ދާ ދަރިވަރުންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ފުރިހަމަވެ، ތަޢުލީމީ ދާއިރާއަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *