މަތީތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް ހުޅުވާލައިފިއެވެ. ލޯނު ނަގައިގެން ފުރިހަމަ ކުރެވޭނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ހުރި ޕުރޮގުރާމްތަކެވެ. އަދި، އޭގެ އިތުރަށް ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަނާއި، މެޑިކަލް ދާއިރާ ފެލޯޝިޕް ޕުރޮގުރާމުތައް ފުރިހަމަކުރުމަށް ވެސް ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ލޯނު ދިނުމަށް ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ ތެރޭގައި، ޤައުމީ ތަރައްޤީއަށް މީހުން ތަމްރީންކުރުމަށް ބޭނުންވާ ދާއިރާތައްކަމަށް ފާހަގަކުރެވިފައިވާ ނޭޝަނަލް ޓްރޭނިންގ ނީޑްސް ލިސްޓްގައި ހިމެނޭ ހައިލީ ޓެކްނިކަލް ދާއިރާތަކާއި އެ ލިސްޓްގައިވާ އެހެނިހެން ދާއިރާތައް ހިމެނެއެވެ. އަދި، މީގެ އިތުރުން މަތީތަޢުލީމާއި ތަމްރީނަށް ލޯނު ދޫކޮށްފައިވާ ދަރިވަރަކު ފުރިހަމަކުރަމުން ދާ ޕުރޮގުރާމު ނިންމުމަށް  ކަނޑައެޅިފައިވާ މުއްދަތުގައި، އެ ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ކަމަކާހުރެ ޕްރޮގުރާމު ފުރިހަމަނުކުރެވިގެންދާ ހިނދެއްގައި، އެކަމަށް އިތުރު މާލީއެހީއެއް ދިނުމުގެ ގޮތުން ދޭ ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލައިފައިވާ ފުރުޞަތުވެސް ހިމެނެއެވެ. އަދި ފުރިހަމަކުރި ނުވަތަ ފުރިހަމަކުރަމުންދާ ޕްރޮގްރާމެއްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ހަދަންޖެހޭ އިންޓާރންޝިޕެއް އޮތްނަމަ، އެ އިންޓަރންޝިޕް ހެދުމަށް ލޯނު ހޯދަން އެދުމުގެ ފުރުޞަތުވެސް އެވަނީ ހިމަނާފައެވެ.

ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ލޯނުގައި ހިމައިގެން ލޯނު ދޫކުރާނެ ޤައުމުތަކެއް އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ވަނީ ކަނޑައަޅައި ޕޯޓަލް މެދުވެރިކޮށް އިޢުލާންކޮށްފައެވެ. އެހެންނަމަވެސް، މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށް ވެސް ދިއުމުގެ ފުރުސަތުވަނީ ފަހި ކޮށްދެވިފައިވެއެވެ. އެ ގޮތުން، ހުރިހާ ޚަރަދެއް ލޯނުގެ ގޮތުގައި ދޭނެކަމަށް އިޢުލާނުކޮށްފައިވާ ޤައުމުތައް ފިޔަވައި އެހެން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނު ލިބުނު ފަރާތުން އިޚުތިޔާރުކުރާ އިޢުލާންކުރި ޤައުމުގެ ޚަރަދާއި، ކިޔަވަންދާން ބޭނުން ޤައުމުގެ ޚަރަދާއި އަޅާކިޔައި ބެލުމަށްފަހު ދަރިވަރަށް ޚަރަދު ކުޑަކޮށް ކިޔެވޭނެ ގޮތެއްގެ މަތީން، ކިޔަވައި ނިންމުމަށްފަހު އަނބުރައި ފައިސާދެއްކުމުގައި ދަރިވަރަށް ތަކުލީފުކުޑަވާނެ ގޮތަށެވެ.

ފާއިތުވީ އަހަރުތަކާއި ޚިލާފަށް މި އަހަރު ލޯނު ދިނުމުގެ ކަންކަން ހިންގުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ. އެ ގޮތުން ގެނެވިފައިވާ އެންމެ ބޮޑު އެއް ބަދަލަކީ، އެޕްލިކޭޝަން ހުށަހެޅުމަށް ވަކި ސުންގަޑިއެއް ނުބާއްވައި ލޯނަށް އެދުމުގެ ފުރުޞަތު މުޅިއަހަރަށް ހުޅުވާލާފައި ބޭއްވުމެވެ. އާދެ، މުއްދަތު ހަމަވުމުގެ ކުރިން ނޭދެވިގެން ލޯނު ނުލިބުމުގެ ބިރުފިލައި، ވަކި މުއްދަތެއްގެ ތެރޭގައި ނޭދެވުމުގެ ސަބަބުން ލޯނު ލިބުމުން މަޙްރޫމްވުން ނިމުމަކަށް ގެނައުމަކީ، މި ސަރުކާރުގެ އަމާޒެއްކަމަށްވާތީ، އެ އަމާޒަށް ވާޞިލުވުމަށް މި ބަދަލު މިވަނީ ގެނެވިފައެވެ.

އެ ވުޒާރާއިން ބުނީ، އެހެން އަހަރުތަކުގައި އެކި ދާއިރާތަކުން ލޯނު ދޭނެ ސްލޮޓްގެ އަދަދު ކަނޑައަޅާފަދައިން، މިއަހަރު ލޯނު ދޭނެ ސްލޮޓްގެ އަދަދު ކަނޑަނާޅައި ވަރަށް ގިނަ ދާއިރާތަކެއް ހުޅުވާލައިފައިވާ ކަމަށެވެ. ސްލޮޓް ކަނޑަނާޅައި ހުޅުވާލައިފައިވާ ދާއިރާތަކާއި، ސްލޮޓް ކަނޑައަޅާފައިވާ ދާއިރާތަކާއި، އެ ދާއިރާތަކަށް ކަނޑައެޅިފައިވާ ސްލޮޓްގެ އަދަދުތައް އިޢުލާނުންނާއި އޮންލައިން ޕޯޓަލްއިން ސާފުވާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ސްލޮޓްކަނޑަ އަޅާފައިވާ ދާއިރާތަކުގައި ބާކީ ހުންނަ ސްލޮޓްގެ އަދަދު އޮންލައިން ޕޯޓަލުން ފެންނަން ހުންނާނެ ކަމަށާއި ޓްރޭނިންގ ނީޑްސް ލިސްޓްގައި ހިމެނޭ ވަރަށް މަދު ހައިލީ ޓެކްނިކަލް ދާއިރާއެއް މެނުވީ، ހުރިހާ ޓެކްނިކަލް ދާއިރާތަކަކަށްމެ ވާނީ، ލޯނު ލިބޭނެ ދަރިވަރުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމުގެ ބަދަލުގައި، އެ ދާއިރާތަކުން ކިޔަވާނަމަ، ލޯނު ލިބޭނެކަމުގެ ޔަޤީންކަން ލިބޭނެ ގޮތަށް ހުޅުވާލައިފައިވާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. އޭގެ މަޤްޞަދެއްކަމަށް ބުނެފައި ވަނީ،  ޓެކްނިކަލް ދާއިރާތަކުން ކިޔެވުމަށް ހިތްވަރުދިނުމާއެކު، ލޯނު ލިބުމަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުގެ ފުރުޞަތު ފަހިކޮށް ދިނުމަށެވެ.

ކުރީ އަހަރުތަކުގައި ލޯނަށް އެދި ހުށަހެޅުމަށް އޮންނަ، 2 ކެޓެގަރީ ނުވަތަ ގިންތި ކަމުގައިވާ "އަލަށް ކިޔަވަން ފަށާ ދަރިވަރުން" ގެ ކެޓެގަރީ އާއި "އޮންގޮއިން" ކެޓަގަރީ މިއަހަރު ހިމަނާފައި ނުވެއެވެ. އޭގެ ސަބަބުން ނުބައި ކެޓަގަރީއަކަށް އެޕްލިކޭޝަން ހުށަހެޅުވުމުގެ ސަބަބުން އެޕްލިކޭޝަން ޑިސްކޮލިފައިވުން، ނިމުމަކަށް ގެނެވި، އެޕްލިކޭޝަން ހުށަހެޅުން ފަސޭހަވާނެކަމަށް އެ އު ވުޒާރާއިން ބުނެއެވެ. އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންވެސް ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ  އެއް ކެޓަގަރީއަކަށެވެ. ތަފާތުވާނީ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އަލަށް ކިޔަވަން ފަށަން ޤަސްތުކުރާ ދަރިވަރެއްނަމަ، ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅަން ވާނީ ކިޔަވަން ފަށަށް ތައްޔާރުވެފައި ކަމަށާއި ލޯނަށް އެދި ހުށަހަޅާއިރު ފުރިހަމަކުރުމަށް އެދޭ ޕްރޮގުރާމުގެ ޕްލޭސްމަންޓާއި ފީ ގެ ތަފްސީލް ހުށަހެޅުމަށް ވެސް އެ މިނިސްޓްރީން އެދިފައިވެއެވެ.  އެޕްލިކޭޝަން އަވަހަށް ވަޒަންކުރެވި، ފައިސާ ދޫކުރުމުގެ ކަންކަން ނިންމުމަށް އެހެން އަހަރުތަކުގައި ހޭދަވާ ވަގުތަށްވުރެން މާކުރު މުއްދަތެއްގެތެރޭގައި ނިންމުމަށް އަމާޒުކޮށްގެން ގެނެސްފައިވާ ބަދަލެއް ކަމަށް ވެސް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.

ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހެނީ އޮންލައިން  ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ހުރިހާ ލިޔުމަކާއެކުއެވެ.

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *