އަންނަ އަހަރުން ފެށިގެން ޕްރެޒިޑެންޓް ސްކޮލަރޝިޕްގައި ކިޔެވޭނީ ޓްރެއިނިންގ ނީޑްސް ރިކުއަޔަރމަންޓް ލިސްޓުގައި ހިމާފައިވާ ދާއިރާތަކުން

ޕްރެޒިޑެންޓް ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ވެސް ކިޔަވަން ފުރުޞަތު ދޭނީ ރާއްޖޭގެ ޓްރެއިނިންގ ނީޑްސް ރިކުއަޔަރމަންޓް ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުން ކަމަށް އެ ސްކޮލަރޝިޕް ދިނުމާ ބެހޭ އުޞޫލުގައި ހިމަނައިފިއެވެ.

2024 ވަނަ އަހަރު އެކުލަވާލި އުޞޫލުގައި އޮންނަ ގޮތުން ޕްރެޒިޑެންޓް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖެއިން ޤަބޫލުކުރާ ދުނިޔޭގެ ކޮންމެ ޔުނިވަރސިޓީއެއްގައި ބޭނުން ރޮނގަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ދެއެވެ.

މިއަދު ގެޒެޓް ކުރި އުޞޫލުގައި ބުނެފައި ވަނީ، އެނިސްޓްރީން ޝާއިޢުކޮށް އާންމުކޮށްފައިވާ ރާއްޖޭގެ ޓްރެއިނިންގ ނީޑްސް ރިކުއަޔަރމަންޓް ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުން ކަމުގައި ވިޔަސް މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ޕްރެޒިޑެންޓް ސްކޮލަރޝިޕް ހޯދި ދަރިވަރުންނަށް، އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ދެވޭނެ ކަމަށެވެ.

ޕްރެޒިޑެންޓް ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް، ސްޓައިޕެންޑްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަށްވުރެ އިތުރަށް 6000 ރުފިޔާގެ އަލަވަންސެން ވަނީ ހަމަޖައްސައިދީފައެވެ. މިއީ، އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުން ރާއްޖޭގައި ކިޔަވަން ހިތްވަރު ދިނުމުގެ ގޮތުން މި ފަހަރު ގެނެސްފައިވާ  ބަދަލެކެވެ.

ޕްރެޒިޑެންޓް ސްކޮލަރޝިޕް ލިބިގެން ކިޔަވާ ދަރިވަރުން 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަން ޖެހެއެވެ. ޚިދުމަތް ނުކުރާ ފަރާތްތަކުން ސްކޮލަރޝިޕަށް ސަރުކާރުން ކުރި ޚަރަދު، ކަނޑައަޅާ ގޮތެއްގެ މަތިން ދައްކަން ޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *