މާލޭގެ ސާޅީސްވަނަ ސްކައުޓް ގްރޫޕުން އެމްއެންޑީއެފްއާ ގުޅިގެން ސްކައުޓުންނަށް ޚާއްޞަ ފަސްޓްއެއިޑް ކޯހެއް

މާލޭގެ ސާޅީސްވަނަ ސްކައުޓް ގްރޫޕާއި އެމްއެންޑީއެފް މެޑިކަލް ކޯރ ގުޅިގެން "ސީޕީއާރު-އޭއީޑީ" އަދި "ސްޓޭންޑަރޑް ފަސްޓްއެއިޑް" ކޯހެއް ފަށައިފިއެވެ.

މާރިޗު 23 އިން 29 އަށް ހިރިޔާ ސްކޫލުގައި ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި މާލޭގެ ސާޅީސްވަނަ ސްކައުޓް ގްރޫޕުގެ 8 ސްކައުޓުންނާއި، އަމީނިއްޔާ ސްކޫލުގެ 3 ސްކައުޓުންނާއި، ހިރިޔާ ސްކޫލުގެ 4 ސްކައުޓުންގެ އިތުރުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 7 ސްކައުޓުން ބައިވެރިވެއެވެ.

މި ކޯހުގެ މުޤައްރަރުގައި ފަސްޓްއެއިޑްގެ އަސާސްތަކާއި، ނޭވާލާ ނިޒާމާއި ކާޑިއޯވަސްކިއުލަރ ނިޒާމަށް އަންނަ ބަދަލުތަކުގެ އިތުރުން، ސީޕީއާރު ދޭނެ ގޮތާއި، ހޭނެތިފައިވާ މީހުންނަށް ފަރުވާދިނުމާއި، ޒަޚަމްތަކުން ލޭއައުން ހުއްޓުވުމާއި، ފިހުމުގެ ހާދިސާތަކުގައި ޢަމަލުކުރާނެ ގޮތްތައް ހިމެނެއެވެ. މީގެއިތުރުން، ހާޓް އެޓޭކާއި، ނޭވާހިއްލުމާއި، ސްޓްރޯކް ފަދަ ސިއްހީ ކުއްލި ނުރައްކާތަކުގެ ހާލަތްތަކުގައި ކަންކުރާނެ ގޮތާއި، ބަލިމީހުން އުފުލާނެ އުކުޅުތަކާއި، ހީޓް ސްޓްރޯކް ފަދަ ހޫނުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ފަރުވާދޭނެ ގޮތް އެމްއެންޑީއެފްގެ މެޑިކުން ދަނީ އުނގަންނައިދެމުންނެވެ. ބައިވެރިންގެ ފެންވަރު ވަޒަންކުރުމަށްޓަކައި ތިއަރީ އަދި ޕްރެކްޓިކަލް އިމްތިޙާނުތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ކޯސް ކާމިޔާބުކަމާއެކު ނިންމާލާ ސްކައުޓުންނަށް، އެކުދިންގެ ޕްރޮފިޝެންސީ ބެޖުތައް ކަމުގައިވާ ފަސްޓްއެއިޑް ބެޖާއި އެމްބިއުލާންސް ބެޖަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބޭނެ ކަމަށް މާލޭގެ ސާޅީސްވަނަ ސްކައުޓް ގްރޫޕުން މަޢުލޫމާތު ދެއެވެ. މިއީ އެމް.އެން.ޑީ.އެފާ ގުޅިގެން އެ ގްރޫޕުން މި ކޯސް އިންތިޒާމުކުރި ދެވަނަ ފަހަރެވެ. މި ސިލްސިލާގެ ފުރަތަމަ ކޯސް އެ ސްކައުޓް ގްރޫޕުން އިންތިޒާމުކޮށްގެން ބާއްވާފައިވަނީ 2024 ވަނަ އަހަރުއެވެ.

މާލޭގެ ސާޅީސްވަނަ ސްކައުޓް ގްރޫޕަކީ ވަކި ސްކޫލަކަށް ނިސްބަތްނުވެ، ސްކައުޓް އަދި ރޯވަރ ސްކައުޓްގެ ޢުމުރުފުރާތަކަށް އަމާޒުކޮށްގެން މާލޭގައި ހިންގާ ހަމައެކަނި ސްކައުޓް ގްރޫޕެވެ. ކޮންމެ ސްކޫލަކަށް ނިސްބަތްވާ ކުއްޖަކަށްވެސް މި ސްކައުޓް ގްރޫޕާ ގުޅުމުގެ ފުރުޞަޠު އަބަދުވެސް އޮންނަނީ ހުޅުވާލާފައެވެ. މި ގްރޫޕުން ހިންގާ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ ކަންކަން ތަޖުރިބާކުރަން ބޭނުންވާ ކުދިންނަށާއި، ސްކައުޓް ޙަރަކާތުގައި އެންމެ ފުރިހަމަ ގޮތުގައި އުޅެން ބޭނުންވާ ކުދިން މާލޭގެ ސާޅީސްވަނަ ސްކައުޓް ގްރޫޕާ ގުޅުމުގެ ފުރުޞަޠު މިހާރުވެސް އެބައޮތް ކަމަށް އެ ގްރޫޕުން މަޢުލޫމާތު ދެއްވައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *