ސްކޮލަރޝިޕްގެ ފުރުޞަތުތަކާއެކު، ވީއައިއެޗްއެސްއަށް ވަންނަން ފޯމް ހުށައަޅަން ހުޅުވާލައިފި

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ކިޔެވުމަށް އެދޭ ދަރިވަރުންނަށް އެޕްރީލް 1 ވަނަ ދުވަހުން ފެށިގެން އެޕްލިކޭޝަން ހުށައަޅަން ހުޅުވާލައިފިއެވެ.

ވީއައިއެޗްއެސްއިން މިއަދު ބުނީ، އެ ސްކޫލުން ކިޔަވައިދޭ މާއްދާތަކާއި ލިބެން ހުރި ޖާގައިގެ ތަފުސީލު ސްކޫލުގެ ރަސްމީ  ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށެވެ. ކިޔަވަން ބޭނުންވާ މާއްދާތަކުން ފުރުސަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށްވާތީ، ވީހާވެސް އަވަހަކަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ސަމާލުކަން ދިނުމަށް އެ ސްކޫލުން އެދެއެވެ. ސްކޫލަށް ވަނުމާ ގުޅޭ މަޢުލޫމާތާއި ސްކޮލަރޝިޕްތަކުގެ ތަފްސީލު އަދި ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިތުރު މަޢުލޫމާތު ވެސް އެ ސްކޫލުގެ ވެބްސައިޓުން ސާފުވާނެ ކަމަށް ވީއައިއެޗްއެސްއިން ބުނެއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަކީ އެލެވެލްގެ އެއްމެ ގިނަ މާއްދާތައް ދިވެހިރާއްޖޭގައި ކިޔަވައިދޭ ސްކޫލެވެ. ނިމިދިޔަ އޭލެވެލް އިމްތިހާނުގައި 106 ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާއިރު، 32 ދަރިވަރަކު ވަނީ "ހައި އެޗީވާސް" ސްކޮލަޝިޕް ހާސިލްކޮށްފައެވެ. ހުރިހާ މާއްދާތަކަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުން ނިސްބަތުން އެންމެ ގިނައިން ހިމެނިފައިވަނީ ވެސް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނެވެ. މިގޮތުން އެވެރެޖްކޮށް ހުރިހާ މާއްދާ އަކުންވެސް ރާއްޖޭގެ ނިސްބަތުން 26 އިންސައްތަ އާއި 30އިންސައްތަ އާ ދެމެދުގެ އަދަދަކީ އެ ސްކޫލުގެ ދަރިވަރުންނެވެ. މީގެ އިތުރުން ، އެކައުންޓިންގް މާއްދާއިން 52 އިންސައްތަ ފިޒިކްސް އިން 42 އިންސައްތަ އަދި ބިޒްނަސް ސްޓަޑީޒް އިން 40 އިންސައްތަ ދަރިވަރުންނަކީވެސް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނެވެ. އަދި 2025 ވަނަ އަހަރު އޭލެވެލްއާ އެކު ވިލާ ކޮލެޖުގެ  C4ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުން ހިމެނޭހެން ގްރެޖުއޭޓްވި ދަރިވަރުންގެ 98 އިންސައްތައަކީ ޔުނިވާސިޓީ ތައުލީމަށް ސީދާ ޝަރުތުހަމަވާ ދަރިވަރުންނެވެ.

 

ވީއައިއެޗްއެސް ބުނީ، އެ ސްކޫލުގެ މުސްތަގުބަލުގެ އަމާޒަކީ ރާއްޖޭގައި އެންމެ މަތީ ނަތީޖާ ނެރޭ ސްކޫލުގެ މަގާމު އަބަދުވެސް ދިފާއުކޮށް ބައިނަލްއަގުވާމީ ފެންވަރުގެ އެވްރެޖަށް ވުރެ މަތީގައި ނަތީޖާތައް ދެމެހެއްޓުން ކަމަށެވެ.

ސްކޮލަރޝިޕްގެ ފުރުސަތު

ވީއައިއެޗްއެސްއަށް ވަންނަން ފޯމްހުށައަޅާ ދަރިވަރުންނަށް އެ ސްކޫލުން ކުރިއަށް ގެންދާ ސްކޮލަރޝިޕް ޕްރޮގްރާމުގައި ބައިވެރިވެވެއެވެ. އެ ގޮތުން ތިން ސްކޮލަރޝިޕެއް ކުރިއަށް ގެންދެއެވެ. އެއީ:

  • ޤާސިމް އިބްރާހިމް ސްކޮލާރޝިޕް ފޯރ އެކްސެލެންސް- މިސްކޮލާރޝިޕްގެ ދަށުން މިއަހަރު އޯލެވެލް އިމްތިޙާނުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދައިފައިވާ ދަރިވަރުންނަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އިން ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
  • ބްރިލިއަންސް ސްޓޫޑަންޓް ސްކޮލަރޝިޕް .– ކިޔެވުމުގެ ނަތީޖާއަށް ބަލައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ދަރިވަރުންނަށް ދެވޭ ޓިއުޝަން ފީގެ އިނާޔަތް.
  • ސްޕޯޓްސް ސްކޮލަރޝިޕް .– ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރުންނަށް ދެވޭ ޓިއުޝަން ފީގެ އިނާޔަތް.

މި ސްކޮލަރޝިޕްތަކުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި އަދި ހީވާގި ދަރިވަރުންގެ މަސައްކަތްތައް ބަލައިގަނެ، އެކުދިންގެ ތައުލީމީ ދަތުރުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މިއީ އެ ދަރިވަރުންގެ ކިބައިގައިވާ ފުރިހަމަ ޤާބިލިއްޔަތު ދެނެގަނެ އެކުދިންގެ ކުރިމަގު އުޖާލާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދެވޭ ފުރުސަތެއްކަމަށް ވީއައިއެޗްއެސްއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *