ވިލާ ކޮލެޖުގެ ޤާސިމް އިބްރާހީމް ސްކޫލް އޮފް ބިޒްނަސް އަށް، ސައުތު އޭޝިއަން ކޮލިޓީ އެޝުއަރެންސް ސިސްޓަމް (އެސްއޭކިއުއެސް) އެކްރެޑިޓޭޝަން ލިބިއްޖެއެވެ.
އެސްއޭކިއުއެސް އަކީ ދުނިޔޭގެ ފެންވަރުގައި ބިޒްނަސް ސްކޫލްތައް އެކްރެޑިޓް ކުރާ އޭއޭސީއެސްބީ، އީކުއިސް، އަމްބާ ފަދަ ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަން ނިޒާމުތަކާ އެއް ފެންވަރެއްގައި، އޭޝިއާ ސަރަޙައްދުގައި ބިޒްނަސް ސްކޫލްތައް އެކްރެޑިޓް ކުރުމަށް ހިންގާ ނިޒާމެކެވެ. މީގެ ކުރިން އެސްއޭކިއުއެސް އެކްރެޑިޓޭޝަން ލިބިފައިވަނީ ބަންގްލަދޭޝް، ސްރީ ލަންކާ، އިންޑިއާ އަދި ޕާކިސްތާނުގެ ބިޒްނަސް ސްކޫލްތަކަށް ކަމުގައިވާއިރު، ވިލާ ކޮލެޖުގެ ކިއު.އައި.އެސް.ބީ ވެގެންމިދިޔައީ މި ޝަރަފު ލިބުނު ދިވެހިރާއްޖޭގެ ފުރަތަމަ މުއައްސަސާއަށެވެ. މިހާތަނަށް ދުނިޔޭގެ 60 އެއްހާ ބިޒްނަސް ސްކޫލެއް އެސްއޭކިއުއެސް ނިޒާމުގައި ހިމެނިފައިވެއެވެ.
މިއީ ހަމައެކަނި ވިލާ ކޮލެޖަށް ލިބުނު ފަޚުރެއް ނޫނެވެ. މިއީ ދިވެހިރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެކެވެ. އަދި ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް މުހިންމު ކާމިޔާބީއެކެވެ. ޤާސިމް އިބްރާހީމް ސްކޫލް އޮފް ބިޒްނަސްއަކީ ވިލާ ކޮލެޖުގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ސްކޫލެވެ. އަދި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތައް އެންމެ ގިނައިން ހިންގާ ސްކޫލެވެ.
މިއަދު މި ކާމިޔާބީ ހިއްސާ ކުރުމަށް ވިލާ ކޮލެޖުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބު ވިދާޅުވީ “މިއީ ދިވެހިރާއްޖެއަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއް. އަދި ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް. ވިލާ ކޮލެޖަކީ އަބަދުވެސް އެންމެ މަތީ ފެންވަރުގެ ތަޢުލީމެއް ދޭ މުއައްސަސާއަކަށް ވުމަށްޓަކައި، ޚާއްޞަކޮށް ބިޒްނަސް އެޑިއުކޭޝަންގައި އެންމެ ރަނގަޅު މުއައްސަސާއަކަށް ވުމަށްޓަކައި މަސައްކަތްކުރަމުންދާ ތަނެއް. މި އެކްރެޑިޓޭޝަނަކީ އެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު އިތުބާރެއް” ކަމަށެވެ.
ޤާސިމް އިބްރާހީމް ސްކޫލް އޮފް ބިޒްނަސްގެ ޑީން ޢަބްދުﷲ ނާފިޒް ވިދާޅުވީ “އެކްރެޑިޓެޑް ސްކޫލަކުން ނިކުންނަ ދަރިވަރުންނަކީ އެ ޤައުމެއްގެ އެންމެ ޓޮޕް ޓެލެންޓްކަން ވަޒީފާދޭ ފަރާތްތަކަށް ޔަޤީންވެގެންދާނެ. މި ޔަޤީންކަން ދެނީ އަޅުގަނޑުމެންނެއް ނޫން. މިކަން ޔަޤީންކޮށްދެނީ ބައިނަލްއަޤްވާމީ ކޮލިޓީ އެޝުއަރެންސް އޭޖެންސީއަކުން” ކަމަށެވެ.
ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮރ އެކެޑެމިކް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ މޫސާ މުޙައްމަދު މަނިކު ވިދާޅުވީ “ރާއްޖޭގައި ކޮލިޓީ އެޝުއަރކުރަން ޤައުމީ ނިޒާމުތައް އެބަހުރި. ނަމަވެސް އަޅުގަނޑުމެން އޭގެ ބޭރުން ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް އަޅުގަނޑުމެންގެ ފެކަލްޓީ، ސްޓާފުން، އަދި ޕްރޮގްރާމްތަކަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ބިޒްނަސް ސްކޫލްތަކުގައި ހިންގާ ފެންވަރުގެ ޕްރޮގްރާމްތަކެއްކަން ސާބިތުކޮށްދީފި” ކަމަށެވެ.
މި އެކްރެޑިޓޭޝަންގެ ދަށުން ކިއު.އައި.އެސް.ބީ އިން ހިންގާ ބިޒްނަސް އެންޑް މެނޭޖްމަންޓް ދާއިރާގެ މާސްޓަރސް ފެންވަރުގެ 5 ޕްރޮގްރާމާއި ބެޗްލަރސް ފެންވަރުގެ 8 ޕްރޮގްރާމާއިއެކު ޖުމްލަ 13 ޕްރޮގްރާމެއް ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެ އެކްރެޑިޓްކުރެވިފައެވެ. މި ކާމިޔާބީއާއެކު، ކިއު.އައި.އެސް.ބީ އަށް "އެސްއޭކިއުއެސް އެކްރެޑިޓެޑް" ކޮލިޓީ ލޭބަލް ބޭނުންކުރެވޭނެއެވެ.
އެސްއޭކިއުއެސް އެކްރެޑިޓޭޝަނަކީ ކޮބާ؟
އެސްއޭކިއުއެސް އަކީ 1989 ވަނަ އަހަރު އުފެދުނު އެސޯސިއޭޝަން އޮފް މެނޭޖްމަންޓް ޑިވެލޮޕްމަންޓް އިންސްޓިޓިއުޝަންސް އިން ސައުތު އޭޝިއާ (އެމް.ޑީ.ސާ) އިން ދެކުނު އޭޝިއާ ސަރަޙައްދުގެ ބިޒްނަސް ސްކޫލްތަކުގެ ފެންވަރު ވަޒަންކޮށް އެކްރެޑިޓް ކުރުމަށް ހިންގާ ބައިނަލްއަޤްވާމީ ކޮލިޓީ އެޝުއަރެންސް ޕްރޮގްރާމެކެވެ. އެމް.ޑީ.ސާ އަކީ ދެކުނު އޭޝިއާގެ 334 އަށްވުރެ ގިނަ މެނޭޖްމަންޓް އިންސްޓިޓިއުޓްސް ގުޅާލަދޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. އެސްއޭކިއުއެސް އެކްރެޑިޓޭޝަނަކީ މެންޓަރިންގ، ސެލްފް-އެސެސްމަންޓް، ޕިއަރ ރިވިއު، އަދި ސްޓްރެޓީޖިކް ގައިޑެންސް އެކުލެވޭ ކޮލިޓީ ކުރިއެރުވުމުގެ ނިޒާމެކެވެ. އެސްއޭކިއުއެސް ގެ ބައިނަލްއަޤްވާމީ ފެންވަރު ހާމަކޮށްދޭ އެއް ހެތްކަކީ، އިންޑިއާގެ އެސޯސިއޭޝަން އޮފް އިންޑިއަން ޔުނިވަރސިޓީސް އިން އެސްއޭކިއުއެސް އެކްރެޑިޓޭޝަން، އެ ޤައުމުގެ ނެޝަނަލް ބޯޑް އޮފް އެކްރެޑިޓޭޝަން އާއި އެއް ފެންވަރެއްގެ ގޮތުގައި ބަލައިގެންފައިވުމެވެ.
ދިވެހިރާއްޖޭގައި މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ ފެންވަރު ކަށަވަރުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭޝަން، އިންސްޓިޓިއުޝަނަލް ރިވިއު، އަދި ޕްރޮފެޝަނަލް ބޮޑީތަކުގެ ނިޒާމުތައް ޤާއިމުވެފައި އެބަހުއްޓެވެ. ނަމަވެސް ވިލާ ކޮލެޖުން ވަނީ އެ ނިޒާމުތަކުގެ ބޭރުން، ބައިނަލްއަޤްވާމީ ފެންވަރެއްގައި ވެސް ފެކަލްޓީތަކާއި، ސްޓާފުންނާއި، ޕްރޮގްރާމްތަކުގެ ފެންވަރު ސާބިތުކޮށްދީފައެވެ.
އެކްރެޑިޓޭޝަން ހާސިލުކުރުމުގެ ދަތުރު
މި އެކްރެޑިޓޭޝަން ހާސިލުކުރުމުގެ ދަތުރު ކިއު.އައި.އެސް.ބީއަށް ފެށިގެން އައީ 2021 ވަނަ އަހަރު، އެސްއޭކިއުއެސް އެކްރެޑިޓޭޝަން ޕްރޮސެސްގައި ބައިވެރިވުމުގެ ހުއްދަ (އެލިޖިބިލިޓީ) ލިބުނު ހިސާބުންނެވެ. އެ ހިސާބުން އެސްއޭކިއުއެސް ގެ ފަރާތުން ކިއު.އައި.އެސް.ބީ އަށް ބައިނަލްއަޤްވާމީ މެންޓޯއެއް ޢައްޔަނުކުރެވުނެވެ. އެ މެންޓޯއާ އެކު ގާތްގަނޑަކަށް 2 އަހަރު ދުވަހު މަސައްކަތްކޮށް، ކިއު.އައި.އެސް.ބީ ގެ ޕްރޮސެސްތައް ރަނގަޅުކޮށް، ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ސެލްފް-އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރެވުނެވެ. އެއަށްފަހު ބައިނަލްއަޤްވާމީ ޕިއަރ ރިވިއު ޓީމު ރާއްޖެ ވަޑައިގެން ކިއު.އައި.އެސް.ބީ ގެ ކަންކަން ފިޒިކަލީ ބައްލަވައި، ރެކޮމެންޑޭޝަންތައް ހުށަހެޅުއްވިއެވެ. 28 ފެބްރުއަރީ 2026 ގައި އެސްއޭކިއުއެސް އެކްރެޑިޓޭޝަން އެވޯޑިންގ ކޮމިޓީން ވަނީ މި އެކްރެޑިޓޭޝަން ވިލާ ކޮލެޖުގެ ކިއު.އައި.އެސް.ބީއަށް ދެއްވާފައެވެ.
ގާތްގަނޑަކަށް 5 އަހަރު ދެމިގެންދިޔަ މި ދަތުރުގައި ވިލާ ކޮލެޖުގެ ލީޑަރޝިޕާއި، ފެކަލްޓީގެ މެންބަރުންނާއި، ދަރިވަރުންގެ ބައިވެރިވުން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. މި އެކްރެޑިޓޭޝަނަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޕްރޮގްރާމްތަކާއި މުއައްސަސާ އެކްރެޑިޓް ކުރުމަށް ވިލާ ކޮލެޖުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު ކާމިޔާބީއެކެވެ.

ދަރިވަރުންނަށް މި އެކްރެޑިޓޭޝަންގެ މުހިންމުކަމަކީ ކޮބާ؟
މިނިވަން، ބައިނަލްއަޤްވާމީ ބޮޑީއަކުން މި އެކްރެޑިޓޭޝަން ލިބުމުން އަންގައިދެނީ، ވިލާ ކޮލެޖުން ދަރިވަރުންނަށް ލިބޭ ސަނަދަކީ ބިޒްނަސް ތަޢުލީމު ދިނުމުގައި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ މިންގަނޑުތަކަކަށް ފެތޭ ސަނަދެއް ކަމެވެ. މިކަމުގެ ސަބަބުން ވިލާ ކޮލެޖުގެ ދަރިވަރުންނަށް އަންނަނިވި ފައިދާތައް ލިބިގެންދާނެއެވެ:
- ވިލާ ކޮލެޖުން ފޯރުކޮށްދޭ ބިޒްނަސް ޕްރޮގްރާމްތަކުގެ ކިޔަވައިދިނުމާއި، މުޤައްރަރު ފަރުމާކޮށްފައިވާ ގޮތާއި، އެކެޑެމިކް ހިންގުމުގެ ނިޒާމު އަދި ދަރިވަރުންނަށް ދެވޭ އެހީތެރިކަން ހުރީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަން މި އެކްރެޑިޓޭޝަނުން ކަށަވަރުކޮށްދެއެވެ.
- ބައިނަލްއަޤްވާމީ ކަމާބެހޭ ފަރާތްތަކުން ފެންވަރު ވަޒަންކުރުމަށްފަހު ދީފައިވާ މި އެކްރެޑިޓޭޝަންގެ ސަބަބުން، ދަރިވަރުންނަށް ލިބޭ ސަނަދުގެ އަގު ވަޒީފާގެ ބާޒާރުގައި އުފުލި، ވަޒީފާދޭ ފަރާތްތަކުގެ މެދުގައި އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ.
- ބައިނަލްއަޤްވާމީ ފެންވަރުގައި އެކްރެޑިޓް ކުރެވިފައިވާ ބިޒްނަސް ސްކޫލަކުން ގްރެޖުއޭޓްވެގެން ނިކުންނަ ދަރިވަރުންނަކީ އެ ޤައުމެއްގެ އެންމެ ޤާބިލު ދަރިވަރުންކަން ވަޒީފާދޭ ފަރާތްތަކަށާއި ސިނާޢީ ދާއިރާތަކަށް ޔަޤީންކޮށްދެއެވެ.
- އެސްއޭކިއުއެސް އެކްރެޑިޓޭޝަން ލިބުމުގެ އެއް ސަބަބަކީ ވިލާ ކޮލެޖާއި ސިނާޢީ ދާއިރާތަކާ ދެމެދު އޮންނަ ވަރުގަދަ ގުޅުމެވެ. ކިއު.އައި.އެސް.ބީ ގައި ދަރިވަރުންނަށް ލިބިގެންދާނީ ޢަމަލީ ތަޖުރިބާ އެކުލެވޭ، މަސައްކަތުގެ މާޙައުލަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ، އަދި ދިވެހިރާއްޖޭގެ ބޭންކިންގ، ޓޫރިޒަމް، އޭވިއޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ދާއިރާތަކާއި ގުޅުންހުރި ތަޢުލީމެކެވެ.
- އެސްއޭކިއުއެސް އެކްރެޑިޓޭޝަންގައި ހަމައެކަނި މުޤައްރަރު ވަޒަންކުރެވެނީއެއް ނޫނެވެ. ކިޔަވައިދެއްވާ ބޭފުޅުންގެ ފެންވަރާއި ޤާބިލުކަން ވެސް ވަކި ސްޓޭންޑަރޑަކަށް ހުރިތޯ ބެލެއެވެ. މީގެ މާނައަކކިޔަވައިދެއްވަނީ ބައިނަލްއަޤްވާމީ ފެންވަރެއްގެ ފެކަލްޓީ ކަން ދަރިވަރުންނަށް ކަށަވަރުކުރެވެއެވެ.
- އެސްއޭކިއުއެސް އެކްރެޑިޓޭޝަނަކީ ދަރިވަރުންގެ ތަޖުރިބާއާއި، ކިޔަވައިދިނުމާއި، ދިރާސާކުރުމުގެ ފެންވަރު މެދުކެނޑުމެއް ނެތި ރަނގަޅުކުރުމަށް ކޮލެޖުން ކަނޑައަޅާފައިވާ ޢަޒުމެކެވެ. އެކްރެޑިޓޭޝަން ލިބުމަށްފަހު ވެސް ކޮންމެ އަހަރަކު ކޮލިޓީ ރިވިއުކުރެވި، މިންގަނޑުތައް ހިފެހެއްޓޭތޯ ބެލެމުންދާނެއެވެ.
- މި އެކްރެޑިޓޭޝަންގެ ފައިދާ ލިބެނީ ހަމައެކަނި މިހާރު ކިޔަވާ ދަރިވަރުންނަކަށް ނޫނެވެ. މީގެ ކުރިން ކިއު.އައި.އެސް.ބީ އިން ގްރެޖުއޭޓްވެފައިވާ ދަރިވަރުންނަށް (އެލުމްނައި) ވެސް މި އެކްރެޑިޓޭޝަންގެ ސަބަބުން އެ ދަރިވަރުންގެ ސަނަދުތަކުގެ ބައިނަލްއަޤްވާމީ ޤަދަރު އުފުލިގެންދެއެވެ. ހަމައެހެންމެ، އިންޑަސްޓްރީ ޕާޓްނަރުންނަށް ކިއު.އައި.އެސް.ބީ އިން ނިކުންނަ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ތައްޔާރުވެފައިވާ ފެންވަރު ރަނގަޅު ގްރެޖުއޭޓުން ކަމުގެ ޔަޤީންކަން ލިބިގެންދާނެއެވެ.
- އެސްއޭކިއުއެސް އަކީ ދެކުނު އޭޝިއާ ސަރަޙައްދުގައި ބަލައިގަންނަ ނިޒާމެކެވެ. އެހެންކަމުން، ދަރިވަރުން ހާސިލުކުރާ ސަނަދަކީ ސަރަޙައްދީ ފެންވަރުގެ ކޮލިޓީ ފްރޭމްވޯކެއްގެ ދަށުން ވަޒަންކޮށް ބަލައިގެންފައިވާ މުއައްސަސާއެއްގެ ސަނަދެއް ކަމުގެ ޔަޤީންކަން ލިބެއެވެ.

އެކްރެޑިޓޭޝަން ލިބިފައިވާ 13 ޕްރޮގްރާމް
އެސްއޭކިއުއެސް އެކްރެޑިޓޭޝަން އެވޯޑިންގ ކޮމިޓީން ޕިއަރ ރިވިއު ޓީމުގެ ރެކޮމެންޑޭޝަނާ އެއްގޮތަށް، ކިއު.އައި.އެސް.ބީ ގެ ތިރީގައިވާ ޕްރޮގްރާމްތައް ވަނީ އެސްއޭކިއުއެސް އިންސްޓިޓިއުޝަނަލް އެކްރެޑިޓޭޝަންގެ ދަށުގައި ހިމަނާފައެވެ:
- މާސްޓަރ އޮފް އާޓްސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް
- މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން
- މާސްޓަރ އޮފް ސައިންސް އިން އޭވިއޭޝަން މެނޭޖްމަންޓް
- މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް
- މާސްޓަރ އޮފް ޕްރޮފެޝަނަލް އެކައުންޓިންގ
- ބެޗްލަރ އޮފް އާޓްސް އިން ބޭންކިންގ އެންޑް ފައިނޭންސް
- ބެޗްލަރ އޮފް އާޓްސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް
- ބެޗްލަރ އޮފް އާޓްސް އިން ބިޒްނަސް އެންޑް އޭވިއޭޝަން މެނޭޖްމަންޓް
- ބެޗްލަރ އޮފް އާޓްސް އިން ބިޒްނަސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް
- ބެޗްލަރ އޮފް އާޓްސް އިން ބިޒްނަސް މެނޭޖްމަންޓް
- ބެޗްލަރ އޮފް އާޓްސް އިން ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގ
- ބެޗްލަރ އޮފް ސައިންސް އިން އެކައުންޓިންގ އެންޑް ފައިނޭންސް
- ބެޗްލަރ އޮފް އާޓްސް އިން ޓުއަރިޒަމް އެންޑް ހޮޓެލް މެނޭޖްމަންޓް
ފާހަގަކޮށްލެވޭ މުހިންމު ކަމަކީ މި އެކްރެޑިޓޭޝަންގައި ހިމެނެނީ ހަމައެކަނި ކިއު.އައި.އެސް.ބީ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތައް ކަމެވެ.

ވިލާ ކޮލެޖުގެ ފުޅާ އެކްރެޑިޓޭޝަން އެޖެންޑާ
ވިލާ ކޮލެޖަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ ތެރެއިން ބައިނަލްއަޤްވާމީ ފެންވަރުގެ ރިކޮގްނިޝަންތައް ހޯދުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުންދާ މުއައްސަސާއެކެވެ. ކިއު.އައި.އެސް.ބީ ގެ އެސްއޭކިއުއެސް އެކްރެޑިޓޭޝަންގެ އިތުރުން، ވިލާ ކޮލެޖުގެ އެހެން ފެކަލްޓީތަކާއި ސްކޫލްތަކާއި ސެންޓަރުތަކަށް ވެސް ބައިނަލްއަޤްވާމީ ފެންވަރުގެ އެކްރެޑިޓޭޝަންތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހަމައެހެންމެ، ކޮލެޖު ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތުގައި ކޮލިޓީ އެޝުއަރެންސް ގެ މިފަދަ ކާމިޔާބީތައް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.
މި އެކްރެޑިޓޭޝަންގެ ސަބަބުން، ދުނިޔޭގެ އެންމެ ބޮޑެތި ބިޒްނަސް ސްކޫލް އެކްރެޑިޓޭޝަންތައް ކަމުގައިވާ އޭއޭސީއެސްބީ އަދި އީކުއިސް ފަދަ އެކްރެޑިޓޭޝަންތައް ހާސިލުކުރުމަށް ކުރިއަށް ދާން ފަސޭހަވެގެންދާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
ވިލާ ކޮލެޖުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދަރިވަރުންނަށް އެންމެ ފެންވަރު ރަނގަޅު މަތީ ތަޢުލީމު ރާއްޖޭގައި ތިބެގެން ހާސިލުކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ. މި އެކްރެޑިޓޭޝަނަކީ އެ މަޤްޞަދު ހާސިލުކުރުމަށާއި، ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އެސްއޭކިއުއެސް އެކްރެޑިޓޭޝަން ލިބިފައިވާ މުއައްސަސާއެއްގައި ބިޒްނަސް ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް މިހާރު މިވަނީ ފަހިވެފައެވެ. ކޮލެޖުގެ ކުރިއަށް އޮތް މެއި މަހުގެ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ ބިޒްނަސް ތަޢުލީމެއް ރާއްޖޭގައި ތިއްބެގެން ހާސިލުކުރުމުގެ ފުރުޞަތު މިހާރު މިވަނީ ފަހިވެފައެވެ.
advertisment
ހިޔާލު