ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަން ދޭން ފަށައިފިއެވެ. ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަންތައް މެދުކަނޑާލީ 2020 ވަނަ އަހަރުއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، 2019ވަނަ އަހަރަށްފަހު ސްޓެޕް ޕްރޮމޯޝަން ދިނުން ހުއްޓިފައި އޮތް ނަމަވެސް، މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީޢުގެ ވަރަށް ބޮޑު އިސްނެންގެވުމަކާއި ކުރެއްވި ބުރަ މަސައްކަތްޕުޅުން، 2022 ވަނަ އަހަރުން ފެށިގެން ނުލިބި ހުރި ހުރިހާ ސްޓެޕް ޕްރޮމޯޝަންތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.
ސްކޫލްތަކުން ފުރިހަމަކުރަންޖެހޭ އިދާރީ ލިޔެކިޔުންތައް ނިންމައި މިނިސްޓްރީއަށް ހުށަހަޅަމުންދާ ތަރުތީބުން، ޕްރޮމޯޝަން ހައްގުވާ ތާރީޚުން ފެށިގެން ޓީޗަރުންނަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މިހާރު ދަނީ އެއްފަހަރާ ޖަމާކޮށްދެމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މުދައްރިސުންގެ ސްޓެޕް ޕްރޮމޯޝަން ޙައްޤުވާ ދުވަހުން ފެށިގެން ދިނުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސްކޫލްތަކަށް އެންގެވީ މިދިޔަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.
ސްކޫލްތަކަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގާފައިވަނީ، ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ( މުދަރިސުންނާއި އަދި ތަޢުލީމީ ދާއިރާގެ ފަންނީ އެހެނިގެން މުވައްޒަފުން)ގެ ސެޓެޕް ޕްރޮމޯޝަން، ޕޭ ފްރޭމްވަރކްގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފުންނަށް އެ ޕްރޮމޯޝަން ޙައްޤުވާ ތާރީޚުން ފެށިގެން ދިނުމަށެވެ.
ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަންގެ މަސައްކަތް 2026 ޖެނުއަރީ 31ގެ ކުރިންގެ ނިޔަލަށް ނިންމަން ވާނެ ކަމުގައި ވެސް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.
advertisment
ހިޔާލު